ޑޮލަރުގެ އަގުތައް ރިޕޯޓުކުރެވެން ޖެހޭނެ، އާ ބިލަކީ ބޮޑު ނުރައްކަލެއް: އެމްޖޭއޭ

ހަތަރެއްގެ ހައްގުގައި ކެންޕޭންގެ ފަރާތުން ބޭއްވި ބައްދަލުވުމުގެ ތެރެއިން އެމްޖޭއޭގެ ރައީސް ނާއިފް ހިމެނޭހެން އެ ޖައްޢިއްޔާގެ އިސްބޭފުޅުން.. ---- ސަން ފޮޓޯ/ އަމަން ލަތީފް

ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް ރިޕޯޓުކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި ޖޫރިމަނާ ކުރެވޭ ގޮތް ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލަށް އިސްލާހު ގެނައުމަކީ ނުރައްކާތެރި ކަމެއްގެ ފެށުން ކަމަށާއި، ރާއްޖޭގެ މާލީ ނިޒާމުގައި ހުރި އުނިކަންތައްތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން ރިޕޯޓްކުރުމުގެ ފުރުޞަތު މީޑިއާތަކަށް އޮންނަންޖެހޭނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ރާއްޖޭގައި މަސައްކަތްކުރާ ޖަމިއްޔާ، އެމްޖޭއޭގެ ރައީސް އަދި އިގްތިޞާދީ ދާއިރާއަށް ޚާއްސަ ނޫސްވެރިޔާ އަޙުމަދު ނާއިފް "ސަން" އާ ވާހަކަދައްކަވަމުން ވިދާޅުވީ މާކެޓް މެނިޕިއުލޭޓް ކުރުން ނުވަތަ ބާޒާރު ގަސްތުގައި ގަޑުބަޑުކުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މަނާކޮށްފައި އޮންނަނީ ބޮޑެތި ސްޓޮކް އެކްސްޗޭންޖްތަކުގައި ކުންފުނިތަކާ ގުޅޭގޮތުން ގަސްތުގައި ދޮގު މައުލޫމާތު ފަތުރައިގެން ހިއްސާގެ އަގުތަކަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށް ކަމަށެވެ.

އެހެން ނަމަވެސް، ރާއްޖޭގެ ހާލަތު މުޅިން ތަފާތު ކަމަށާއި، މާކެޓުގައި ހިނގާ ހަގީގީ ކަންކަން ހެއްކާއެކު ރިޕޯޓްކުރުމަކީ އެއްވެސް ހާލެއްގައި މާކެޓް މެނިޕިއުލޭޓް ކުރުން ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

"މިއީ ވަރަށް ނުރައްކާތެރި ކަމެއްގެ ފެށުމެއް. ރާއްޖޭގެ މާލީ ނިޒާމުގައި ހުރި އުނިކަންތައްތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން ރިޕޯޓްކުރުމުގެ ފުރުސަތު މީޑިއާތަކަށް އޮންނަންޖެހޭނެ. މާކެޓް މެނިޕިއުލޭޓް ކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޤާނޫނީގޮތުން މަނާކޮށްފައި އޮންނަ ކަމެއްކަން އަޅުގަނޑުވެސް ގަބޫލުކުރަން. ނަމަވެސް، އެފަދަ ގާނޫނުތައް މައިގަނޑު ގޮތެއްގައި ހަދާފައި ހުންނަނީ ބޮޑެތި ސްޓޮކް އެކްސްޗޭންޖްތައް ހިންގާ ގައުމުތަކުގައި،" ނާއިފް ވިދާޅުވިއެވެ.

އެމްޖޭއޭގެ ރައީސް ނާއިފް މީޑިއާއަށް މައުލޫމާތުދެއްވަނީ..... ފޮޓޯ/ އެޓޯލްޓައިމްސް/ އަނޫފް ޖުނައިދު

އިގްތިޞާދީ މާހިރުންނާ ހަވާލާދެއްވައި، އެ ޖަމިއްޔާގެ ރައީސް ނާއިފް ވިދާޅުވީ ޑޮލަރުގެ ޕެރެލަލް މާކެޓުގައި ލަފާކުރުންތަކުގެ (ސްޕެކިއުލޭޝަންގެ) ސަބަބުން އަސަރުކުރަނީ އެންމެ ދެ އިންސައްތަ އާއި ތިން އިންސައްތައާ ދެމެދުގެ މިންވަރަކަށް ކަމަށެވެ.

ނާއިފް ވިދާޅުވީ މިހާރު ގާނޫނަށް އިސްލާހު ގެންނަން އުޅޭ މާއްދާ އޮތީ މާ ބޮޑަށް ފުޅާކޮށް ކަމަށްވާތީ، މީގެ ސަބަބުން ރާއްޖޭގެ އިގްތިޞާދީ އަދި މާލީ ކަންކަން ކަވަރުކުރުމަށް ނޫސްވެރިންނަށް ބޮޑު ހުރަހެއް އެޅިގެންދާނެ ކަމަށެވެ. އަދި މި މާއްދާ ހިމެނިއިރު މީޑިއާތަކުގެ ފަރާތްތަކާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ވެސް ނާއިފް ވަނީ ފާހަގަކުރައްވާފައެވެ.

"މާކެޓުގައި ހިނގާ ޙަގީގީ ކަންކަން ހެއްކާއެކު ރިޕޯޓްކުރުމަކީ، މިސާލަކަށް ޑޮލަރު ރޭޓް މައްޗަށް ދިޔަ ވާހަކަ ލިޔުމަކީ އެއްވެސް ހާލެއްގައި މާކެޓް މެނިޕިއުލޭޓް ކުރުމެއް ނޫން. މާކެޓް މެނިޕިއުލޭޝަން ހުއްޓުވުމަށް ގާނޫނު އޮތުމަކީ މައްސަލައެއް ނޫން ނަމަވެސް، މިހާރު ގެންނަން އުޅޭ ބަދަލަކީ އެއްވެސް ވަރަކަށް ބޭނުންތެރި އަދި ރާއްޖޭގެ ހާލަތާ ގުޅޭ ބަދަލެއް ނޫން،" ނާއިފް ވިދާޅުވިއެވެ.

އެމްޖޭއޭ އިން ދެކޭގޮތުގައި މި ބަދަލަކީ ރައްޔިތުންނާ ހަމައަށް ހަގީގަތް ގެނެސްދިނުމަށް މީޑިއާތަކަށް އޮތް ފުރުސަތު އިތުރަށް ހަނިކުރުމުގެ ބޭނުމުގައި ގެންނަން އުޅޭ ބަދަލެކެވެ. އެހެންކަމުން، އެކަށީގެންވާ މަޝްވަރާއެއް ނެތި، މާނަ މާ ބޮޑަށް ފުޅާވާގޮތަށް މި މާއްދާ ގާނޫނުގައި ހިމެނުމާ އެ ޖަމިއްޔާއިން ވަނީ ދެކޮޅު ހަދާފައެވެ.

https://sun.mv/226252

ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް އާންމުކޮށް ރިޕޯޓުކުރުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިސްލާހު ގެނެސްފައިވަނީ މިއަދެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ބިލަށް މާލިއްޔަތު ކޮމިޓީން ގެނައި އިސްލާހުގައިވާ ގޮތުން، ރަސްމީ ރޭޓު ނުވަތަ ކަނޑައެޅިފައިވާ ބޭންޑަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ މާރުކުރާ ރޭޓުތައް އިޝްތިހާރު ކުރުމަކީ މަނާ ކަމެކެވެ.

މީގެ ތެރޭގައި އެފަދަ އަގުތައް އިޝްތިހާރު ކުރުމަށްޓަކައި، ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި، ނުވަތަ މައުލޫމާތު ފެތުރުމަށްޓަކައި ޑިޖިޓަލް އެއްވެސް ވަސީލަތަކުން ނުވަތަ ޕްލެޓްފޯމަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ޝާއިއުކުރުމާއި، ފެތުރުމާއި، ތަކުރާރުކުރުން އަދި އެހެން ފަރާތްތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ.

މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިފަދަ އަމަލެއް ހިންގައިފި ނަމަ ކަނޑައެޅޭ އަދަބަކީ -/25،000 (ފަންސަވީސް ހާސް) ރުފިޔާއާއި -/500،000 (ފަސް ލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ގިނަ ވަގުތު އަޑު ކަނޑައިލައިގެން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މި އިސްލާހުތައް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސެވެ.

comment ކޮމެންޓް