ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުގައި މަޝްހޫރު ވޮލީ ކުޅުންތެރިޔާ އަޙްމަދު ފާޒިލް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ 31 އަހަރުގެ ފާޒިލް ހައްޔަރުކުރީ ޑުރަގު އެންފޯސްމަންޓާއި، ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި، ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ބުރާސް ފަތި ދުވަހު ކަމަށެވެ.
އެ އޮޕަރޭޝަންގައި، ކެޔޮދޫގައި އޭނާ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގުރާމުގެ ތަކެތި ފެނިފައިވާކަން ފުލުހުން ހާމަކުރިއެވެ.
އެ މައްސަލައިގައި ފާޒިލް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ފާޒިލް އާއި އޭނާއާ އެއްމާބަނޑު އަހުމަދު ފައިރޫޒްއަކީ ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިންނެވެ. އަދި ގައުމީ މުބާރާތްތަކާއި އެހެނިހެން މުބާރާތްތަކުގައި ވެސް އޭނާ ވޮލީން އެކި ވަނަތައް ކާމިޔާބުކޮށްފައިވެއެވެ.