ރަޝިއާގެ އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް، ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވެއްޖެއެވެ.
ރަޝިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުން ހިމެނޭ ގޮތަށް، އެ ގައުމުގެ އިސް ވެރިންނާއި ފަތުރުވެރިކަމާ ގުޅުން ހުރި ވިޔަފާރިތަކާ ބައްދަލުކުރެއްވުމަށް އަމީން ރަޝިއާއަށް ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހެވެ.
އެ ދަތުރުފުޅާ ގުޅޭ ގޮތުން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީން ވިދާޅުވީ، ރަޝިއާގެ ސްޓޭޓް ސެކްރެޓަރީ އޮފް ޓްރާންސްޕޯޓް ޑިމިޓްރީ ޒްވެރެވްއާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ވަނީ، ރަޝިއާގެ އެއާލައިންތަކުގެ ދަތުރުތައް އިތުރުކޮށް، ދެ ގައުމުގެ މެދުގައި ވައިގެ ދަތުރުފަތުރު ފުޅާކުރަން އެއްބަސްވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވައެވެ.

ފަތުރުވެރިންތަކެއް ރާއްޖެ އައުން: ރަޝިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް އޮންނަ މާކެޓް --- ފޮޓޯ/ އެމްއޭސީއެލް
ރަޝިއާއަށް ވަޑައިގަތް ވަފުދުގައި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވިއަންގެ އިސްވެރިންނާއި ޓޫރިޒަމް ދާއިރާގެ އަމިއްލަ ފަރާތްތަކުގެ މަންދޫބުން ހިމެނެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، މިގޮތަށް ހުރިހާ ދާއިރާއެއް އެކުލެވޭ ވަފުދެއް ދިއުމުން ސިޔާސަތުތަކާއި ދަތުރުފަތުރުގެ ގުޅުންތައް އަދި މާކެޓް ޕްރޮމޯޝަނާ ގުޅޭ ފުޅާ މަޝްވަރާތަކެއް ކުރަން މަގުފަހިވާނެ ކަމަށެވެ.
އެ ދަތުރުގެ ތެރެއިން، މޮސްކޯ އާއި ސެއިންޓް ޕީޓާސްބާގުގެ އިސް ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި، ސިނާއީ ޖަމިއްޔާތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތަކާއި ހޮސްޕިޓާލިޓީ ދާއިރާގެ ކުންފުނިތަކާ އެކު މަތީ ފަންތީގެ ބައްދަލުވުންތައް ބާއްވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ރަޝިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް އޮންނަ މާކެޓެވެ. މި އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ރަޝިއާއިން 197,863 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 14.7 ޕަސެންޓެވެ. އަދި ވޭތުވެދިޔަ އަހަރު ރަޝިއާއިން ރާއްޖެއަށް ޖުމްލަ 278,761 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.