ދެ ގައުމުގެ ޒަމާންވީ ގުޅުން ބަދަހިކޮށް، ސެޓެލައިޓް ޑޭޓާއާއި ޖައްވީ ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް، އިންޑިއާއެކު މަޝްވަރާކުރައްވައިފިއެވެ.
މޮންގޯލިއާގެ އުލާންބާތަރުގައި ކުރިއަށްދާ ކޮޕް 17ގެ ހަވާސާގައި މިނިސްޓަރު ވަނީ، އިންޑިއާގެ އެންވަޔަރަމަންޓް، ފޮރެސްޓް އަދި ކްލައިމެޓް ޗޭންޖު ކެބިނެޓް މިނިސްޓަރު ބުޕެންޑާ ޔަޑާވްއާ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ދެ މިނިސްޓަރުން ވަނީ، ދެ ގައުމުގެ ޒަމާންވީ ގުޅުން ބަދަހި ކުރުމަށާއި ތިމާވެއްޓާއި ކަނޑޫފާތައް އިޔާދަކުރުމުގެ ދާއިރާއިގެ އިތުރުން، ސެޓެލައިޓް ޑޭޓާއާއި ޖައްވީ ޓެކްނޮލޮޖީގެ ދާއިރާއިން އަމަލީ ގޮތުން އެއްބާރުލުން ދިނުމަށް މަޝްވަރާކުރައްވާފައެވެ.

ދެ ގައުމުގެ އެންވަޔަމެންޓް މިނިސްޓަރުން މަޝްވަރާކުރައްވަނީ --- ފޮޓޯ/ އެންވަޔަމެންޓް މިނިސްޓްރީ
މީގެއިތުރުން، ކަނޑުގެ މާހައުލީ ނިޒާމުތަކާއި މޫސުމީ ވިލުންތެރިކަމާއި ތިމާވެށި މޮނިޓާ ކުރުމުގެ ދާއިރާއިން މަސައްކަތްކުރާ ދެ ގައުމުގެ މުއައްސަސާތަކުގެ މެދުގައި ގާބިލުކަން އިތުރުކޮށް، ގުޅުން ބަދަހި ކުރުމަށް ދެ މިނިސްޓަރުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު އަލީ ޝަރީފްގެ އަރިހުގައި އެންވަޔަރަންމަންޓަލް ކޮންޒަވޭޝަންގެ ޑިރެކްޓަރު އަޙްމަދު ޝާން ބައިވެރިވެވަޑައިގެންނެވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، މިނިސްޓަރު އަލީ ޝަރީފް ވަނީ، ކޮޕް 17ގެ ހައިލެވެލް ސެގްމަންޓުގައި ތަގުރީރުކުރައްވާފައެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ، ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ފަސޭހައިން މާލީ އެހީ ލިބޭނެ ނިޒާމެއް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.