އިންސާނުންގެ ތެރެއިން ދުނިޔޭގެ އެންމެ އަވަސް ދުވުންތެރިޔާ ޖެމެއިކާގެ ޔުސެއިން ބޯލްޓް ހަދާފައިވާ 100 މީޓަރުގެ ދުނިޔޭގެ ރެކޯޑަށް ވުރެ އަވަހަށް ދުވެގެން ޗައިނާގެ ހިއުމަނޮއިޑް ރޮބޮޓަކުން އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.
ޗައިނާގެ ބެއިޖިންގްގައި މިހާރު ކުރިއަށްދާ ވޯލްޑް ހިއުމަނޮއިޑް ރޮބޮޓް ގޭމްސްގައި، ފުރަތަމަ ބުރުގެ ދުވުމުގައި ވާދަކޮށް ބެއިޖިންގް ހިއުމަނޮއިޑް ރޮބޮޓް އިނޮވޭޝަން ސެންޓަރުން އުފައްދާފައިވާ "ޓިއާންގޮންގް އަލްޓްރާ" ވަނީ 100 މީޓަރުގެ ރޭސް 9.39 ސިކުންތުން ނިންމައިގެން އެއްވަނަ ހޯދާފައެވެ. މިއީ 2009 ވަނަ އަހަރު ބާލިންގައި ބޭއްވި ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ޔުސެއިން ބޯލްޓް ހެދި 9.58 ސިކުންތުގެ ރެކޯޑަށް ވުރެ މާ އަވަސް ވަގުތެކެވެ.
މި ރޭހުގައި ދެވަނަ ހޯދީ މަޝްހޫރު ސްމާޓްފޯން ކުންފުނި އޮނާ އިން އުފައްދާފައިވާ "ލައިޓްނިންގް" ނަމަކަށް ކިޔާ ރޮބޮޓެކެވެ. ރޭހުގެ ކުރީކޮޅުގައި ލީޑު ނެގި ނަމަވެސް، ފަހު ވަގުތު ޓިއާންގޮންގް އަލްޓްރާ އަތުން ބަލިވެ ލައިޓްނިންގް އަށް ރޭސް ނިންމުނީ 9.47 ސިކުންތުންނެވެ. އެހެންނަމަވެސް، މި ވަގުތަކީ ވެސް ބޯލްޓްގެ ދުނިޔޭގެ ރެކޯޑަށް ވުރެ އަވަސް ވަގުތެކެވެ.
ރޭސް ނިންމުމަށްފަހު އިންސާނުން ފަދައިން ބެލެންސް ހިފެހެއްޓުމުގައި ދެ ރޮބޮޓަށް ވެސް ދަތިތަކާ ކުރިމަތިވިއެވެ. ދުވުން ހުއްޓުވުމަށް ފިނިޝިން ލައިން ކައިރީގައި ބަހައްޓާފައި ހުރި ބޯ ގޮދަޑިތަކުގައި ޖެހި ޓިއާންގޮންގް އަލްޓްރާ ކަސިޔާރުވެގެން ދިޔުމުން ސަޕޯޓަރުން ދުރަށް ޖެހެން ޖެހުނުއިރު، ލައިޓްނިންގް ބިންމައްޗަށް ވެއްޓުމުން އެ ރޮބޮޓް ގެންދަން ޖެހުނީ ސްޓްރެޗަރެއްގައެވެ.
މި ނަތީޖާއަކީ މިދިޔަ އަހަރު ބޭއްވި ފުރަތަމަ މުބާރާތާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެގޮތުން މިދިޔަ އަހަރުގެ މުބާރާތުގައި 100 މީޓަރުގެ ރޭސް ކާމިޔާބުކުރި ޓިއާންގޮންގް އަލްޓްރާ ރޭސް ނިންމާފައިވަނީ 21.50 ސިކުންތުންނެވެ. މީގެ އިތުރުން މިދިޔަ އަހަރު ބެއިޖިންގްގައި ބޭއްވި ދުނިޔޭގެ ފުރަތަމަ ހިއުމަނޮއިޑް ރޮބޮޓް ހާފް މެރަތަން ވެސް ކާމިޔާބުކުރީ އެ ރޮބޮޓެވެ.
މުބާރާތުގެ ކުރިން ބޭއްވި ޓެސްޓުތަކުގައި ލައިޓްނިންގް ރޮބޮޓް ވަނީ ސިކުންތަކު 14.5 މީޓަރުގެ ބާރުމިނުގައި ދުވެ، 100 މީޓަރު 9.32 ސިކުންތުން ކަޑައްތުކޮށްފައެވެ. އަދި މިއަހަރު ބޭއްވި ހިއުމަނޮއިޑް ހާފް މެރަތަން ލައިޓްނިންގް ކާމިޔާބުކުރީ 50 މިނެޓާއި 26 ސިކުންތުންނެވެ. އެ މެރަތަންއަށް ފަހު އިންޖިނިއަރުން ވަނީ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ލައިޓްނިންގްގެ ފައިގެ ދިގުމިން 95 ސެންޓިމީޓަރުން 1.05 މީޓަރަށް (10 ސެންޓިމީޓަރު) ދިގުކޮށްފައެވެ.
ބެއިޖިންގްގެ ނޭޝަނަލް ސްޕީޑް ސްކޭޓިންގް އޯވަލްގައި ކުރިއަށްދާ މި މުބާރާތުގައި 16 ގައުމަކުން 666 ޓީމަކުން 2،056 އަށް ވުރެ ގިނަ ރޮބޮޓް ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ދުވުމުގެ އިތުރުން ފުޓްބޯޅަ، ނެށުން އަދި ސިނާއީ އެކި މަސައްކަތްތައް ހިމެނޭހެން ޖުމްލަ 51 އިވެންޓެއް ކުރިއަށްދާނެއެވެ.
ޗައިނާއިން ހިއުމަނޮއިޑް ރޮބޮޓިކްސް ދެކެނީ ކުރިއަރަމުން އަންނަ މުހިންމު ސްޓްރެޓީޖިކް ސިނާއަތެއްގެ ގޮތުގައެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ހާޑްވެއާގެ ކުރިއެރުންތަކާއެކު އުފެއްދުންތެރިކަމާއި، މުދާ އުފުލުމާއި، އާންމު ދިރިއުޅުމުގެ ބޭނުންތަކަށް ރޮބޮޓް ބޭނުންކުރުން އިތުރުވެގެންދާނެ ކަމަށް އެގައުމުގެ ސަރުކާރާއި ވިޔަފާރިވެރިން ގަބޫލުކުރެއެވެ.