ޓޯ ކެޕޭސިޓީ އިތުރުކުރަން ފޯކްލިފްޓަކާއި ޕިކަޕެއް ހޯދަން ފުލުހުން އިއުލާނުކޮށްފި

މާލެއިން ވެހިކަލެއް ޓޯކުރަނީ --- ފޮޓޯ/ ފުލުހުން

މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ވެހިކަލްތައް ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިއުލާނުކޮށްފިއެވެ.

ފުލުހުން ހޯދުމަށް އިއުލާނުކޮށްފައި ވަނީ ފޯކްލިފްޓަކާއި ޕަވާގޭޓް ޕިކަޕެކެވެ.

މި ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީ ނުވަތަ ގެރެންޓީގެ ގޮތުގައި 43,160 ރުފިޔާ ކަނޑައަޅާފައި ވާއިރު، ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރުމަށްފަހު އީމެއިލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުވާނީ ރަޖިސްޓްރީ ނަމްބަރު ލިބުމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ބީލަމުގައި ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.

ފުލުހުން ބުނީ މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމުތައް ބަލައިނުގަންނާނެ ކަމަށެވެ.

މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 2:30 ގައި އޮންނާނެއެވެ. އަދި ބީލަން ހުޅުވުން އޮންނާނީ ސެޕްޓެމްބަރު ތިން ވަނަ ދުވަހު އިސްކަންދަރު ކޮށީގައެވެ.

ފުލުހުންގެ އިއުލާނުގައިވާ ގޮތުން، އަންދާސީހިސާބު ހުށަހަޅާ ފަރާތް ނުވަތަ ކުންފުންޏާ މެދު ރާއްޖޭގެ އެއްވެސް ޝަރުއީ ކޯޓެއްގައި މައްސަލައެއް ހިނގަމުންދާ ނަމަ، ނުވަތަ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މައްސަލައެއް ސާބިތުވެފައިވާ ނަމަ، ބިޑް އެވޯޑުނުކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.

މީގެއިތުރުން އަގު ހުށަހަޅާ ފޯމު (ކޯޓޭޝަން)، ކުންފުނީގެ ޕްރޮފައިލް، ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ އަދި ބިޑް ސެކިއުރިޓީ ޑޮކިއުމަންޓުގެ އަސްލު ހުށަނާޅާ ނަމަ ބިޑް ރިޖެކްޓްވާނެއެވެ.

މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ގަވާއިދުން ކުރިއަށްދާއިރު، މި ވެހިކަލްތަކާއެކު ޓޯކުރުމުގެ އޮޕަރޭޝަންތައް އިތުރަށް ފުޅާވެގެންދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް