އެޕަލް ކުންފުނީގެ ކުރިއަށް އޮތް އައިޕެޑް މޮޑެލްތަކަށް، އައިފޯނުތަކުގައި ބޭނުންކުރާ ފަދަ "ކެމެރާ ކޮންޓްރޯލް" ބަޓަނެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާކަން އެ ކުންފުންޏަށް އަލަށް ލިބުނު ޕޭޓެންޓަކުން ހާމަވެއްޖެއެވެ.
ޓެކްނޮލޮޖީ ރިޕޯޓްތައް ބުނާ ގޮތުގައި، "އިންޕުޓް ސިސްޓަމް ފޯ ޕޯޓަބަލް އިލެކްޓްރޯނިކް ޑިވައިސް" ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މި ޕޭޓެންޓުގައި، ފިއްތައިލާ ބާރާއި އިނގިލި ހިންގާލާ ގޮތް ދެނެގަނެވޭ (ޕްރެޝާ ސެންސިޓިވް) ކޮންޓްރޯލެއްގެ ތަފުސީލުތައް ވަނީ ހިމަނައިފައެވެ.
މި ޕޭޓެންޓުގައި ހިމެނޭ 20 ކުރެހުމާއި ޗާޓުގެ ބޮޑު ބައެއްގައި ދައްކުވައިދީފައިވަނީ ޓެބްލެޓް ޑިވައިސްތަކެކެވެ. މީގެ އިތުރުން ތިން ކުރެހުމަކުން އައިފޯނުގެ ބައްޓަން ދައްކުވައިދިން ނަމަވެސް، ލިޔުމުގައި ސީދާ "އައިޕެޑް" ނުވަތަ "ކެމެރާ ކޮންޓްރޯލް" މި ނަންތައް ބޭނުންކުރުމުގެ ބަދަލުގައި ބޭނުންކޮށްފައިވަނީ ޓެކްނިކަލް އިބާރާތްތަކެވެ.
މި ސިސްޓަމްގައި ހިމެނޭ ދެ ސްޓްރެއިން-ސެންސިން އެލިމެންޓްގެ އެހީގައި، ބަޓަނުގައި އަތްލާ ތަނާއި ފިއްތާލާ ބާރުމިން ވަކިކޮށް ދެނެގަނެވެއެވެ. އަދި ބާރަށް ފިއްތާލުމަށް ޚާއްސަ ޑޯމް ސްވިޗެއް ހިމެނޭއިރު، ހެޕްޓިކް ފީޑްބެކް (ވައިބްރޭޝަން އިހުސާސް) ލިބޭނެ ގޮތް ވެސް ވަނީ ފަރުމާކޮށްފައެވެ.
މި ޓެކްނޮލޮޖީ މަސައްކަތްކުރާނީ މައިގަނޑު ދެ ޕްރެޝާ މިންވަރަކަށް ބަލައިގެންނެވެ. އެއީ 0.8 އާއި 1.2 ނިއުޓަންއާ ދެމެދުގެ ލުއި ފިއްތުމަކާއި، 3.0 އާއި 4.0 ނިއުޓަންއާ ދެމެދުގެ ބާރު ފިއްތުމެކެވެ. މި ދެ މިންވަރުގެ ސަބަބުން ލުއިކޮށް ފިއްތާލުމުންނާއި ބާރަށް ފިއްތާލުމުން ކުރާނީ ތަފާތު މަސައްކަތްތަކެކެވެ. އަދި އިނގިލި ކާތާލުމުން (ސްވައިޕް ކުރުމުން) ޒޫމް ކުރުން ފަދަ ކަންކަން ކުރެވޭނެ އެވެ.
މި ފީޗާއަކީ އެޕަލް އިން 2024 ވަނަ އަހަރު ނެރުނު އައިފޯން 16 ސީރީޒްއާ އެކު ތައާރަފުކުރި ކެމެރާ ކޮންޓްރޯލް ބަޓަނާ ވަރަށް އެއްގޮތް ފީޗާއެކެވެ. އައިފޯން 16 ގައި މި ބަޓަން ބޭނުންކުރަނީ ފޮޓޯ ނެގުމަށާއި، ޒޫމް ކުރުމަށާއި، ކެމެރާގެ އެކި ސެޓިންގްސްތައް އަވަހަށް ބަދަލުކުރުމަށެވެ.
މި ޕޭޓެންޓުގެ ކުރީގެ ވާޝަނެއް 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުށަހަޅާފައިވާއިރު، އެންމެ ފަހުން ލިބުނު ހުއްދައިން ދައްކައިދެނީ އެޕަލް އިން އަދިވެސް މި ކޮންސެޕްޓް ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ކަމެވެ.
ކޮންމެ އަހަރަކު ވެސް އެޕަލް އިން އެތައް ސަތޭކަ ޕޭޓެންޓެއް ރަޖިސްޓްރީ ކުރި ނަމަވެސް، އޭގެ ތެރެއިން ހުރިހާ ޓެކްނޮލޮޖީއެއް ބާޒާރަށް ނެރޭ އުފެއްދުންތަކުގައި ބޭނުމެއް ނުކުރެއެވެ. އެހެންކަމުން މި ބަޓަން ހިމެނޭ އައިޕެޑެއް ބާޒާރަށް ނެރޭނެ ވަކި ތާރީޚެއް ނޭންގެއެވެ. މި ފީޗާ އައިޕެޑަށް ގެންނާނެކަން ނުވަތަ ނޫންކަން ވެސް އެޕަލް އިން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.