މުދާ އެތެރެކުރުމުގެ ކުރިން މައުލޫމާތު ބަދަލުކުރަން، ރާއްޖެ ހިމެނޭހެން 4 ގައުމަކުން އެއްބަސްވެއްޖެ

މުދާ އެތެރެކުރުމުގެ ކުރިން މައުލޫމާތު ބަދަލުކުރުމަށް އެއްބާރުލުން ދިނުމަށާއި، ވިޔަފާރި ފަސޭހަކުރުމަށް ބަންގްލަދޭޝް، ބޫޓާން، ދިވެހިރާއްޖެ އަދި ނޭޕާލުން އިއްޔެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މާލޭގައި ކުރިއަށްދިޔަ ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސާސެކް) ކަސްޓަމްސް ގްރޫޕްގެ 14 ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ބައިވެރިވެވަޑައިގަތެވެ. އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ދެކުނު އޭޝިއާގެ ޕްރިންސިޕަލް ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓް ޑރ. ޔުރެންދުރަ ބަސްނެޓް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

ކަސްޓަމްސްގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އޮނިގަނޑަކީ ސަރަހައްދީ ގުޅުން ބަދަހިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން މުދާ އައުމުގެ ކުރިން މުހިންމު މައުލޫމާތުތައް ކަސްޓަމްސް އިދާރާތަކުގެ މެދުގައި ބަދަލުކުރެވި، ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިވެގެންދާނެއެވެ.

އަމިއްލަ ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ. އެގޮތުން، ބޯޑަރުތަކުގައި ހޭދަވާ ވަގުތު މަދުވުމާއި، ލޮޖިސްޓިކްސް ޚަރަދުތައް ކުޑަވުމުގެ އިތުރުން، ސަޕްލައި ޗެއިންގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މީގެ އިތުރުން، މުދާ ލިބޭނެ ވަގުތު ކުރިއަށް ވުރެ ބޮޑަށް ޔަގީންކުރެވި، ސަރަހައްދުގެ ވިޔަފާރިތަކަށް ބޯޑަރު ހުރަސްކޮށް ކުރާ ވިޔަފާރިތައް އިތުރަށް އަވަސްވެ، ރައްކާތެރިވެގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް