ބ. އަތޮޅުގެ ތިން ރަށެއްގައި އެމްއައިބީގެ އޭޓީއެމް ހިދުމަތް އިފްތިތާހުކޮށްފި

ބ. އަތޮޅުގެ ތިން ރަށެއްގައި އެމްއައިބީގެ އޭޓީއެމް ހިދުމަތް އިފްތިތާހުކުރުމަށް ބެއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ބ. އަތޮޅުގެ ތިން ރަށެއްގައި 24 ގަޑިއިރު ހިދުމަތް ލިބޭ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އެމްއައިބީން އޭޓީއެމްގެ ހިދުމަތް އަލަށް ފަށާފައިވަނީ ބ. ކެންދޫ، ބ. ގޮއިދޫ އަދި ބ. ތުޅާދޫގައެވެ.

އެ ރަށްރަށުގައި އޭޓީއެމް ހިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުތައް ޝަރަފުވެރިކޮށްދެއްވީ ފައިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އެ ރަސްމިއްޔާތުތަކުގައި އެ ރަށްރަށުގެ ކައުންސިލްތަކުގެ މެންބަރުންނާއި އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާގެ އިތުރުން ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލް އަދި ޗީފް އެކްސްޕީރިއަންސް އޮފިސަރު ނީރައިން ޖަލީލު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ ބޭންކުން އަލަށް ގާއިމްކުރި އޭޓީއެމްތައް މެދުވެރިކޮށް 24 ގަޑިއިރު މާލީ އަސާސީ ހިދުމަތްތައް ބ. އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމްއައިބީއިން ވަނީ ބުނެފައެވެ. އެހެންކަމުން ކޮންމެ ވަގުތެއްގައި ވެސް ދިވެހި ރުފިޔާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް ލިބިގެންދާނެކަން އެ ބޭންކުން ފާހަގަކުރެއެވެ.

ބ. އަތޮޅުގެ ތިން ރަށެއްގައި އެމްއައިބީގެ އޭޓީއެމް ހިދުމަތް އިފްތިތާހުކުރުމަށް ބެއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެމްއައިބީ

ބ. އަތޮޅުގެ އޭޓީއެމް ނެޓްވޯކް ފުޅާކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކުގެ ހިދުމަތްތައް ވަރުގަދަކޮށް، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އަސާސީ ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ބޭންކުން ވަނީ ބ. އޭދަފުށީގައި އެ ބޭންކުގެ ބްރާންޗެއް ހުޅުވައި އެ އަތޮޅުގައި ބޭންކުން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުޅާކޮފައެވެ.

އޭދަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ބްރާންޗް ރަސްމީކޮށް ހުޅުއްވައިދެއްވީ ފިއިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ.

ބ. އަތޮޅުގެ ތިން ރަށެއްގައި އެމްއައިބީގެ އޭޓީއެމް ހިދުމަތް އިފްތިތާހުކުރުމަށް ބެއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެމްއައިބީ

އެ ބްރާންޗަކީ މީގެ ކުރިން އޭދަފުށީގައި ހިންގަމުން އައި އެމްއައިބީގެ ސޭލްސް ސެންޓަރު އަޕްގްރޭޑްކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ ފުރިހަމަ ބޭންކިން ހިދުމަތްތަކާއި، އެކައުންޓް ހުޅުވުމާއި، ފައިނޭންސިން ހައްލުތަކުގެ އިތުރުން އެހެނިހެން އަސާސީ ބޭންކިން ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެހެން ތަރައްގީކޮށްފައިވާ ބްރާންޗެކެވެ.

އަދި އެ ބްރާންޗާއެކު ގާއިމުކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާގެ އިތުރުން އެމެރިކާ ޑޮލަރު ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ކޮންމެ ވަގުތެއްގައިވެސް އެމްއައިބީގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެމްއައިބީއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް