ސަރުކާރުން މިހާރު ގެންނަންއުޅޭ ބަދަލަކީ ރަނގަޅަށް ދިރާސާނުކޮށް މަޝްވަރާ ނުކޮށް ގެންނަ ބަދަލެއް: މައުރޫފް

އެމްޑީޕީގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު: އޭނާ ވަނީ ސަރުކާރުން މިހާރު ގެންނަންއުޅޭ ބަދަލަކީ ރަނގަޅަށް ދިރާސާނުކޮށް މަޝްވަރާ ނުކޮށް ގެންނަ ބަދަލެއް ކަމަށް ވިދާޅުވެފަ -- ސަން ފޮޓޯ/ މޫސާ ނަދީމް

ރިސޯޓްތަކަށް ލިބޭ އެމެރިކާ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކަން ނުވަތަ މާރުކުރަން މަޖުބޫރުކުރުމަކީ، މި ސަރުކާރުން ރަނގަޅަށް ދިރާސާނުކޮށް ދާއިރާގެ މާހިރުންނާ މަޝްވަރާނުކޮށް ގެންނަން އުޅޭ ބަދަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު މިރޭ ވިދާޅުވެއްޖެއެވެ.

'އެސްއެސް ޓީވީ'ގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅިވީ، އޭނާގެ ނަޒަަރުގައި ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭނެ އެންމެ ރަނގަޅު އެއްކަމަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ދިވެހީންގެ ނިސްބަތް އިތުރުކުރުން ކަމަށެވެ.

ސަރުކާރުން ބުނާގޮތުންނަމަ ޑިޖިޓަލައިޒްޑް އިކޮނިމީއަކަށް ނުވަތަ ޑިޖިޓަލައިޒްޑް ދިރިއުޅުމަކަށް ބަދަލުވެ، ރާއްޖެ 2.0 އަށް ދާއިރު ޓޫރިޒަމް ދާއިރާގައި ވަރަށް ފަސޭހައިން ވޯކް ފްރޮމް ހޯމް ޖެއްސޭނެ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ދިވެހީންނަށް ގޭގައި ތިބެގެން ވެސް އަދި ރިސޯޓުތަކުގައި ތިބެގެން ވެސް އަދާކުރެވިދާނެ ވަރަށް ގިނަ ވަޒީފާތަކުގައި ބޭރު މީހުން އެބަ ތިބިކަން މައުރޫފް ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ބޭރު މީހުންނަށް އޮތް ވަޒީފާތައް ދިވެހީންނަށް ބަދަލުކޮށްފިނަމަ ޑޮލަރުގެ މައްސަލަ އެއްކޮށް ހައްލުނުވި ނަމަވެސް، އެއީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ މުހިންމު އެއް ކަންތައްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތަށް ސަރުކާރުން އިންޑަސްޓްރީގެ ބޭފުޅުންނާ ކުރެވޭ މަޝްވަރާތަކަށް ނުބަލައި މިކަހަލަ ބަދަލުތައް ކުއްލި ކުއްލިއަށް ގެނައީމާ، އޭގެން ރަނގަޅު ނަތީޖާއެއް ނުފެންނަކަން އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އައިއިރު މި އިނގެނީ. ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ އެންމެ ފުރަތަމަ ގާނޫނުން މަޖުބޫރުކޮށްގެން ޑޮލަރު މާރުކުރުމާ ބެހޭ ގާނޫނު އައިއިރުވެސް މައްސަލަ ހައްލުނުވާނެ ކަމަށް އެންމެން ބުނަމުން އައި ކަމަށެވެ. ނަމަވެސް ގާނޫނަށް ބޯލެނބުމުގެ ގޮތުން ރިސޯޓުތަކުން މާރުކުރި ކަމަށާއި ނަމަވެސް މައްސަލަ ހައްލުނުކުރެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

މައުރޫފް ވަނީ މި ކަންތައްތައްތަކުގައި ދިވެހި ރައްޔިތުން ކަންބޮޑުވާންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެެވެ. އަދި ރިސޯޓުތަކުން މާރުކުރަންޖެހޭ ޑޮލަރު 40 ޕަސެންޓަށް އިތުރުކުރުމުން ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނެ ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށް ވެސް މައުރޫފް ވަނީ ވިދާޅުވެފައެވެ.

މާރުކުރަންޖެހޭ ޑޮލަރު 40 ޕަސެންޓަށް ހެދުމަކުން މި މައްސަލަ ހައްލުކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ، މީގެ އިތުރުން އިންޑެސްޓްރީއަށް ދެން ކުރިމަތިވެދާނެ ގެއްލުމަކީވެސް މާ ބޮޑު ނުރައްކަލެއް. ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

އޭނާ ވަނީ ޓުރިޒަމް އިންޑަސްޓްރީ ނުހިންގި، ފަތުރުވެރިން އަންނަ ނިސްބަތް މަދުވެ، މިހާރު މިއޮތް ހާލަތަށްވުރެ މާ ނުރައްކާތެރި ހާލަތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ގެންނަންއުޅޭ ބަދަލަކީ ރަނގަޅަށް ކުރަންޖެހޭ ދިރާސާތައް ނުކޮށް މަޝްވަރާ ކުރަންޖެހޭ ދާއިރާގެ ބޭފުޅުންނާ އެކަށީގެންވާ ވަރަށް މަޝްވަރާ ނުކޮށް ގެންނަ ބަދަލެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

https://sun.mv/226459

މަޖިލީހަށް ހުށަހަޅާ އިސްލާހުގެ ތެރޭގައި ކޮންމެ ތިން މަހަކުން ޑޮލަރު މާރުކުރަން އޮންނަ އޮތުން، ކޮންމެ އެއް މަސް ދުވަހުން މާރުކުރަން ޖެހޭ ގޮތަށް ބަދަލުކުރުން ވެސް ހިމެނޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ވެސް ނެފައެވެ.

މަޓީން ނެރުނު ބަޔާނުގައި ބުނީ ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމަކީ، އެ ވިޔަފާރިތަކަށް ތަހައްމަލު ކުރެވޭނެ ބުރައެއް ނޫން ކަމަށް ބުނެފައެވެ.

comment ކޮމެންޓް