ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 ޕަސެންޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރަން މަޖުބޫރުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަކީ އިގުތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ނިންމުމެއް ކަމަށް ވިދާޅުވެ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ކެންދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ގަވާއިދުގެ ދަށުން ބަލައިގަނެވެން ނެތް ކަމަށެވެ.
އެގޮތުން މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ (އ) ގައި ކުއްލި މައްސަލައަކީ މަޖިލީހަށް ހުށަހެޅިފައިވާ ބިލަކާ ނުވަތަ މައްސަލައެއްގައި ހިނގާނެ ބަހުސަކާ ގުޅޭ މައުލޫއަކަށް ވެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ޖަލްސާއަށް އެޖެންޑާކޮށްފައި އޮތުމުން މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ރިޔާސަތުން ނިންމެވިއެވެ.
މެންބަރު މައުރޫފް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވަނީ، މިހާރު ކަނޑައަޅާފައިވާ ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން އޮންނަ އުސޫލު ބަދަލުކޮށް، ޖުމްލަ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން ނިންމުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށާއި އިގުތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމެއް ކަމަށެވެ.
އަދި ޑޮލަރު މާރުކުރުމުގެ މުއްދަތު ތިން މަހުން އެއް މަހަށް ކުރުކުރުމާއި، ބޭންކުތަކަށް މާރުނުކުރާ ފައިސާ ހޭދަކުރާ ގޮތް ބެލޭނެ އުސޫލުތަކެއް ހަދަން އުޅޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ހާމަކުރައްވާފައިވާކަން ވެސް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ރާއްޖޭގެ 146 ރިސޯޓު ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވެސް އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ ކުރެވޭނެ އަދި ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް ބުނެފައިވާކަން މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.
ރިސޯޓުތަކުން ތެލާއި، މުވައްޒަފުންގެ މުސާރައާއި، ސާވިސް ޗާޖާއި ޓެކުހުގެ އިތުރުން ބޭރުގެ ބޮޑެތި ލޯނުތައް އަދާކުރަންޖެހެނީ ޑޮލަރުން ކަމަށްވާއިރު، އެއްވެސް މަޝްވަރާއެއް ނެތި މިފަދަ ނިންމުމެއް ނިންމުމަކީ ބޮޑު ބޭއިންސާފެއް ކަމަށް ވެސް މައުރޫފްގެ މައްސަލައިގައިވެއެވެ.
އެހެންކަމުން، އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ވުމުގެ ކުރިން ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށްގެން އިންސާފުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސަރުކާރަށް ގޮވާލައި މި މައްސަލަ މަޖިލީހަށް ހުށަހެޅި ނަމަވެސް، މަޖިލީހުގެ ތަޅުމުން އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.