ރަށުގެ އާބާދީ މަދުވާތީ، ހިންނަވަރުގެ ރަށްވެހިކަން ދޫކޮށްލާ ނަމަ 2،000ރ ގެ ފީއެއް ނަގަނީ

ޅ ހިންނަވަރު -- ފޮޓޯ: ކުނބު ޓްރާންސްފާ

ޅ. ހިންނަވަރުގެ އާބާދީ މަދުވިޔަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އެ ރަށުގެ ރަށްވެހިކަން ދޫކޮށްލާ ނަމަ 2،000 ރުފިޔާގެ އިދާރީ ފީއެއް ނަގާ ގޮތަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ހިންނަވަރު ކައުންސިލުން ސޯޝަލް މީޑިއާގައި ކުރި އިއުލާނެއްގައި ބުނީ، އެ ރަށުގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވާ މީހުންގެ އަތުން މި ފީ ނަގަން ނިންމީ، ހިންނަވަރުގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރުކުރާ ކަމަށް ފާހަގަކުރެވޭތީކަމަށެވެ.

މީގެ އިތުރުން އެ ކައުންސިލުން މި ނިންމުން ނިންމީ ރަށުގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

ގާތްގަނޑަކަށް 2،000 މީހުންގެ އާބާދީއެއް އޮންނަ ހިންނަވަރު ކައުންސިލުން އާންމުކުރި އެންގުމުގައި ވާގޮތުން، މި އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ހިންނަވަރު ކައުންސިލްގެ ރައީސް މުޙައްމަދު އައްފާން "ސަން" އަށް ވިދާޅުވީ އެ ނިންމުން ނިންމާފައި ވަނީ މި ހަފުތާތެރޭ ބޭއްވި ކައުންސިލް ބައްދަލުވުމަކަށް ފަހު ހުރިހާ ކައުންސިލް މެންބަރުން މަޝްވަރާގެ މަތިން ކަމަށެވެ.

"މިކަމަށް މަޝްވަރާކޮށް ހުރިހާ ކައުންސިލަރުން ވެސް އެއްބަސްވެގެން ނިންމި ނިންމުމެއް މީ." އައްފާން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއް ރަށުން އަނެއް ރަށަށް ބަދަލުވުމުގެ އިހުތިޔާރު ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ. އެގޮތުން އެންމެ ގިނަ މީހުން ރަށްވެހިކަން ބަދަލު ކުރާ ތަނަކީ ވެރިކަން ކުރާ މާލެއެވެ.

comment ކޮމެންޓް