މިދިޔަ އަހަރު ނެޓްފްލިކްސް އާއި ރެޑް ޗިލީޒް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދިން ބޮލީވުޑްގެ މަޝްހޫރު ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ދެވަނަ ސީޒަނެއް އުފެއްދުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާކަން ލިޔުންތެރިޔާ ބިލާލް ސިއްދީގީ ހާމަކޮށްފިއެވެ.
ނަމަވެސް، މި ސީރީޒް ކުރިއަށް ގެންދިއުމަށް އަދި ރަސްމީކޮށް ހުއްދަ ލިބިފައިނުވާކަން އޭނާ ފާހަގަކުރިއެވެ. އިންޑިއާގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އާރްޔަން ޚާން ޑައިރެކްޓް ކުރި ފުރަތަމަ އުފެއްދުން ކަމަށްވާ މި ސީރީޒަކީ ހިންދީ ފިލްމީ ދާއިރާގެ ކަންކަން މަޖާޒީ ގޮތަކަށް ހުށަހަޅައިދިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ވެބް ސީރީޒެކެވެ.
ދާދިފަހުން "އަވާރާޕަން 2"އިން ކާމިޔާބީ ހޯދި ބިލާލް ސިއްދީގީ އަކީ މި ސީރީޒްގެ ލިޔުންތެރިންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. އެންޑީޓީވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބިލާލް ބުނީ، ދެވަނަ ސީޒަނެއް ފެނުމަކީ އޭނާވެސް ވަރަށް ބޮޑަށް އުންމީދުކުރާ ކަމެއް ކަމަށެވެ.

"ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ޕްރީމިއާގައި އާރްޔަން ޚާން އާއިލާއާ އެކު--ފޮޓޯ/ވޯގް
"ރެޑް ޗިލީޒް އާއި ނެޓްފްލިކްސް ދަނީ މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން. އެ ފަރާތްތަކުން ފުރަތަމަ ކަނޑައަޅަން ބޭނުންވާ ބައެއް ކަންކަން އެބަހުރި. ފުރަތަމަ ސީޒަން ވަރަށް ފުރިހަމައަށް ނިންމާލެވުނު، އަދި ދެވަނަ ފަހަރަށް މި މަސައްކަތް ކުރުމަކީ ލިބޭނެ ވަރަށް ބޮޑު އުފަލެއް،" އޭނާ ބުނެފައިވެއެވެ.
ދެ ފަރާތުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގައި ދެވަނަ ސީޒަނަކަށް އަދި ރަސްމީކޮށް އާނބަސް ބުނެފައި ނުވިނަމަވެސް މި ސީރީޒް އަލުން އެނބުރި އައުމުގެ ފުރުސަތު ބޮޑުކަން އޭނާގެ ވާހަކަތަކުން ދޭހަވެއެވެ.
އާރްޔަން ޚާންއާ އެކު މަސައްކަތް ކުރުމާ ގުޅޭގޮތުން ބިލާލް ބުނީ، އާރްޔަންއަކީ އޭނާގެ ވަށައިގެން ހިނގާ ކަންކަމަށް ވަރަށް ބޮޑަށް ހޭލުންތެރި، މަޖާ މިޒާޖެއްގެ ވިސްނުންތޫނު ޒުވާނެއް ކަމަށެވެ.
ބިލާލް އިތުރަށް ބުނި ގޮތުގައި އާރްޔަން އަކީ މައުލޫމާތު މުއްސަނދި އަދި ކަންކަން އަވަހަށް ދެނެގަންނަ ޒުވާނެކެވެ. އެހެންކަމުން ސީރީޒްގައި ހިމެނޭ ތަފާތު ހިޔާލުތަކާއި ކަންކަން ދެނެގަތުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާ ކަމަށް އޭނާ ބުނެފައިވެއެވެ.
"ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ މުހިއްމު ރޯލްތަކުން ފެނުނު ތަރިންގެތެރޭ، ލަކްޝް ލަލްވާނީ، ބޮބީ ޑިއޯލް، ރާގަވް ޖުޔަލް، ސެހެރް ބަމްބާ، އާންޔާ ސިންގް، މޯނާ ސިންގް އަދި ރަޖަތު ބެދީ ހިމެނެއެވެ.