ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުން މުހައްމަދު ޚަލީލް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ބޭރު ފައިސާ ވިއްކުމަށް ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކާ ވާހަކަ އާއި އޭގެ އަގުތައް ޝާއިއުކުރުން މަނާކޮށް، އަދި ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައި ވަނިކޮށެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލުގައި ފުރަތަމަ އޮތީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އޮތުން އުވާލައި، ރިސޯޓުގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށެވެ.
ނަމަވެސް، ކޮމިޓީން ބިލު ނިންމައި ތަޅުމަށް ފޮނުވުމަށްފަހު، އިތުރު އިސްލާހުތަކެއް ގެނައުމަށް އަލުން ކޮމިޓީއަށް ފޮނުވައިގެން ގެނައި ބަދަލާއެކު، ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު އެއްފަހަރު މާރުކުރަން ޖެހޭ ގޮތަށް ވަނީ ފާސްކޮށްފައެވެ.
މި އިސްލާހު މަޖިލީހުން ފާސްކޮށްފައި މިވަނީ ވެސް އެ އިސްލާހާ ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
މި އިސްލާހުތަކަކީ ރާއްޖޭގެ ބޭރު ފައިސާގެ ނިޒާމު ހަރުދަނާކުރުމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވެސް ގެންނަން ނިންމަވާފައިވާ ކަމަށް އިއުލާނުކުރެއްވި ބަދަލުތަކެކެވެ. މި އިސްލާހުތައް ފާސްކުރިއިރު ކޮމިޓީ މަރުހަލާގައި ރަނގަޅަށް ދިރާސާކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ހާޒިރު ވެސް ނުކުރެއެވެ.
މަޓީން މި މައްސަލައިގައި ނެރުނު ބަޔާނެއްގައި ވަނީ، ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި ކުއްލި ބައްދަލުވުމަކަށް މަޓީގެ އެގްޒެކެޓިވް ބޯޑު އިއްޔެ ރައީސް އޮފީހަށް ހާޒިރުކުރި ކަމަށެވެ. އަދި، ގާނޫނާ ޚިލާފު މުޢާމަލާތްތަކެއްގެ ތެރެއިން ބޭރު ފައިސާގެ ކަޅު ބާޒާރު ހިންގުމަށާއި ޑޮލަރުގެ އަގު ބޮޑު ކުރުމުގައި ބައެއް ރިސޯޓު އޮޕަރޭޓަރުން ބައިވެރިވާ ކަމަށް ތަހުގީގުތަކުން ހާމަވި ކަމަށް، އެ ބައްދަލުވުމުގައި އެންގި ކަމަށް މަޓީން ބުންޏެވެ.
އެއާއެކު މަޓީން ވަނީ، އެފަދަ އެއްވެސް ޢަމަލެއްގެ އެއްވެސް މަޢުލޫމާތެއް އެނގިފައި ނުވާކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެއަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑޮލަރު މާރުކުރަން ޖެހޭ މިންވަރު އިތުރުކުރަން ނިންމިކަން އިއުލާންކުރީ ކަމަށް މަޓީގެ ބަޔާނުގައިވެއެވެ.
އެ ޖަމިއްޔާއިން ބުނި ގޮތުގައި، ވަކިވަކި ބައެއް ރިސޯޓު އޮޕަރޭޓަރުންނަށް ކުރެވޭ ތުހުމަތުތަކަކާ ގުޅިގެން މުޅި ސިނާޢަތަށް އެއްކޮށް ހިންގާ ސިޔާސަތެއް ތަންފީޒު ކުރުމަކީ ރަނގަޅު ގޮތް ކަމަށް ގަބޫލެއްނުކުރެވެއެވެ. އަދި ކަޅު ބާޒާރުގައި އަގު އުފުލުމަކީ ހަމައެކަނި ރިސޯޓު އޮޕަރޭޓަރުންގެ ބޮލުގައި އެޅުވޭނެ ކަމެއް ކަމަށް ބުނުމަކީ ސައްޙަ އަދި އިންސާފުވެރި ގޮތެއް ނޫން ކަމަށް ވެސް މަޓީން ވަނީ ބުނެފައެވެ.
ޚަލީލް އެ މަގާމުން އިސްތިއުފާ ދެއްވިއިރު މި ފަހުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ޝިއުރީ ވެސް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.