ރިސޯޓު ލީގު ސައުތު މާލޭ ޒޯނުގެ ކުޅުން ސަން ސިޔާމް އޮޅުވެލީގައި ފަށައިފި

ރިސޯޓް ލީގު 2026 ސައުތު މާލޭ ޒޯނުގައި އޮޅުވެއްޔާއި ވެލައްސަރު ބައްދަލުކުރި މެޗުގެ ކުޅުންތެރިންނާ، ޝަރަފްވެރި މެހެމާނު ސަން ސިޔާމް ގްރޫޕުގެ ވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދު ސަލާމްކުރައްވަނީ-- ފޮޓޯ: ރިސޯޓް ލީގު

ރިސޯޓުތަކުގެ މެދުގައި ކުރިއަށްދާ އެންމެ ދުވަސްވީ ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓު ލީގު ސައުތު މާލޭ ޒޯނުގެ މިއަހަރުގެ ކުޅުން ސަން ސިޔާމް އޮޅުވެލީގައި ފަށައިފިއެވެ.

މާލެ އަތޮޅުގެ ދެކުނު ބިތަށް ނިސްބަތްވާ ރިސޯޓުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި މިއަހަރު ޖުމްލަ 12 ޓީމެއް ވާދަކުރެއެވެ.

މުބާރާތް ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ވެލައްސަރު މޯލްޑިވްސް އާއި ސަން ސިޔާމް އޮޅުވެއްޔެވެ. މެޗު ޝަރަފްވެރިކޮށްދެއްވީ ސަން ސިޔާމް ރިސޯޓްސްގެ ފައުންޑާ، ޗެއާމަން އަދި މެނޭޖިން ޑައިރެކްޓަރު އަޙްމަދު ސިޔާމް މުޙައްމަދެވެ.

މެޗު ފެށުމުގެ ގޮތުން ޝަރަފްވެރި މެހެމާނު ވަނީ ދެ ޓީމުގެ ކުޅުންތެރިންނާ ސަލާމްކުރައްވާ ހިތްވަރުދެއްވާފައެވެ. މިއީ އޮޅުވެލީގައި ރިސޯޓު ލީގުގެ ސައުތު މާލޭ ޒޯން މުބާރާތް ހޯސްޓުކުރާ ފުރަތަމަ ފަހަރެވެ.

ރިސޯޓް ލީގު 2026 ސައުތު މާލޭ ޒޯނުގައި އޮޅުވެއްޔާއި ވެލައްސަރު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސަން

ޖުމްލަ ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ އޮޅުވެލީގެ އިތުރުން ވެލައްސަރާއި އެންމެ ފަހުގެ ޗެމްޕިއަން ވޮލްޑޯފް އެސްޓޯރިއާ އިތާފުށްޓެވެ. ގްރޫޕް ބީގައި ޖޭޑަބްލިއު މެރިއަޓް، ހާޑްރޮކް ހޮޓެލް މޯލްޑިވްސް އަދި ސާއީ ލެގޫން މޯލްޑިވްސް ހިމެނޭއިރު ގްރޫޕް ސީގައި ހިމެނެނީ އޮޒެން ލައިފް މާދޫއާއި ރަށް ގިލި މޯލްޑިވްސްގެ އިތުރުން ދަ މެރީނާ އެޓް ކްރޮސްރޯޑްސްއެވެ.

މީގެ އިތުރުން ގްރޫޕް ޑީގައި ހިމެނޭ ޓީމުތަކަކީ އޮޒެން ރިޒާވް ބޮލިފުށްޓާއި އަނަންތަރާ ދިގު މޯލްޑިވްސްގެ އިތުރުން ސޯ މޯލްޑިވްސްއެވެ.

ރިސޯޓް ލީގު 2026 ސައުތު މާލޭ ޒޯނުގައި އޮޅުވެއްޔާއި ވެލައްސަރު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ރިސޯޓް ލީގު

"ސަަން" އާއި ވާހަކަދައްކަވަމުން ސަން ސިޔާމް އޮޅުވެލީގެ އެޗްއާރު މެނޭޖަރު އަޙްމަދު ޝަޒީން ވިދާޅުވީ ސަން ސިޔާމް ރިސޯޓުގެ ހުރިހާ މުވައްޒަފުންގެ ދުޅަހެޔޮކަމާއި މޯޓިވޭޝަން އިތުރުކުރުމަކީ ކުންފުނީގެ އެންމެ އިސްވެރިޔާ ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށާއި ސްޓާފުންގެ މޯޓިވޭޝަނާ ހުރިހާ ކަމެއް ވެސް ގުޅިފައި ވަނީ ކުޅިވަރުގެ ތެރެއިން ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި ރިސޯޓު ލީގަށްފަހު މުބާރާތުގެ އޯގަނައިޒަރުންނާއެކު ކުރެވުނު މަޝްވަރާތަކާއެކު އޮޅުވެލީގައި މިއަހަރު މުބާރާތް ހޯސްޓުކުރަނީ ފެންވަރުގެ ގޮތުން މީގެކުރިން ފެނިގެންދިޔަ ފަހަރު ތަކަށްވުރެ ރަނގަޅަށް ކަމަށް ގަބޫލުކުރާ ކަމަށާއި މިހާތަނަށް ފީޑްބެކް ވަރަށް ރަނގަޅު ކަމަށްވެސް ޝަޒީން ވިދާޅުވިއެވެ.

ރިސޯޓް ލީގު 2026 ސައުތު މާލޭ ޒޯނުގައި އޮޅުވެއްޔާއި ވެލައްސަރު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ރިސޯޓް ލީގު

ސަން ސިޔާމް އޮޅުވެލި ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން 2024 ވަނަ އަހަރު ހޯދާފައެވެ. ރިސޯޓް ލީގަކީ 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު