ކައުންސިލްތަކުން ސަރުކާރަށް ބިންތައް ނެގޭ ބިލު މަޖިލީހުން ފާސްކޮށްފި

ސަރުކާރާ ގާތްގުޅުމެއް އޮންނަ، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ހަންނާން-- ފޮޓޯ: މަޖިލިސް

ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ސަރުކާރުގެ މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ވަކި ޕާޓީއަކަށް ނިސްބަތްނުވާ, ނަމަވެސް ސަރުކާރާ ގާތްގުޅުމެއް އޮންނަ, ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތާއީދާއެކު މި ބިލު ފާސްކުރިއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެންބަރުންނެވެ.

ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުމަކުން، ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ހުށަހެޅި މި ބިލު ފާސްކޮށްފައިވަނީ ލާމަރުކަޒީ ކޮމިޓީން ގެނައި މުހިއްމު އިސްލާހަކާ އެކުގައެވެ.

އެގޮތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި އިސްލާހުގައި ވަނީ، ކައުންސިލްގެ އިހްތިސާސުން ވަކިކުރާ ބިމެއްގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާ ނަމަ، ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިގެން އެކަށީގެންވާ ބަދަލު ލިބެން ޖެހޭނެ ކަމަށެވެ.

މި އިސްލާހާއެކު ކައުންސިލްތަކުގެ ބާރު ކެނޑޭ ކަމަށް ބުނެ ގިނަ ކަންބޮޑުވުންތަކެއް ވަނީ ފާޅުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް