ރާއްޖޭގައި މިހާތަނަށް ނެރުނު އެންމެ ބޮޑު ފޮތުގެ ގޮތުގައި، ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ ޑރ. ޙަސަން ޙަމީދު ލިޔުއްވައި ތައްޔާރުކުރެއްވި "އިނގިރޭސި-ދިވެހި ބަސް ފޮތް" ރަސްމީކޮށް މިއަދު ނެރެފިއެވެ.
މި ފޮތް ރަސްމީކޮށް ނެރެދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ މަރުކަޒީ އިދާރާގެ އޮޑިޓޯރިއަމްގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމެވެ.
މި ފޮތް ރަސްމީކޮށް ނެރެދެއްވުމަށް ފަހު ޑރ. ޙަސަން ޙަމީދު ވިދާޅުވީ، މި ފޮތަކީ މިއަދުގެ ޙާލަތަށް ވަރަށް ބޮޑަށް ފެތޭ އަދި ގިނަ ބަޔަކަށް ގިނަ ފައިދާތަކެއް ލިއްބައިދޭނެ ފޮތެއް ކަމަށެވެ.
ޚާއްޞަކޮށް ކިޔަވާ ކުދިންނަށާއި ދިވެހި ބަސް ދަސްކުރާ މީހުންނަށް ވެސް މި ފޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށާއި، ދިވެހި ބަސް ކުރިއަރުވަން ބޭނުންވާ މީހުންނަށް މި ފޮތަކީ އެހީއަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިނގިރޭސި-ދިވެހި ބަސް ފޮތް ނެރުމުގެ ރަސްމިއްޔާތު: އެ ފޮތުގައި 120،000 އަށް ވުރެ ގިނަ ބަސް ހިމެނޭ -- ސަން ފޮޓޯ/ ހުސައިން ހާފިޒް
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މިއީ ޑރ. ޙަސަން ޙަމީދުގެ ވަރަށް ބުރަ މަސައްކަތްޕުޅެއް ކަމަށާއި އެއީ އެއްދުވަހަކުން ނުވަތަ ދެދުވަހަކުން ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ. އަދި މިއީ އެތައް އަހަރެއްގެ ބުރަ މަސައްކަތްކަން ފާހަގަކުރައްވައި، ޑރ. ޙަސަން ޙަމީދަކީ މޮޅު ޢިލްމުވެރިއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ފޮތުގެ ސަބަބުން ރާއްޖޭގެ ގިނަ ކިޔަވާކުދިންނަށާއި ބަސް ކުރިއަރުވަން މަސައްކަތްކުރާ މީހުންނަށް ގިނަގުނަ ފައިދާތަކެއް ލިބޭނެ ކަމަށް މައުމޫން ވެސް ވިދާޅުވިއެވެ.
އިނގިރޭސި-ދިވެހި ބަސް ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ރައީސް މައުމޫން: ޑރ. ޙަސަން ޙަމީދުގެ މަސައްކަތަށް ތައުރީފު ކުރެއްވި -- ސަން ފޮޓޯ/ ހުސައިން ހާފިޒް
"ބަސް ފޮތެއް އެކުލަވާލެއްވުމަކީ އެއް ދުވަހަކުން ދެ ދުވަހަކުން ވާނެކަމެއް ނޫން. އެއް އަހަރަކުން ދެ އަހަރަކުން ވެސް ވާނެކަމެއް ނޫން. އެއީ އެއަށްވުރެ މާ ބުރަ މަސައްކަތެއް، މާ ކަވި މަސައްކަތެއް، މާ ގިނަ ވަގުތު ހޭދަކުރަންޖެހޭ މަސައްކަތެއް، މަސައްކަތެއް. އެހެންވީމާ މިފަދަ ބުރަ މަސައްކަތެއް މިހާ ކެތްތެރިކަމާ އެކީގައި މިހާ ގިނަ ދުވަހު ކޮށްދެއްވި ކަމަށްޓަކައި ޢިލްމުވެރިޔާ ޑރ. ޙަމީދަށް ފަށްފަށުން ޝުކުރުދަންނަވަން." މައުމޫން ވިދާޅުވިއެވެ.
ޑރ. ޙަސަން ޙަމީދު ލިޔުއްވި މި ބަސްފޮތުގައި 120،000 އަށް ވުރެ ގިނަ ބަސް ހިމެނޭއިރު، ފޮތުގެ ބަރުދަނުގައި 2.1 ކިލޯ ހުރެއެވެ.
އިނގިރޭސި-ދިވެހި ބަސް ފޮތް: އެއީ މިހާތަނަށް ރާއްޖޭގައި ނެރުނު އެންމެ ބޮޑު ފޮތް -- ސަން ފޮޓޯ/ ހުސައިން ހާފިޒް
ޑރ. ޙަސަން ޙަމީދަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، ސައިންސާއި، ފަލަކީ އިލްމުގެ ދާއިރާއިން ފާހަގަކޮށްލެވޭ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އިލްމީ ބޭފުޅެކެވެ.
ފިޒިކްސް، ހިސާބު އަދި ފަލަކީ އިލްމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ޑރ. ޙަސަން ޙަމީދަކީ ސައިންސާއި، ތާރީޚާއި، އިސްލާމީ ފަލަކީ އިލްމާ ގުޅޭގޮތުން ގިނަ ފޮތްތަކާއި މަޒުމޫނުތައް ލިޔުއްވައި، ތަޢުލީމީ ދިރާސާތައް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ސަރުކާރުގެ އެކި މަގާމުތަކުގައްޔާއި ކޮމިޝަންތަކުގައި ޚިދުމަތްކުރައްވައި، މުޖުތަމަޢު ހޭލުންތެރިކުރުވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.