ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމަށް އަބްދުﷲ ޔާސިރު އައްޔަނުކުރައްވައިފިއެވެ.
މިއީ މި ސަރުކާރުން ވިޒިޓް މޯލްޑިވްސްއަށް އައްޔަނުކުރެއްވި ތިންވަނަ މެނޭޖިން ޑިރެކްޓަރެވެ.
ކުރިން އެމްއެމްޕީއާރުސީގެ ނަމުގައި ހިންގި ކުންފުނި ވިޒިޓް މޯލްޑިވްސްގެ އެމްޑީގެ މަގާމު މި ފަހުން ހުސްވީ، އެ މަގާމުގައި ކުރިން ހުރި އިބްރާހިމް ޝިއުރީ މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
އެ މަގާމުން އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ. ނަމަވެސް އިސްތިއުފާ ދެއްވުމުގެ ކުރިން މިއަދު ވަނީ އެތަނުގެ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވާފައިވާކަން ވަނީ އެނގިފައެވެ.
އޭނާއަކީ މި ސަރުކާރުން މި މަގާމަށް އައްޔަން ކުރެއްވި ދެވަނަ ބޭފުޅާއެވެ. މި ސަރުކާރުން އެންމެ ފުރަތަމަ އެ މަގާމަށް އައްޔަން ކުރެއްވީ ފާތިމަތު ތައުފީގު (ކުޑީ) އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޔާސިރަކީ ފަތުރުވެރިކަމާއި ކޯޕަރޭޓް މެނޭޖްމަންޓް އަދި އިންވެސްޓްމަންޓް ދާއިރާއިން 25 އަހަރަށްވުރެ ދިގު މުއްދަތުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
އޭނާ ވަނީ މީގެ ކުރިން ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުކަމާއި، ވަން އެންޑް އޮންލީ ކަނުހުރާގެ ޑިރެކްޓަރުކަމުގެ އިތުރުން ސުޕަސަޕްލައި އެންޑް ވޯޓަމާކްގެ އެމްޑީކަން އަދި އޮންޓްރަޕްރިނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަން ވެސް ކުރައްވާފައެވެ.
ހަމައެއާއެކު އޭނާއަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ބާމިންހަމްއިން ޓޫރިޒަމް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.