ދަޢުވަތު ލިބިއްޖެނަމަ ކުރީގެ ބައިވެރިޔާގެ ކައިވެންޏަށް ދިއުން، ރަނގަޅު ނިންމުމެއްތަ؟

ކުރީގެ ބައިވެރިޔާގެ ކައިވެނީގެ ހަފުލާގައި ބައިވެރިވުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ބައެއް މީހުން ދެކޭއިރު، އަނެއް ބަޔަކު ދެކެނީ އެއީ މާ ބޮޑު މައްސަލައެއް ނޫން ކަމަށް--ފޮޓޯ/ފޭސްބުކް

ދަޢުވަތު ދިން ނަމަވެސް ކުރީގެ ބައިވެރިޔާގެ ކައިވެނީގެ ހަފުލާގައި ބައިވެރިވުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ބައެއް މީހުން ދެކޭއިރު، އަނެއް ބަޔަކު ދެކެނީ އެއީ މާ ބޮޑު މައްސަލައެއް ނޫން ކަމަށެވެ.

ނަމަވެސް، މިއީ ހީކުރާހާ ފަސޭހަ ނިންމުމެއް ނޫނެވެ. މާހިރުން ފާހަގަކުރައްވާ ގޮތުގައި ހަޔާތުގެ ކުރީގެ ބައިވެރިޔާގެ ކައިވެނި ހަފުލާއަށް ދައުވަތު ލިބުނު ނަމަވެސް އެ ހަފްލާއަށް ދިއުމަކީ ކުރީގެ ގުޅުންތަކުގެ އިހުސާސްތައް އަލުން ހޭލައްވާލުމުގެ ފުރުސަތު ބޮޑު، ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ.

އާންމުކޮށް ކައިވެނި ހަފުލާތަކަކީ ވަރަށް އުފާވެރި، އެކުވެރިންނާއި އާއިލާގެ މެދުގައި ބާއްވާ ކުލަގަދަ ހަފުލާތަކެކެވެ. ނަމަވެސް އެއީ ތިމާގެ ކުރީގެ ބައިވެރިޔާގެ ކައިވެނި ކަމުގައިވާނަމަ، އެއީ ހަމައެކަނި އިޖުތިމާއީ ދައުވަތެއް ގަބޫލުކުރުމެއް ނޫނެވެ.

އެއީ ނަފްސާނީ ގޮތުން ކުރިމަތިވާ ވަރަށް ބޮޑު އިމްތިހާނެކެވެ. އެފަދަ ހާލަތެއްގައި ތިމާއަށް ވިސްނޭނީ އެމީހާ އެހެން ބައިވެރިއަކާ އެކު ކައިވެނީގެ އަހުދު ކަށަވަރުކުރާ މަންޒަރު ފެނުމުން އަމިއްލަ ހިތަށް ކޮށްފާނެ އަސަރަކާ މެދުގައެވެ. ބަންދުވެފައިވާ މާޒީގެ ސަފުހާއެއް އަލުން ހުޅުވި، ބޭކާރު ޖަޒުބާތުތަކެއް އުފެދުމުގެ ފުރުސަތު މިފަދަ ހާލަތްތަކުގައި ބޮޑެވެ. އެހެންކަމުން، މިފަދަ ދައުވަތެއް ގަބޫލުކުރުމުގެ ކުރިން އަމިއްލަ ނަފްސާ މެދު ފުންކޮށް ވިސްނާލުން މުހިއްމެވެ.

ހިތުގައި އަދިވެސް ޝަކުވާއާއި ހިތާމަ ހުރި ނަމަ، ކައިވެނި ހަފުލާ އަކީ ނަފްސާނީ ގޮތުން ވަރަށް އުނދަގޫ މާހައުލަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ގުޅުންތަކާ ބެހޭ މާހިރުން ވިދާޅުވޭ--ފޮޓޯ/ފޭސްބުކް

ކޮންމެ ގުޅުމެއްގެ ވެސް ނިމުން ތަފާތެވެ. ގުޅުން ނިމިގެން ދިޔަ ގޮތަކީ ތިމާ ކުރިއަށްދާނެ މަގު ކަނޑައެޅުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.

އިމޯޝަނަލް އިންޓެލިޖެންސް އަދި އެޓިކެޓް ކޯޗު ޓޭލާ އެލިޒަބަތު ވިދާޅުވާ ގޮތުގައި، މި ނިންމުން ބިނާވެފައިވަނީ ތިމާގެ ވިސްނުމުގެ ތަސައްރަފު ފުދިފައިވާ މިންވަރާއި، ގުޅުން ނިމުމަކަށް އައި ސަބަބުތަކުގެ މައްޗަށެވެ. އެކަކު އަނެކަކަށް މާފުކޮށް، ދެމެދުގައި އިހުތިރާމު އޮވެ، ހިތުގައި އިތުރު ލޯތްބެއް ނެތް ނަމަ، އެ ހަފުލާއަށް ދިއުމަކީ ނުވަތަ ދައުވަތު ދިނުމަކީ ދެމީހުންގެ ވިސްނުން ތާޒާވެފައިވާ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވެއެވެ.

"ނަމަވެސް ހިތުގައި އަދިވެސް ނުފިލާ އަސަރުތަކެއް ނުވަތަ މާޔޫސްކަމެއް ވާނަމަ، މީގެ ސަބަބުން މާޒީގެ ހިތްދަތިކަން އަލުން އާލާވެދާނެ. މި ނިންމުމަކީ ހަމައެކަނި ތިމާގެ ތަސައްރަފު ފުދިފައިވާކަން މީހުންނަށް ދައްކަން ނިންމާ ނިންމުމަކަށް ވެގެން ނުވާނެ. އެއީ އަމިއްލަ ނަފްސުގެ ހަމަޖެހުމަށްޓަކައި ނިންމާ ނިންމުމަކަށް ވާންޖެހޭނެ" ޓޭލާ ވިދާޅުވިއެވެ.

ގުޅުންތަކާ ބެހޭ މާހިރު ރުޗީ ރޫހް ފާހަގަކުރައްވާ ގޮތުގައި، ހިތުގައި އަދިވެސް ޝަކުވާއާއި ހިތާމަ ހުރި ނަމަ، ކައިވެނި ހަފުލާ އަކީ ނަފްސާނީ ގޮތުން ވަރަށް އުނދަގޫ މާހައުލަކަށް ވުމުގެ ފުރުސަތު ބޮޑެވެ. ހާއްސަކޮށް ކައިވެންޏަކީ މުޅި އާއިލާއާ ގުޅިފައިވާ ބޮޑު އިޖުތިމާއީ ހަރަކާތަކަށް ވާތީ ކަމަށް އޭނާ ފާހަގަކުރައްވައެވެ.

ކުރީގެ ބައިވެރިޔާގެ ކައިވެނީގެ ހަފުލާއަށް ދާން ނިންމައިފިނަމަ، ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއްވާއިރު، އެކަންކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއް--ފޮޓޯ/ފޭސްބުކް

މާހިރުން ބަޔާންކުރާ ގޮތުގައި، އެ ހަފުލާއަށް ދިއުމުން ދޭހަވަނީ އެ ގުޅުމަކީ މިހާރު އެއްވެސް ނުބައި އަސަރެއް ނެތް، މާޒީވެފައިވާ ކަމެއް ކަމެވެ. ނަމަވެސް، އަނެއްކޮޅުން އެއީ އަދިވެސް ހިތުގައި އޮތް ވާދަވެރިކަމެއް ނުވަތަ ތިމާގެ ދިރިއުޅުން ރަނގަޅުކަން ދައްކަން ކުރާ ކަމެއް ކަމުގައި ވާނަމަ، އެއީ އަދިވެސް ނަފްސާނީ ގޮތުން އެކަމުން މިންޖުނުވެވޭ ކަމުގެ އަލާމާތެކެވެ.

ކުރީގެ ބައިވެރިޔާގެ ހާލަތު ބަލައިލަން ބޭނުންވުމަކީ އިންސާނީ ތަބީއަތެކެވެ. ބައެއް މީހުންނަށް މިއީ މާޒީން މުޅިން މިންޖުވެވިއްޖެކަން އަމިއްލަ ނަފްސަށް ސާބިތުކޮށްދިނުމުގެ ފުރުސަތެކެވެ. އަނެއް ބަޔަކު އެކަން ކުރަނީ ކުރީގެ ބައިވެރިޔާގެ ހަޔާތާބެހޭ މައުލޫމާތު އަދިވެސް އެނގެން ބޭނުންވާތީއެވެ. ނުވަތަ އަމިއްލަ ނަފްސަކީ މިހާރު ކާމިޔާބު މީހެއްކަން ދެއްކުމަށެވެ. އެހެންކަމުން، މި ހުރިހާ ކަމެއްގައިވެސް އެންމެ މުހިންމީ ތިމާގެ ހިތުގެ ނިޔަތެވެ.

މިފަދަ ނިންމުމެއް ނިންމުމުގެ ކުރިން އަމިއްލަ ނަފްސާ މި ސުވާލުތައް ކޮށްލުން މުހިންމެވެ.

- އެމީހާއާ ބައިވެރިޔާއާއެކު އުފަލުގައި ހުއްޓާ ފެނުމުން ހިތަށް އުނދަގޫވާނެ ހެއްޔެވެ؟
- ތިމާގެ ހިތުގައި އަދިވެސް މާޒީއާ މެދު ސިއްރު އުންމީދެއް ނުވަތަ ޝަކުވާއެއް އެބައޮތް ހެއްޔެވެ؟
- އެ ހަފުލާއާ މެދު ވިސްނުމުން ހާސްކަމެއް ނުވަތަ ނުތަނަވަސްކަމެއް އިހުސާސްވޭ ހެއްޔެވެ؟

މި ސުވާލުތަކަށް އަމިއްލަ ނަފްސު ދޭ ޖަވާބުން ނުތަނަވަސްކަމެއް ފެންނަނަމަ، އެއީ އަދިވެސް ހިތުގައި ބުރަކަމެއް ހުރިކަމުގެ ހެއްކެކެވެ. ހަގީގީ ހަމަޖެހުމަކީ ހިތަށް އެއްވެސް ބުރައެއް ނެތި އަމާންކަން އިހުސާސްވުމެވެ.

މި ހުރިހާ ކަމެއް ހުރެމެ ކުރީގެ ބައިވެރިޔާގެ ކައިވެނީގެ ހަފުލާއަށް ދާން ނިންމައިފިނަމަ، ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް ވެއެވެ. އޭގެތެރޭގައި ފާހަގަކޮށްލެވޭ ބައެއް ކަންކަމުގެތެރޭ، އަދަބުވެރިވުން، ވަގުތު ކުރުކުރުން، މާޒީގެ ވާހަކަތަކުން ދުރުހެލިވުން އަދި އެކަކު އަނެކަކަށް އިހުތިރާމްކުރުން ހިމެނެއެވެ.

ކައިވެނި ހަފުލާތަކަކީ ޖަޒުބާތުތައް އާލާކޮށްދޭ މާހައުލެކެވެ. މިފަދަ ހާލަތެއްގައި، އެހެން މީހުންނަށް ދައްކަން ކުރާ ކަންކަމަށްވުރެ އަމިއްލަ ނަފްސުގެ ހަމަޖެހުމާއި އަގު ހިފެހެއްޓުން މާ މުހިންމެވެ. ކުރީގެ ބައިވެރިޔާއަށް ހެޔޮއެދުމާއި އިހުތިރާމް އޮތް ނަމަވެސް، އެކަން އޮންނަންވާނީ ދެމެދުގައި ސާފު އިމެއް ކަނޑައެޅިގެންނެވެ.

ކުރީގެ ލޯބިވެރިޔާގެ ކައިވެންޏަށް ދިއުމަކީ އެންމެންނަށް އެއް އުސޫލަކުން ނިންމޭނެ ކަމެއް ނޫނެވެ. އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ނަފްސުގެ އިހުސާސްތަކަށް ތެދުވެރިވެ، ދެފަރާތުގެވެސް އުފަލާއި ހަމަޖެހުމަށް އިސްކަންދީގެން ގޮތެއް ނިންމުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު