ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރުއާން އެވޯޑުގެ 29 ވަނަ މުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް އެއް މިލިއަން ޑޮލަރުގެ އިނާމެއް ދިނުމަށް ނިންމައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް 135 ގައުމަކުން 20،500 މީހުން ކުރިމަތިލާފައިވާއިރު، މިއީ މި މުބާރާތުގެ ތާރީޚުގައި ވެސް އެންމެ ގިނަ މީހުން ބައިވެރިވި ފަހަރެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މިސްރުންނެވެ. އެ ގައުމުން 6،838 މީހުން ކުރިމަތިލާފައިވާއިރު، އިންޑޮނޭޝިއާއިން 1،923 މީހުން، ޕާކިސްތާނުން 1،862 މީހުން އަދި ސީރިއާއިން 1،511 މީހުން ވަނީ ކުރިމަތިލާފައެވެ. އުމުރުން 16 އަހަރުން މަތީގެ ފިރިހެނުންގެ ކެޓަގަރީއަށް 14،040 މީހުން ކުރިމަތިލާފައިވެއެވެ. އަދި 16 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ކުދިންގެ ކެޓަގަރީއަށް 6،495 ކުދިން ކުރިމަތިލާފައިވާއިރު، އޭގެ ތެރޭގައި 2،394 އަންހެން ކުދިން ހިމެނެއެވެ.
ޔޫއޭއީގެ ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މި މުބާރާތުގައި، ގައުމުތަކުގެ ރަސްމީ އިދާރާތައް މެދުވެރިކޮށްގެންނާއި އަމިއްލައަށް ވެސް ބައިވެރިވެވޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.
ދުބާއީގެ އިސްލާމިކް އެފެއާޒް އެންޑް ޗެރިޓަބަލް އެކްޓިވިޓީޒް ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް އަދި އެވޯޑުގެ ބޯޑް އޮފް ޓްރަސްޓީޒްގެ ޗެއާމަން އަޙްމަދު ދަރުވީޝް އަލް މުހައިރީ ވިދާޅުވި ގޮތުގައި، މި މުބާރާތުގެ މަގުސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޤުރުއާނުގެ ހުނަރުވެރިންނަށް ފުރުސަތު ހޯދައިދިނުމެވެ. މި އަހަރުގެ މުބާރާތުގެ އިނާމު ފަންޑުގައި 12 މިލިއަން ދިރުހަމަށް ވުރެ ގިނަ ފައިސާ ހިމެނެއެވެ. ސޯޅަ އަހަރުން މަތީގެ ކެޓަގަރީއާއި 16 އަހަރުން ދަށުގެ ކެޓަގަރީން އެއްވަނައަށް ދާ ފަރާތަކަށް އެއް މިލިއަން ޑޮލަރު ލިބޭނެއެވެ. ދެވަނައަށް 100،000 ޑޮލަރު އަދި ތިންވަނައަށް 50،000 ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން "ގްލޯބަލް ޤުރުއާނިކް ޕާސަނަލިޓީ" އަށް ވެސް އެއް މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.
މުބާރާތުގެ ފައިނަލަށް ދާ ފަރާތްތަކަށް ރަމަޟާން މަހު ދުބާއީގެ ބޮޑެތި މިސްކިތްތަކުގައި ތަރާވީޙް ނަމާދު އިމާމުވެ ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ދުނިޔޭގެ އެންމެ ރީތިކޮށް ޤުރުއާން ކިޔަވާ ފަރާތް ހޮވުމަށް އާންމުންގެ ވޯޓަށް ހުޅުވާލުމަށް ވަނީ ނިންމާފައެވެ. މި ވޯޓުލުން ކުރިއަށްދާނީ އަށެއް ފެބްރުއަރީ 2027 އިން 16 ފެބްރުއަރީ 2027 އަށެވެ.
މިހާތަނަށް މި މުބާރާތުގެ 28 އެޑިޝަން ބާއްވާފައިވާއިރު، 123 ގައުމަކުން 7،826 މީހުން ވަނީ ބައިވެރިވެފައެވެ. އަދި އިނާމުގެ ގޮތުގައި 67 މިލިއަން ދިރުހަމަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވެއެވެ. މީގެ އިތުރުން، ގްލޯބަލް ޤުރުއާނިކް ޕާސަނަލިޓީ އެވޯޑު 24 ފަރުދަކަށާއި ތިން މުއައްސަސާއަކަށް މިހާތަނަށް ވަނީ ދީފައެވެ.