ޓެލެގްރާމް ގްރޫޕުގައި ބަރަހަނާ ފޮޓޯ ޕޯސްޓް ކުރި މީހުން ޖޫރިމަނާކޮށް ޖަލަށް

ޓެލެގްރާމް ގްރޫޕް ހަދައިގެން ކުށް ކުރަމުން ދިޔަ ތިން މީހުން

ޓެލެގްރާމު ގުރޫޕުގައި ގިނަ އަދަދެއްގެ ޗެނަލް ކްރިއޭޓްކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުން ދިޔަ މައްސަލައިގައި ތިން މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލަތަކާ ގުޅިގެން ޖަލަށްލާން ހުކުމްކޮށްފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ޒަބީޙް އެވެ. މި ތިން މީހުންގެ މައްޗަށް ދައުލަތުން އުފުލީ، މަނީ ލޯންޑްރިންގެ ކުށާއި، ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުން ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި މީގެ ދެ އަހަރު ކުރިން ފުލުހުން ބުނެފައިވާ ގޮތުގައި މި ތިން މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކޮށްފައިވެއެވެ. އަދި މި ތިން މީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް ނުވަ އެކައުންޓު ފުލުހުންގެ ބާރުގެދަށަށް ގެނެސް ސީޒް ކޮށްފައިވެއެވެ. އޭގެ އިތުރުން، ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވެއެވެ. މި ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241651 ފޮޓޯއާއި 86618 ވީޑިއޯ (18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭހެން) ޕޯސްޓުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ.

އަދި ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ޗެނަލްތަކަށްވަދެ ފައިސާ ދައްކައިގެން 34680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވާ ކަމާ އަދި މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެގޮތުގައި ދެ މިލިޔަނެއްހާ ރުފިޔާ އާމްދަނީއެއް ނަހަމަގޮތުގައި ހޯދާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.

މި މައްސަލަތަކާ ގުޅިގެން، ޒުބައިރު އަލީގެ މައްޗަށް އުފުލި، ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ އެއް ދައުވާގެ ހުކުމަކީ، 18 ދުވަހުގެ ޖަލު ހުކުމެކެވެ. އޮރިޔާން ކާޑު ގެންގުޅުމުގެ ދެވަނަ މައްސަލައިގެ ހުކުމަކީ، އެއް އަހަރާއި ހަ މަސް ދުވަހުގެ ހުކުމެކެވެ. އަދި ތިންވަނަ މައްސަލައިގެ ހުކުމަކީ ނުވަ ދުވަހުގެ ހުކުމެކެވެ. މީގެ އިތުރުން މަނީ ލޯންޑްރިންގެ މައްސަލައިގައި ޒުބައިރުގެ މައްޗަށް ދެ އަހަރާއި ހަ މަހުގެ ހުކުމަކާއެކު 600،000 ރުފިޔާގެ ޖޫރިމަނާއެއް އިއްވިއެވެ.

މަނީ ލޯންޑްރިންގެ މައްސަލައިގައި އިސްމާއިލް ޒަބީހުގެ މައްޗަށް އިއްވީ، ދެ އަހަރާއި ހަ މަހުގެ ހުކުމަކާއެކު 100،000 ރުފިޔާގެ ޖޫރިމަނާއެކެވެ. އަދި މި ކޭސްގައި ހިމެނޭ ނާސިފް އަލީގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ އިއްވީ، ދެ އަހަރާއި ހަ މަހުގެ ހުކުމަކާއެކު 263،232 ރުފިޔާގެ ޖޫރިމަނާއެކެވެ.

comment ކޮމެންޓް