އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރު ޢަޒީގެ ނަން ހުށަހަޅައިފި

ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު: އޭނާ ވަނީ މީގެ ކުރިން ވެސް ވަނީ އިންފޮމޭޝަން ކޮމިޝަނަރުކަން ކުރައްވާފައި --- ފޮޓޯ: އިމާދުއްދީން ސްކޫލް

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު (ޢަޒީ)ގެ ނަމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އޭނާ މި ވަގުތު ހުންނެވީ މި ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ.

މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދުގެ ދައުރު އަންނަ ސެޕްޓެންބަރު މަހުގެ ހަ ވަނަ ދުވަހަށް ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވައިލީ މި ހިނގާ އޮގަސްޓު މަހުގެ ތިންވަނަ ދުވަހުން ފެށިގެން 16ވަނަ ދުވަހެގެ ނިޔަލަށެވެ.

އެ މުއްދަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވީ ޢަޒީގެ ނަމެވެ.

މިއަދުގެ ޖަލްސާގައި އަމީންއާންމު ފާޠިމަތު ނިއުޝާ އިއްވެވި ސިޓީގައިވާ ގޮތުން އެ ސިޓީގައި އިތުރު ނަންތައް ވެއެވެ. ނަމަވެސް އެ ސިޓީ އަދި އާންމުނުކުރާތީ ދެން ކުރިމަތިލެއްވީ ކޮން ބޭފުޅުންނެއްކަން އަދި ނޭނގެއެވެ.

ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގައި މާވަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ޢަޒީ އިންފޮމޭޝަން ކޮމިޝަނަރުކަމަށް އައްޔަންކުރީ ޖުލައި 22، 2014ގައެވެ. ދިވެހިބަސް ވެސް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރައްވާ ޢަބްދުލްޢަޒީޒް ވަނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހުގެ މުއްދަތެވެ.

comment ކޮމެންޓް