ޔައިލް އޭނާގެ ފުރަގަހު ޖީބަށް ޖަހާލާފައި އިން ރަތް ފިނިފެންމާ ނަގައި، އިޒީއަށް ދިއްކޮށްލިއެވެ. މަލުގައި ހިފިއިރު، އިޒީގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެއްޖެއެވެ.

********

"ބުނީމެއްނު މަލަށް އެލާޖިކްވެއޭ..." މާ އަނބުރާ ޔައިލްގެ އަތަށް ލައިދެމުން އިޒީ ބުނެލިއެވެ.

"ވަރަށް ލޯބިވެޔޭ ބުނެފިއްޔާވެސް އެލާޖިކް ވާނެތަ؟....." ޔައިލް އިޒީގެ އަތުގައި ހިފައިލިއެވެ.

"އޭރުން...." އިޒީގެ ޖުމުލަ ފުރިހަމަނުވަނީސް، ޔައިލް އިޒީގެ އަތަށް ދަމައިލިއެވެ. ދެވަނަ ސިކުންތުގައި އޭނާގެ ދެ އަތުގެ ތެރޭގައި އިޒީ ހައްޔަރުކޮށްލިއެވެ.

އިޒީގެ ލުއި ހިނިގަނޑުގެ އަޑުން ގެއަށް ދިރުން ލިބުނެވެ. ޔައިލްގެ ހިތަށްވެސް މެއެވެ.

"ދެން ކޮންއިރަކުންތަ އެންމެންނަށް އަންގާނީ؟... އަހަރެން ބޭނުން މީ އަހަރެންގެ ވައިފޭ ބުނަން.... މިހެން ސިއްރުކޮށްގެން ނޫޅެވޭނެ..." ޔައިލް ޝަކުވާކުރިއެވެ. "މިއަދުވެސް އެންމެންތެރޭ ހުންނަންޖެހުނީ ދުރުގަ..."

"ހާދަ ކެތްތެރިކަމެއްނެތް ކުއްޖެކޭ..." އިޒީ ތުއިވެލިއެވެ.

"ކިހިނެއް ކެތްކުރާނީ؟... މި ހުރިހާ ދުވަހު ގޭތެރެ އޮތީ ފަޅުވެފަ... މި ކުއްޖާ މިސްވާތީ ގެއަށް ވަންނަ ހިތްވެސް ނުވި... އެކަމަކު، ހަމަ އިންތިޒާރުގަ މިތާ އޮތީ... ކިހާ ބަސްއަހާ ކުއްޖެއްދޯ މީ؟... މިކަހަލަ ކުއްޖެއް ލިބޭނެތަ؟..." އިޒީގެ ދެކޮލުގައި ހިފައި ދުރުކޮށްލަމުން ޔައިލް އަހައިލީ ނުހަނު ލޯބިންނެވެ.

"އެހެންވެތަ އެހެން ކުދިންނަށް މާ ދެނީ..." ޔައިލްގެ ނޭފަތަށް ފިތައިލަމުން އިޒީ ބުނެލިއެވެ.

"އެކުދިން ދެނީނު... އެބައޮތް ގޮތެއް..." ޔައިލް ބޭނުންވީ އިޒީގެ ވިސްނުން ހުރިގޮތެއް ބަލާށެވެ. "އެހެން ކުއްޖަކު މާ ނުދޭނެ ގޮތެއް ބުނެފާނަން..."

"ކޮން ގޮތެއް؟..." އިޒީ އަހައިލިއެވެ.

"މީ މިކުއްޖާގެ ހަޒްބަންޑޭ ބުނީމަ..." ޔައިލް ހުރީ ސީދާ އިޒީގެ ދެލޮލަށް ނަޒަރު ހުއްޓާލައިގެންނެވެ. "އޭރުން އެކަކުވެސް ނުދޭނެ މަލެއް..."

"އެހާ ބޭނުންވޭތަ އެވާހަކަ ބުނަން؟..." އިޒީގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

ޔައިލް ބޯ ޖަހައިލިލެއް އަވަސްކަމުން އިޒީއަށް ހެވުނެވެ. ޔައިލްގެ ދެކޮލުގައި އަތް ޖައްސައިލީއިރު، އިޒީގެ ހިތް ވަނީ ލޯބިން ފުރިފައެވެ. ޔައިލް އާއި ކައިވެނި ކުރަން ނިންމުމަކީ އިޒީއަށް ނިންމުނު އެންމެ ރަނގަޅު އެއް ނިންމުމެވެ. އެ ނިންމުމުގެ ސަބަބުން، އިޒީގެ މުޅި ދިރިއުޅުން ބަދަލުވެއްޖެއެވެ. މާޒީ ހަނދާން ނުނެތޭނެކަމަށް އިޒީއަށް ހީވިޔަސް، އެއީ މާޒީގެ ހިތްދަތިކަމުން އަރައިގަންނަން އިޒީއަށް ލިބުނު ހިތްވަރަކަށް ވިއެވެ.

"ހުއްދަ ދީބަލަ..." ޔައިލް އެދުނެވެ.

އެއްޗެއް ބުނަން އިޒީ އަނގަ ހުޅުވައިލިއެވެ. އެވަގުތު، ގޭގެ ބެލް އަޅައިލި އަޑު އިވުނެވެ. އިޒީ ޔައިލް އާއި ދުރަށްޖެހެން އުޅުމުން އެ ފުރުސަތު ދޭކަށް ޔައިލް ބޭނުމެއް ނުވިއެވެ.

"ކީކޭ ބުނަން އުޅުނީ؟..." ޔައިލް ކުރިއަށްވުރެ ބާރަށް އިޒީގެ ގައިގައި ހިފަހައްޓައިލިއެވެ.

"މަންމަ ކަންނޭނގެ އެއައީ..." އިޒީ އުޅުނީ ދޮރު ހުޅުވަން ދާށެވެ.

"ދެން ނުދެވޭނެ... މެރީ ކުރިގޮތަށް ފުރައިގެން ދިޔައީ... މިހާ ދުވަސްކޮށްފަ މި ފެނުނީ..." އިޒީ ދޫކޮށްލާކަށް ޔައިލް ބޭނުމެއް ނުވިއެވެ. "ދެން ބުނެބަލަ ހުއްދަ ދީފީމޭ... އަހަރެން ބޭނުން އިޒީ އަތުގަ ހިފާލައިގެން މަގުމަތީ ހިނގާލަން..."

ދެވަނަ ފަހަރަށް ބެލް އަޅައިލި އަޑު އިވުމުން، ދޮރު ހުޅުވަން ޔައިލްއަށް މަޖުބޫރުވިއެވެ.

"ދަރިފުޅު މަންމަ ކައިރީ ނުވެސް ބުނެއެއްނު އިޒީ ބަލާ އެއާޕޯޓަށް ދިޔައީ؟..." ޔައިލް ފެނުމާއިއެކު، އާމިނަތު ޝަކުވާ ކުރަން ފެށިއެވެ.

"އޮފީސް މީހުންނާ އެކީއޭ ދިޔައީ މަންމާ..." އާމިނަތުގެ ކޮނޑުގައި ހިފަހައްޓައިލަމުން ޔައިލް ބުނެލިއެވެ. "މަންމަގެ ލޯބިވާ ދަރިފުޅު އެހުރީ ރައްކާތެރިކަމާއެކީ ގެއަށް ގެނެއްސަ..."

އާމިނަތު އެތެރެއަށް ވަންއިރު، ތުންފަތުގައިވީ ފުޅާ ހިނިތުންވުމެކެވެ. އިޒީ ފެނުމުން، އޭނާގެ އުފާވެރިކަން އެތައް ގުނައެއް އިތުރުވިކަން އެމޫނުން އެނގުނެވެ.

"ޔައިލް ނުބުނާތީއޭ މަންމައަށް އެއާޕޯޓަށް ނުދެވުނީ..." އިޒީ ފެނުމުން، އާމިނަތު ޔައިލް ކުށްވެރިކޮށްލިއެވެ.

"މަންމައެއް ނުގެންދާނެއެއްނު... މާ ދޭނެ ކުދިން ގޮވައިގެންނޭ ޔައިލް ދިޔައީ..." އިޒީވެސް އާމިނަތާއި ބައިވެރިވެގެން ޔައިލް އާއި ދިމާކުރިއެވެ.

ޔައިލް ބޯ ކަހަމުން ގޮސް، ސޯފާއަށް ވެއްޓިގަތެވެ.

އާމިނަތު ގެނައި ތަށިތައް މޭޒުމަތީގައި އަތުރައިލިއެވެ. އެމަންޒަރު ފެނުމުން، ޔައިލް މާޔޫސްވިއެވެ. އޭނާ ނިންމައިގެން ހުރީ އިޒީ ގޮވައިގެން ގޮސް ބޭރުން ކާށެވެ.

"މަންމަ ތިއައީ ކާއެއްޗެހި ހިފައިގެންތަ؟..." ކާއެއްޗެހި ފެނުމުން، އިޒީގެ ކުޅު ދިޔާވިއެވެ.

"މަންމައަށް އެނގެޔޭ އެހާ ދުވަހު ބޭރުގަ އުޅެފަ އަންނައިރު، ދިވެހި ކާއެއްޗެހިކަން ދަރިފުޅު އެންމެ ބޭނުންވާނީ..." ޔައިލްއަށް ލޯ އަޅައިލަމުން އާމިނަތު ބުނެލިއެވެ.

"އެންމެންވެގެން އަހަރެން ބާކީކޮށްލަނީތަ؟..." ކާމޭޒާއި ދިމާއަށް ހިނގައިގަންނަމުން ޔައިލް ބުނެލިއެވެ.

"އެއީ ލޯބިވާތީ..." ހަމައެކަނި ޔައިލްއަށް އިވޭ ވަރަށް އިޒީ ބުންޏެވެ.

ޔައިލް އިޒީގެ އަތުގައި ހިފައި، ގަޔާއި ކައިރިކޮށްލިއެވެ. އާމިނަތަށް އެމަންޒަރު ފެނިދާނެތީ، އިޒީ ހާސްވެގެން ތެޅިގަތެވެ.

********

"ދަރިފުޅު ކައިރީ ބުނެފީމެއްނޫންތަ ތަންކޮޅެއް ހަރުދަނާ މީހަކަށް ވާށޭ..." ގެއަށް ވަން ރިޝާން ފެނުމުން، ޝާކިރަށް ކުރެވުނީ ޝަކުވާއެވެ.

ރިޝާން ގެއަށް އައީ ދެ ދުވަސް ފަހުންނެވެ. ދެ ދުވަސް ވަންދެން ރިޝާން އުޅުނު ތަނެއްވެސް ޝާކިރަކަށް ނޭނގެއެވެ. ނަސޭހަތް ދީ ދީ ޝާކިރު ވަރުބަލިވިއެވެ.

"ފެންވަރައިގެން ކާން އާދޭ..." ރިޝާން އެއްޗެއް ނުބުނެ ކޮޓަރި އާއި ދިމާއަށް ދާން ފެށުމުން، ޝާކިރު ބުނެލިއެވެ. "ތަންކޮޅެއް ތާހިރު އެއްޗެއް ލައިގެން ނުކުންނާތި!..."

"ނެތް ކާހިތެއް..." ރިޝާންގެ ޖަވާބުން ޝާކިރުގެ ލޭ ކެކޭ ގޮތް ވިއެވެ.

"ތިއުޅެނީ މި މާލެތެރެއަށް އަހަރެން ފަޟީހަތް ކުރާނެ ގޮތެއް ނޭނގިގެންތަ؟... އަންހެނަކު ނުލިބުނަސް، ތިވަރު ވާއެއްޗެއް ނޫނޭ..." ޝާކިރު ފުންމައިގެން ތެދުވިއެވެ. "އެނޫނަސް، މި ދުނިޔޭގަ އަންހެނުން އެބަތިބި..."

ރިޝާން ކުއްލިއަކަށް ޝާކިރުގެ މޫނާއި މޫނު ޖެހޭ ހިސާބަށް ގޮސް ހުއްޓުނެވެ. ރިޝާން އޭގެ ކުރިން އެފަދަ ކަމެއް ކޮށްފައިނުވާތީ، ޝާކިރަށް ކުޑަކޮށް ފަހަތަށް ޖެހިލެވުނެވެ.

"މި ހުރިހާ ކަމެއް ވީ ބައްޕަގެ ސަބަބުން...." ރިޝާން ހުރީ ދަތްތަކަށް ބާރުކޮށްލައިގެންނެވެ. "އޭރު ހެދިހެން މިހާރުވެސް ހެކި ނައްތާލަންވީނު.... އޭރުން ލަދެއްގަ ބެދޭކަށް ނުޖެހޭނެ..."

ޝާކިރަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އެއްޗެއް ނުބުނެވިފައި އޭނާ ހުއްޓައި، ރިޝާން ގޮސް ކޮޓަރިއަށް ވަދެ، ބަންލާފައި ދޮރު ޖެހިއެވެ.

"ކޮންފާޑަކަށްތަ އޭނަ އެ ވާހަކަ ދައްކަނީ؟..." ޝާކިރު ހަޅޭއްލަވައިގަތީ ބަދިގޭގައި ހުރި ނަޖުމާއަށެވެ.

"އެސޮރަށް ޕްރެޝަރކުރުން ހުއްޓާލަންވެއްޖެއެއްނު..." ނަޖުމާއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ.

"ނަޖުމާއަށް ފަސޭހަތަ އެއުޅޭ ގޮތް ބަލަން؟..." ޝާކިރު ހިތްހަމަނުޖެހުނީ ނަޖުމާ ދެކެއެވެ. "ބަލާބަލަ ދެންމެވެސް އަހަރެން ކުރިމަތީ އެއްޗެހި ގޮވާލިގޮތް..."

"ފަސޭހަވެގެނެއް ނޫނޭ... އޭނަ އެބުނީކީ ދޮގު ވާހަކައެއް ނޫނެއްނު..." ހިތްހަމަނުޖެހުނުވަރުން ނަޖުމާއަށްވެސް އަޑު އިސްކުރެވުނެވެ. "ޝާކިރަށްވެސް ކަންތައް ކުރެވުނު ގޮތުން އެހެން އެވީ..."

ޝާކިރު އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ. ސޯފާއަށް ވެއްޓިގަތްއިރު، މާޒީ އާއިމެދު އަމިއްލަ ނަފުސު ކުށްވެރި ކުރެވެމުން ދިޔައެވެ. އޭނާގެ އަޑު އަހާނެ ހަމަ އެކަކުވެސް މިއަދު ނެތެވެ. އާރާއި ބާރު ލިބިފައިވިޔަސް، ލޯތްބާއި އުފަލަކީ ފައިސާއަށް ގަނެވޭނެ އެއްޗެއް ނޫނެވެ. ޝާކިރަށް ދަތިވާ އެއްކަމެއްވެސް ނެތެވެ. އެހެނަސް، އާއިލާއެއްގެ އުފާވެރިކަމެއް އޭނާއަކަށް ނުލިބުނެވެ.

ފަރުހާދުގެ ނަންބަރު ހޯދައިގެން ޝާކިރު އެ ނަންބަރަށް ގުޅިއެވެ. ދެތިން ރިންގާއިއެކު، ފަރުހާދު ފޯނު ނެގިއެވެ.

"ވަރަށް ބޮޑު ކަމެއް ކޮށްދޭންވެއްޖެ..." ޝާކިރުގެ އަޑު ކުރެހުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު