ސަރުކާރު ހިންގާ ޕާޓީ, ޕީއެންސީގެ މެންބަރުންގެ އަދަދު މިހާރު 70,000 އަށް އަރާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުން ދައްކާ ގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް ޕީއެންސީގެ މެންބަރުންގެ އަދަދަކީ 67579 އެވެ.
ޕީއެންސީގެ އިސް އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އެ ޕާޓީގެ ކޮންގްރެސްއާ ދިމާކޮށް, ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތެއް ހިންގަމުން އަންނަ ކަމަށާއި އެކަމަށް ބޮޑު ތަރުހީބެއް ލިބެމުން ދާ ކަމަށެވެ. އެގޮތުން ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 70,000 އަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ ކޮންގްރެސް އޮތީ އަންނަ މަހުގެ 15 އިން 18 އަށެވެ. އެ ކޮންގްރެސްގައި އެ ޕާޓީގެ ލީޑާޝިޕަށް ބޭފުޅުން އިންތިޚާބު ކުރުން އޮންނާނެއެވެ.
މިހާރު ވެސް އިލެކްޝަންސް ކޮމިޝަންގެ ދަފުތަރު ދައްކާގޮތުން ރާއްޖޭގައި އެންމެ މީހުން ގިނަ ޕާޓީއަކީ ޕީއެންސީއެވެ.
ޕީއެންސީގެ މެންބަރުންގެ އަދަދު 70,000 އަށް އަރާފައިވާއިރު މީގެ ކުރިން އެ ޕާޓީއަށް މެންބަރުން އިތުރު ކުރަން ކުރި މަސައްކަތަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެގޮތުން އައިޑީކާޑު ޔުނިޓުން މައުލޫމާތު ނަގައިގެން މީހުންނަށް ނޭނގޭ ގޮތަށް ޕާޓީއަށް ވެއްދިކަމުގެ ތުހުމަތު އޭރު ކުރެވުނެވެ. އަދި ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ދައުލަތުގެ އޮފީސްތަކުގައި ކުރި ކަމަށް ތުހުމަތު ކުރާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އޭރު ވަނީ އާއްމުވެފައެވެ. މި މައްސަލާގައި އޭރު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ހޯމް މިނިސްޓަރު އަލީ އިހުސާނަށެވެ.
ޕީއެންސީގެ މެންބަރުންގެ އަދަދު އިތުރު ނަމަވެސް އެންމެ ފަހުން ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް އެ ޕާޓީއަށް މެންބަރުންގެ ދަފުތަރުގައި މީހުން ތިބި އަދަދަށް ވޯޓް ލިބިފައެއް ނުވެއެވެ.
ރާއްޖޭގައި މިހާތަނަށް ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު އަބަދުވެސް ވެރިކަމުގައި އޮންނަ ޕާޓީއަކީ އެންމެ މެންބަރުން ގިނަ ޕާޓީއެވެ. ވެރިކަން ކުރި ޕާޓީތަކުން އެކަން ކުރަނީ ނުފޫޒު ފޯރުވައިގެން ކަމަށް އަބަދު ވެސް ތުހުމަތު ކުރެއެވެ.