އިންޑިއާގެ ބޮޑެތި ބޭންކުތަކުގެ ނަމުގައި މަކަރާއި ހީލަތް ހަދައި، މީހުންގެ އަތުން ފައިސާ ފޭރުމަށް ކުށްވެރިން ބޭނުންކުރަމުންދާ ޕެޓާނެއް ފާހަގަކުރެވިގެން، ގޫގުލްގެ ވެބް ޑިވެލޮޕްމަންޓް ޕްލެޓްފޯމް ކަމަށްވާ "ފަޔާބޭސް" ގައި ހަދާފައިވާ އެތައް ސަތޭކަ އެކައުންޓެއް ޑައުން ކުރުމަށް އިންޑިއާ ސަރުކާރުން ގޫގުލް ކުންފުންޏަށް އަންގައިފިއެވެ.
އިންޑިއާގައި އޮންލައިންކޮށް ހިންގާ ސްކޭމްތަކަކީ އެ ގައުމުގެ ތަންފީޒީ އިދާރާތަކަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރު އެކަނިވެސް އިންޑިއާގެ ރައްޔިތުންގެ އަތުން ގާތްގަނޑަކަށް 2.4 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 37 ބިލިއަން ދިވެހި ރުފިޔާ) ސައިބާ ކުށްވެރިން ވަނީ ފޭރިގެންފައެވެ.
ފަހަކަށް އައިސް އޮންލައިން ސްކޭމަރުން ގިނަ އަދަދަކަށް ގޫގުލް ފަޔާބޭސް ބޭނުންކުރާކަން ފާހަގަކުރެވިފައިވާއިރު، މި އޯގަސްޓް މަހުގެ ތެރޭގައި އެކަނިވެސް ފަޔާބޭސް މެދުވެރިކޮށް ހިންގަމުން ދިޔަ މަދުވެގެން 57 ވެބްސައިޓަކާއި ޑޭޓާބޭސްއެއް ޓޭކްޑައުން ކުރުމަށް އިންޑިއަން ސައިބާ ކްރައިމް ކޯޑިނޭޝަން ސެންޓަރު އިން ވަނީ ގޫގުލްއަށް އަންގާފައެވެ. މިގޮތަށް ފޮނުވާ ނޯޓިސްތަކުގައި ފާހަގަކޮށްފައިވާ ލިންކުތައް ތިން ގަޑިއިރުގެ ތެރޭގައި ނުނަގައިފިނަމަ، އޭގެ ޒިންމާ ގޫގުލްއިން އުފުލަން ޖެހިދާނެއެވެ.
އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ، މި ސްކޭމަރުން ހަދަނީ އަސްލު ބޭންކިން ޚިދުމަތްތައް ކަމަށް ދައްކުވައިދޭ އެންޑްރޮއިޑް މެލްވެއާ ޕްރޮގްރާމްތަކެއް ކަމަށާއި، މި ޕްރޮގްރާމްތައް އަމާޒުކުރަނީ ކްރެޑިޓް ކާޑު ބޭނުންކުރާ އެންޑްރޮއިޑް ޔޫޒަރުންނަށް ކަމަށެވެ. މީހުން މި ދަންތުރައިގައި ޖައްސަނީ އާ ކްރެޑިޓް ކާޑު ދިނުމާއި، ރިވޯޑް ރެޑީމް ކުރުމާއި، އަދި ކްރެޑިޓް ލިމިޓް މަތިކޮށްދޭނެ ކަމަށް ބުނެ ހުށަހަޅާ އޮފާތައް މެދުވެރިކޮށެވެ.
ފަޔާބޭސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެޕްލިކޭޝަންތައް ހެދުމަށާއި ވެބްސައިޓް ހޯސްޓްކުރުމަށް މިލިއަނަކަށް ވުރެ ގިނަ ޑިވެލޮޕަރުން ބޭނުންކުރާ މަގުބޫލު ޓޫލެކެވެ. މިއީ އެންމެ ފަހުގެ ކުއާޓަރުގައި ގާތްގަނޑަކަށް 25 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ގޫގުލް ކްލައުޑް ވިޔަފާރީގެ މުހިންމު ބައެކެވެ.
ފަޔާބޭސްއިން ހިލޭ ލިބޭ ފަސޭހަތަކާއި ވަރުގަދަ ޑޭޓާބޭސް ފީޗާތަކުގެ ސަބަބުން، ވޭތުވެދިޔަ އަހަރުން ފެށިގެން ސްކޭމަރުން ދަނީ އެހެން ޓޫލްތައް ދޫކޮށް ފަޔާބޭސްއަށް ބަދަލުވަމުންނެވެ.
އިންޑިއާގެ ޑިޖިޓަލް ޕޭމަންޓްގެ ނިޒާމު އިންތިހާއަށް ކުރިއަރަމުން އަންނައިރު، 2026 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ހޭދަވި އެއް އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް އެ ގައުމުގެ ރިއަލް-ޓައިމް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް 242 ބިލިއަން ޑިޖިޓަލް މުއާމަލާތް ވަނީ ހިންގާފައެވެ. ނަތީޖާއެއްގެ ގޮތުން، ކުށްވެރިން މިހާރު އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ މި ޑިޖިޓަލް ނިޒާމަށެވެ.
ނައްތާލުމަށް އެންގި 57 ސައިޓާއި ޑޭޓާބޭސްގެ ތެރެއިން 7 ސައިޓަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)، އައިސީއައިސީއައި ބޭންކް އަދި އެކްސިސް ބޭންކް ފަދަ އިންޑިއާގެ ނުފޫޒުގަދަ ބޭންކުތައް ކަމަށް ހެދިގެން ހަދާފައިވާ ފިޝިންގ ޕޭޖުތަކެވެ. އަދި ބާކީ ހުރި ސައިޓުތަކަކީ ވިކްޓިމުންގެ ފޯނުތަކުން ކްރެޑިޓް ކާޑުގެ މައުލޫމާތާއި ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ ނާޒުކު މައުލޫމާތު ވަގަށް ނަގައި އެއްކުރުމަށް ހަދާފައިވާ ތަންތަނެވެ.
ސްކޭމަރުން ވަނީ އިންޑިއާގެ ފަގީރު ދަނޑުވެރިންނަށް ކޮންމެ ހަތަރު މަހަކުން 2،000 ރުޕީސް ދިނުމަށް ހިންގާ ސަރުކާރުގެ ޕްރޮގްރާމެއް ކަމަށްވާ "ޕީއެމް-ކިސާން" ގެ ނަމުގައިވެސް މަކަރު ހަދާފައެވެ. އެގޮތުން އެ ފައިސާ ހޯދައިދޭނެ ކަމަށް ބުނެ، ވަކި އެޕެއް ޑައުންލޯޑް ކުރުވުމަށްފަހު، އެ އެޕް މެދުވެރިކޮށް ފޯނުގައިވާ ޒާތީ މައުލޫމާތުތައް ފަޔާބޭސް ޑޭޓާބޭސްއަށް ފޮނުވައި މުޅި ފޯނުގެ ކޮންޓްރޯލް ހޯދައެވެ.
ސައިބާ ސެކިއުރިޓީ ދިރާސާވެރިން މިފަދަ ހަމަލާތަކަށް "އެންޑްރޮއިޑް ގޯޑް މޯޑް" ގެ ނަމުން ނަންދީފައިވަނީ، މި މެލްވެއާގެ ސަބަބުން ވިކްޓިމްގެ ފޯނުގެ މައްޗަށް ކުށްވެރިންނަށް ފުރިހަމަ ބާރު ލިބިގެންދާތީއެވެ.
މި މައްސަލައާ ގުޅިގެން ގޫގުލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފިޝިން، މެލްވެއާ ނުވަތަ މާލީ މަކަރާއި ހީލަތް ހެދުމަށް އެ ކުންފުނީގެ ޚިދުމަތްތައް ބޭނުންކުރުން ހަރުކަށިކޮށް މަނާކުރާ ސިޔާސަތުތަކެއް އޮންނަ ކަމަށާއި، މިފަދަ ނޯޓިސްތައް ބަލައި ފިޔަވަޅު އެޅުމުގައި އިންޑިއާ ހިމެނޭހެން ތަންފީޒީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިންޑިއާގެ އިތުރުން ރާއްޖޭގައި ވެސް ފަހަކަށް އައިސް ބޭންކުތަކާއި ސަރުކާރުގެ އެކި އިދާރާތަކުގެ ނަމުގައި ފޭކް ލިންކުތަކާއި މެސެޖުތައް ފޮނުވައިގެން، އޮޅުވާލައިގެން މީހުންގެ އެކައުންޓްތަކުން ފައިސާ ފޭރުމުގެ މައްސަލަތައް އިންތިހާއަށް ވަނީ އިތުރުވެފައެވެ. ދިވެހި ފުލުހުންނާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތަކުރާރުކޮށް ހޭލުންތެރިކުރުމުގެ މައުލޫމާތު ދެމުންދިޔަ ނަމަވެސް، ސްކޭމަރުން ޓެކްނޮލޮޖީގެ އައު އުކުޅުތައް ބޭނުންކޮށްގެން ދިވެހި އެތައް ރައްޔިތުންނެއްގެ އަތުން މިލިއަނުން ފައިސާ ފޭރެމުންދާތީ، އޮންލައިން މުއާމަލާތްތަކާއި ޒާތީ މައުލޫމާތު ހިއްސާކުރުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.