މާރުކޭޓް ކޮމްޕްލެކްސް އަޅަން 1 މަސްތެރޭ ބިން ހުސްކުރުމުގެ މަސައްކަތް ފަށައިފި

ލޯކަލް މާރުކޭޓްގައި މީޙަކު ވިޔަފާރިކުރަނީ: --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މާލޭގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ މާރުކޭޓް ކޮމްޕްލެކްސް އަޅާ ބިމުގެ ގޮޅިތަކުގައި ތިބި މީހުންނަށް ވަގުތީގޮތުން ތަނެއް ހަމަޖައްސައި، އައު މާރުކޭޓު އެޅުމަށް އެއް މަސްދުވަހުގެ ތެރޭގައި ބިން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި މަސައްކަތް ފެށުމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދިން އިންޓަވިއުއެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްޠަލިބް ވިދާޅުވީ، ވަގުތީ މާރުކޭޓެއް ހަދައި، އެއް މަސް ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ވަގުތީ މާރުކޭޓް ހެދުމަށް ކުރީގެ އެސްޓީއޯ ހުރި ތަނާއި ތައިސޭކޮށި ބަލަމުންދާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މާލޭގެ ބާޒާރުމަތީގައި ހިންގަމުންދާ މައި ހުރިހާ މާރުކޭޓްތައް އެއް އިމާރާތަކަށް ގެނައުމަށް، މާލެ މާރުކޭޓް ކޮމްޕްލެކްސް ތަރައްގީކުރުމުގެ މަސައްކަތް މި އަހަރުގެ މާރިޗު މަހު ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ވަނީ ހަވާލުކޮށްފައެވެ.

ނަމަވެސް މަސައްކަތް ހަވާލުކުރިތާ ފަސް މަސް ވެގެންދިޔައިރު ޢަމަލީ މަސައްކަތް ނުފެށިވަނީ، އެކަމަށް ބޭނުންވާ ބިން މާލެ ސިޓީ ކައުންސިލުން ހަވާލުނުކޮށްގެން ކަމަށް ކަމާގުޅޭ ވުޒާރާތަކުން ބުނެއެވެ.

މިހާރު ލޯކަލް މާރުކޭޓު ހުރި 15،525 އަކަފޫޓުގެ ބިމުގައި އަޅާ މި މާރުކޭޓު ކޮމްޕްލެކްސް އަކީ 126.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ހަ ފަންގިފިލާއަށް ތަރައްގީކުރާ މި އިމާރާތުގެ ހުރިހާ ފަންގިފިލާތައް ހިމެނޭހެން ޖުމްލަ ޖާގަ 95،000 އަކަފޫޓަށްވުރެ ބޮޑުވާނެއެވެ. މި އިމާރާތް ނިމުމުން މަސްމާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލް މާރުކޭޓް ހިންގާނީ އެއް ފުރާޅެއްގެ ދަށުގައެވެ. އަދި މުޅި ޖުމްލަ 455 ގޮޅި މި ތަނުގައި ޤާއިމުކޮށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، އިމާރާތުގެ ބޭސްމަންޓް 400 ސައިކަލު ޕާކު ކުރެވޭ ގޮތަށް ތަރައްޤީކުރާއިރު، އެންމެ މަތީ ފަންގިފިލާ ހާއްސަކުރަނީ ކެފޭ/ރެސްޓޯރަންޓް ކޮންސެޕްޓަށް ފުޑް ކޯޓެއްގެ ގޮތުގައެވެ.

ސަރުކާރުގެ އަމާޒަކީ ބާޒާރުމަތީ ސަރަޙައްދަކީ ޚިދުމަތް ހޯދާ އަދި ދޭ ފަރާތްތަކަށްވެސް ފަސޭހަ ތަނަކަށް ހެދުމަށްޓަކައި މި މަޝްރޫޢު އެއް އަހަރާއި އަށް މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމުމެވެ.

comment ކޮމެންޓް