ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް މިއަދު ޢައްޔަނުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ޝުޢައިބު އެ މަގާމަށް ޢައްޔަން ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ޝުޢައިބު ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވާ ކުރައްވާފައެވެ. އޭނާއަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނެވެ.
ޝުއައިބު ވަނީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްކަން ހިމެނޭހެން، އެ ކޮމިޝަނުގައި އެކި މަގާމުތައް މީގެ ކުރިން ފުރައްވައިފައެވެ. އޭނާ އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވީ 2016ގައެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން، އެ ޓްރައިބިއުނަލްގައި އަށް މެންބަރުން ތިއްބަވައެވެ. މިދިޔަ މަހު އެ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ކުރިން ހުންނެވި އަމްޖަދު މުސްތަފާ ވަނީ އައްޔަންކުރައްވައިފައެވެ. އަދި ނައިބު ރައީސްކަމަށް، އިކޮނޮމިކް މިނިސްޓްރީގެ ނައިބުކަން މީގެ ކުރިން ކުރައްވާފައިވާ އަޙްމަދު މަމްދޫހް މި މަހު ވަނީ އައްޔަންކުރައްވައިފައެވެ.