މީގެ 15 އަހަރު ކުރިން ޑައިރެކްޓަރު ޒޯޔާ އަޚްތަރު ގެނެސްދިން ކާމިޔާބު ފިލްމު 'ޒިންދަގީ ނާ މިލޭގީ ދުބާރާ'ގެ ދެވަނަ ބައެއް އުފައްދަން ނިންމާފައިވާކަން ކަށަވަރުވެއްޖެއެވެ.
ޒޯޔާ ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ހާމަކުރި ގޮތުގައި، އޭނާ މިހާރު އަންނަނީ 2011 ވަނަ އަހަރުގެ މަގުބޫލު ފިލްމުގެ ދެވަނަ ބައި އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.
މޮންސޫން ފިލްމު ފެސްޓިވަލުގައި 'ދަ ހޮލީވުޑް ރިޕޯޓަ އިންޑިއާ'އަށް ދިން އިންޓަވިއުއެއްގައި ޒޯޔާ ބުނީ، މި ފިލްމުގެ ދެވަނަ ބައިގެ މަސައްކަތް އޭނާގެ ރަހްމަތްތެރިޔާ ރީމާ ކާގްތީއާއެކު ކުރަމުންދާ ކަމަށެވެ. އަދި ފުރަތަމަ ފިލްމުގެ މަންޒަރުތައް ސްޕެއިންގައި ކުޅުނު ދުވަސްތަކުގެ ހަނދާންތައް އޭނާ ވަނީ އާކޮށްފައެވެ.
މި އަހަރުގެ ކުރީކޮޅު ފެތުރުނު ޚަބަރުތަކުގައިވާ ގޮތުން، ޒޯޔާ ވަނީ މި ފިލްމުގެ ދެވަނަ ބައިގެ ޑްރާފްޓެއް ނިންމާފައެވެ. އަދި ފުރަތަމަ ފިލްމުގެ މައިގަނޑު ތިން ބަތަލުން އަލުން އެކުގައި ފެންނާނެ ކަމަށް ބެލެވެއެވެ.

ފިލްމު "ޒިންދަގީ ނާ މިލޭގީ ދުބާރާ"ގެ ޑައިރެކްޓަރު ޒޯޔާ އަހްތަރު އަދި ފިލްމުގެ މައިގަނޑު ތަރިންތައް--ފޮޓޯ/އެންޑީޓީވީ
ފިލްމުގެ ދެވަނަ ބަޔާ ގުޅޭގޮތުން ސުވާލު ކުރުމުން ޒޯޔާ ބުނީ، ދެވަނަ ބައިގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އައިނަމަވެސް ވާނެގޮތެއް އަދި ބުނަން އަވަސް ކަމަށެވެ. ފުރަތަމަ ފިލްމުގައި ގެނެސްދިން ކެރެކްޓާތަކުގެ މިއަދުގެ ދިރިއުޅުން ދައްކުވައިދޭން އެންމެ އެކަށީގެންވާ ގޮތެއް ފެނިއްޖެނަމަ އެއީ ވަރަށް ރަނގަޅު ކަމަކަށް ވާނެކަމަށް ވެސް ޒޯޔަ ވަނީ ބުނެފައެވެ.
ޖުމްލަ 45 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި "ޒިންދަގީ ނާ މިލޭގީ ދުބާރާ"އަށް ބޮކްސް އޮފީހުގައި 153 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނުއިރު ފިލްމުގެ ވާހަކަ އާއި އެއްވަރަށް ފިލްމުގެ މިއުޒިކަށް ވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނެވެ.
ފިރިހެން ތިން އެކުވެރިއެއްގެ ވާހަކަ ކިޔައިދިން ރޯޑް ކޮމެޑީ ޑްރާމާ "ޒިންދަގީ ނާ މިލޭގީ ދުބާރާ" މައިގަނޑު ތަރިންނަކީ ރިތިކް ރޯޝަނާއި އަބޭ ޑިއޯލްގެ އިތުރުން ޒޯޔާގެ ކޮއްކޮ ފަރުހާން އަޚްތަރު، ކެޓްރީނާ ކައިފް އަދި ކަލްކީ ކޮއެޗްލިންއެވެ.