ކުރީގެ ބަންޑާރަނައިބު އާޒީމާ ޝަކޫރު، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވަނީ އާޒިމާ އެ މަގާމަށް ނުކުމެވަޑައިގަންނަވަން ފައްޓަވާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
ދެހާސްތޭވީސް ވަނަ އަހަރު ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވި އާޒިމާ ވަނީ އެ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންފައެވެ. އެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ކޯޓު މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި ވެސް އާޒިމާ ވަނީ މަސައްކަތް ކުރައްވާފައެވެ.
އާޒިމާ ސަރުކާރުގެ އިސް މަގާމަކަށް އައްޔަންކުރެއްވިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުވައިގެން 2019 ވަނަ އަހަރު އޭނާގެ މައްޗަށް އުފުލި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އަނބުރާ ނަގާފައެވެ.
އެ ދައުވާތައް މުރާޖައާކުރުމަށްފަހު ޕީޖީ އޮފީހުން ދައުވާތައް އަނބުރާ ނެގީ، ތުހުމަތު ކުރެވޭ ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާތީ، އާޒިމާގެ މައްޗަށް އެ ދައުވާތައް ކުރިއަށްގެންދިއުމުގެ މަސްލަހަތެއް ނެތް ކަމަށް ފެންނާތީއެވެ.