އެޗްއާރްސީއެމްގެ މެންބަރުކަމަށް ޝައްމޫން އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީގައި: ފޮޓޯ / މަޖިލިސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރަކަށް ޝައްމޫން ހަމީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މި ނިންމުން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.

އެޗްއާރްސީއެމަށް މެންބަރަކު އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަންތަކެއް ފޮނުއްވީ މިހާރު ވެސް އެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ސަމާއު އަހުމަދު ނަޖީބުގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީއެވެ.

އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް މަޖިލީހަށް ފޮނުއްވީ ޝައްމޫން ހަމީދުގެ އިތުރުން ސަމާއުގެ ނަމެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން އެ ދެ ބޭފުޅުންނާ އިންޓަވިއުކޮށް، އެކުލަވާލި ރިޕޯޓުގައި އެންމެ މަތީ މާކްސް ލިބިވަޑައިގަތީ ޝައްމޫނަށެވެ.

އެގޮތުން ޝައްމޫނަށް 92 މާކްސް ލިބިވަޑައިގެންނެވި އިރު، ސަމާއުއަށް ލިބިވަޑައިގަތީ 86 މާކްސެވެ.

ކޮމިޓީ ރިޕޯޓުގައިވާ ގޮތުން މާކްސް ދެނީ ތައުލީމާއި ތަޖުރިބާ ހިމެނޭހެން ޖުމްލަ އަށް ކަމަކަށެވެ. އޭގެ ތެރޭގައި ލިބިފައިވާ ތަޖުރިބާ އާއި މަގާމުގެ މަސައްކަތާ ހުރި ގުޅުން ދައްކައިދީފައިވާ މިންވަރަށް 15 މާކްސް ހިމެނެއެވެ.

މަޖިލީހުގެ ތަޅުމުގައި އެ ރިޕޯޓަށް ކުރި ބަހުސްގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ކޮމިޓީން 92 މާކްސް ދިން ބޭފުޅާ މާސްޓާސް ހައްދަވާފައިވަނީ މިއުޒިކްގެ ދާއިރާއިން ކަމަށާއި، 86 ޕަސެންޓް ލިބުނު ބޭފުޅާ ކިޔަވާ ވިދާޅުވެފައިވަނީ ހިއުމަން ރައިޓްސް ލޯ އިން ކަމަށެވެ.

އަދި އޭނާ ތުހުމަތުކުރެއްވި ގޮތުގައި ކޮމިޓީން އެގޮތަށް ކަންތައް ކުރީ ރައީސް ފޮނުއްވި ލިސްޓުގެ ކުރީގައި އެ ބޭފުޅާގެ ނަން އޮތުމުންނެވެ.

"މާކްސް ދިން އިރުގައި، ހިތާމައަކީ މި ވިދާޅުވާ މަގާމާ ގުޅުން ހުރި ދާއިރާއިން ހާސިލުކޮށްފައިވާ ތައުލީމާއި މިއުޒިކަށާއި ހިއުމަން ރައިޓްސް ލޯއާ އެއްވަރަށް ނުވަތަ ހިއުމަން ރައިޓްސް ލޯއަށް ވުރެ ގިނައިން މިއުޒިކަށް މާކްސް ލިބިފައި ހުރީމާ،" ޒިޔާދު ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، ކޮމިޓީން މާކްސް ދިނުމުގައި ގުޅުން ހުރި ދާއިރާއިން ހާސިލުކޮށްފައިވާ ތައުލީމަށް ދެނީ 20 ޕަސެންޓް ކަމަށެވެ.

އަދި އެ 20 ޕަސެންޓް އެއްކޮށް ލިބުނު ނަމަވެސް، އެހެން ދާއިރާތަކުން މާކްސް މަދުވެދާނެ ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމަށް ރުހުން ދިން ޝައްމޫނަކީ ކުރިން ހެރިޓޭޖް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ކަމާއި، އެޗްއާރްސީއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

comment ކޮމެންޓް