ކްރިތީ ކުޅުނު އިޝްތިހާރަކަށް ކަންގަނާ ފާޑުކިޔުމުން ބަތަލާއަށް ރައްދުދީފި

އިންޑިއާގެ ބަތަލާ ކްރިތީ ސެނޮން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނޮން ދާދިފަހުން ކުޅުނު އިޝްތިހާރަކާ ގުޅިގެން ފިލްމީ ތަރި ކަންގަނާ ރަނާވަތު ކިޔުނު ފާޑުކިޔުންތަކަށް ބަތަލާ ރައްދުދީފިއެވެ.

ކްރިތީއަށް ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނީ ދާދިފަހުން ކުޅުނު ގަހަނާ ބްރޭންޑެއްގައި އޭނާ ހެދުން އަޅައިގެން ހުރިގޮތާ ގުޅިގެންނެވެ.

މި އިޝްތިހާރާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެމުން ކްރިތީ ބުނީ، ސަގާފީ ފެޝަނަށް ޒަމާނާ އެކު ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، އަންހެނުންގެ ފެންވަރު އަދިވެސް ވަޒަންކުރަނީ އެމީހުން ލާ ހެދުމަށް ބަލައިގެން ކަމަށެވެ.

ކްރިތީ ކުޅެފައިވާ އިޝްތިހާރުގެ މަންޒަރެއްގައި ބަތަލާ އަދި ފިލްމީ ތަރި ކަންގަނާ ރަނާވަތު--ފޮޓޯ/އިންޑިއާޓުޑޭ

މި އިޝްތިހާރާ ގުޅިގެން މީސްމީޑިއާގައި ބޮޑު ބަހުސެއް އުފެދުނުއިރު، މި މައްސަލައިގައި މަޝްހޫރު ބަތަލާ އަދި ސިޔާސީ ދާއިރާގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަންގަނާ ރަނާވަތު ވެސް ވަނީ، ކްރިތީގެ ނަން ނުބުނެ، އެ އިޝްތިހާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ކަންގަނާ ސިފަކުރި ގޮތުގައި އެ އިޝްތިހާރަކީ ގަސްތުގައި ނޭދެވޭ އަސަރުތަކެއް ފެތުރުމަށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ.

މި ފާޑުކިޔުންތަކަށް ރައްދު ދެމުން ކްރިތީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސަގާފަތާއި އާދަކާދަ އޮންނަންވާނީ އެބައެއްގެ ހިތުގައި ކަމަށާއި އެކަމަށް ގޮތެއް ނިންމަންވާނީ ބަޔަކު ލާ އަންނައުނެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ.

ސަގާފީ ފެޝަންތަކަށް ޒަމާނާ އެކު ބަދަލު އައި ނަމަވެސް، އަންހެނަކު އޭނާގެ ސަގާފަތަށް ކުރާ އިހުތިރާމް އަދިވެސް މި ވަޒަންކުރަނީ ހަމައެކަނި އޭނާ ލާ ހެދުމުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ކްރިތީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ދާދިފަހުން ރިލީޒްކުރި ޑައިރެކްޓަރު ހޯމީ އަދަޖާނިއާގެ "ކޮކްޓެއިލް 2"އިންނެވެ. އެ ފިލްމުގައި ކްރިތީ ހެދުން އަޅާފައިވާ ގޮތަށް ވެސް މީސްމީޑިއާގައި ބައެއް މީހުން ވަނީ ފާޑުކިޔާފައެވެ.

comment ކޮމެންޓް