ސީލައިފުން ހުޅުމާލޭގައި އިމާރާތްކުރަން އުޅުނު ފްލެޓްތަކެއް ގަތުމަށް، ޖޭއެސްސީގެ ކުރީގެ ނާއިބު ރައީސް މަސްތޫރު ޙުސްނީ އިތުރު މީހަކާއެކު ބުކިން ފީ ދެއްކުމަށް ފަހު، ފްލެޓެއް ނުލިބިގެން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން، "ވިނަރެސް" އެޕާޓްމަންޓެއް އެހެން ފަރާތަކަށް ވިއްކުން، ދިނުން، ނުވަތަ އެއްވެސް ގޮތަކުން މިލްކުވެރިކަން ބަދަލުނުކޮށް ބެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
މިއީ، މަސްތޫރު އަދި އިތުރު މީހަކު، ސީލައިފަށް ފައިސާ ދެއްކިކަން ކާފީ ހެކިން ސާބިތުނުވާކަމަށް ބުނެ، އަދި އޭގެ އިތުރުން އެޗްޑީސީއިން ފައިސާ ހޯދުމަށް ދިން މުއްދަތުގައި ހުށަހަޅާފައިނުވާތީ، ވިނަރެސް އެޕާޓްމަންޓެއް މަސްތޫރުއަށް ދޭން ނުޖެހޭ ކަމަށާއި ފައިސާ އަނބުރާ ދޭން އެޗްޑީސީގެ މައްޗަށް އަންގާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރި މައްސަލައިގެ އިސްތިއުނާފެވެ.
މި މައްސަލައިގައި ސިވިލް ކޯޓުންނާއި ހައިކޯޓުން މަސްތޫރުއަށް ނާކާމިޔާބުވެފައިވާއިރު، މި މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައެވެ.
ސުޕްރީމް ކޯޓުން މި މައްސަލައިގައި މިއަދު ނެރުނު އަމުރުގައި، މެޖޯރިޓީ ފަނޑިޔާރުންގެ ރައުޔަކީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، "ވިނަރެސް" އެޕާޓްމަންޓްތަކުގެ ތެރެއިން 3 ކޮޓަރީގެ އެޕާޓްމަންޓެއް އެހެން ފަރާތަކަށް ވިއްކުން، ދިނުން، ނުވަތަ އެއްވެސް ގޮތަކުން މިލްކުވެރިކަން ބަދަލުކުރުން ހުއްޓުވުމެވެ.
އެ ގޮތަށް އަމުރު ކުރެއްވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އަދި އަލީ ރަޝީދު ހުސެއިންއެވެ. ޖޭއެސްސީގެ މިހާރުގެ ނާއިބު ރައީސް، އަދި ފަނޑިޔާރު ހުސެއިން ޝަހިދު ނިންމެވީ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށެވެ.
މައްސަލައިގެ ފަސްފަހަތް
ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި އިމާރާތްކުރަން އުޅުނު ފްލެޓްތަކެއް ގަތުމަށް މަސްތޫރު ޙުސްނީގެ ފަރާތުން 3 އެޕާޓްމަންޓަކަށް ބުކިންގ ފީ (ޗެކުން) ދެއްކިއެވެ.
ސީލައިފް މަޝްރޫޢު ނާކާމިޔާބުވުމުން، އެ ފަރާތްތަކަށް ބަދަލު ދިނުމުގެ ގޮތުން އެޗްޑީސީއިން އަންގައިގެން، ފައިސާ ދެއްކި ފަރާތްތަކަށް "ވިނަރެސް" މަޝްރޫޢުން އެޕާޓްމަންޓް ގަތުމުގެ ފުރުޞަތާއި ފައިސާ ރީފަންޑްކޮށްދިނުން ހުޅުވާލިއެވެ.
މަސްތޫރު އަދި އިތުރު މީހެއް ހިމެނޭހެން، ސިވިލް ކޯޓުގައި ދަޢުވާކުރީ ވިނަރެސްއިން އެޕާޓްމަންޓެއް ގަތުމުގެ ފުރުޞަތު އެޗްޑީސީއިން ދިނުމަށާއި، ބުކިންގ ފީގެ ގޮތުގައި ނުލިބިވާ 100،000 ރުފިޔާގެ ތެރެއިން 50،000 ރުފިޔާ ޑައުންޕޭމަންޓަށް ހަމަޖައްސައި އަނެއް 50،000 ރުފިޔާ އަނބުރާ ދިނުމަށް އެޗްޑީސީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
ސިވިލް ކޯޓުން މި މައްސަލައިގައި ނިންމީ، އެ މީހުންގެ ފަރާތުން ފައިސާ ދެއްކިކަން ކާފީ ހެކިން ސާބިތުނުވާކަމަށް ބުނެއާއި، އެޗްޑީސީއިން ފައިސާ ހޯދުމަށް ދިން މުއްދަތުގައި ހުށަހަޅާފައިނުވާތީ، އެޗްޑީސީއާ އެއްކޮޅަށެވެ.
އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، ފައިސާ ޖަމާކުރި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެކައުންޓަކީ ސީލައިފްގެ އެކައުންޓެއްކަން ސާބިތުނުވާކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަކީ ދެފަރާތުން ޝަރީއަތުގައި ޖަދަލުކޮށްފައިނުވާ ކަމަކަށްވާތީ، ސިވިލް ކޯޓުގެ އެ ނުކުތާ ހައިކޯޓުން ބާތިލުކުރިއެވެ.
އެކަމަކު ސީލައިފަށް އަމިއްލައަށް ފައިސާ ދެއްކި ފަރާތެއްކަން އެކަށީގެންވާ މިންވަރަށް ސާބިތުވެފައިނުވާތީ، އެޗްޑީސީގެ އިއުލާނުގެ ދަށުން ވިނަރެސް އެޕާޓްމަންޓެއް ދޭންޖެހޭ ޤާނޫނީ އަސާސެއް ނެތް ކަމަށް ނިންމިއެވެ.
އަދި ސީލައިފްގެ ގެއްލުންވި ފަރާތްތަކަށް ފައިސާ އަނބުރާ ހޯދުމަށް އެދި ހުށަހެޅުމަށް ދިން ފުރުޞަތާއި މުއްދަތުގެ ތެރޭގައި އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިނުވާތީ، އެ ފައިސާ އެޗްޑީސީން ދޭންޖެހޭ އިލްތިޒާމެއް ނެތް ކަމަށްވެސް ހައިކޯޓުން ނިންމިއެވެ.
އޭގެ ފަހުން މަސްތޫރުގެ ފަރާތުން އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.