ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ލ. އަތޮޅުން ގދ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފި

ވާރޭ ވެހޭއިރު، ދެ މީހަކު ވިއްސާރަ ކޯޓެއް ލައިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ދެކުނުގެ ބައެއް ރަށްތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ރީނދޫ ސަމާލު ނެރެފިއެވެ.

މެޓުން، ރީނދޫ ސަމާލު ނެރެފައި ވަނީ، މެންދުރުފަހު 03:00އިން އިރުއޮއްސި 06:00އާ ހަމައަށް ލ. އަތޮޅުން ގދ. އަތޮޅާ ހަމައަށެވެ.

މެޓުން ބުނީ، އެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރުނީ ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ.

މީގެއިތުރުން، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ގއ. އަތޮޅުން ގދ. އަތޮޅާ ހަމައަށް މެޓުން ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ. އެ ސަމާލު ނެރެފައި ވަނީ، ހަވީރު 05:00އާ ހަމައަށެވެ.

ދެކުނުގެ ސަރަހައްދުތަކަށް ސަމާލުތައް ނެރެނުއިރު، މިއަދު އެކި ސަރަހައްދަށް ވިއްސާރަ ކުރާނެ މެޓުން ވަނީ ލަފާކޮށްފައެވެ.

މިގޮތުން، މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މީގެއިތުރުން، މިއަދު އާދައިގެ ވަރަކަށް ކަނޑުތައް ގަދަ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރިއެވެ. ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާ ފަސް ފޫޓާ ދެމެދުގައެވެ.

މެޓުން ވަނީ، މެދުރާއްޖެތެރެއާއި ދެކުނުގައި ދިރިއުޅޭ މީހުން، މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

ވިއްސާރަ ދުވަސްވަރަށް މޫސުމީ މައުލޫމާތުގެ އަދާހަމަ ހޯދައި، ސަލާމަތީ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.

comment ކޮމެންޓް