ރާއްޖޭން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބޭރުގެ ބުކިން ޕްލެޓްފޯމުތަކުން ދޭ ޚިދުމަތްތަކުން ޖީއެސްޓީ ނެގުމާ ގުޅޭ ގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ލަފާ ހޯދައިފައިވާ ކަމަށާއި، އެ ޓެކްސް ނަގާނީ ދިވެހީންނަށް އެންމެ ބުރަ ކުޑަވާ ގޮތަކަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގައި "ޑެސްޓިނޭޝަން ޕްރިންސިޕަލް" ތަންފީޒުކުރަން ފެށުމަށް ޓަކައި، އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރު ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުސޫލުތައް ގާނޫނުގައި ބަޔާންކުރުމަށް، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ވަނީ ބިލެއް ހުށަހަޅައިފައެވެ.
އާދިއްތަ ދުވަހު ހުށަހެޅި ބިލުގައި ވަނީ ރާއްޖެއަށް ފަތުރުވެރިން ފޮނުވާ ބޭރުގެ ވިޔަފާރިތަކުން ޓެކްސް ނެގޭނެ ގޮތްތައް ހިމަނައިފައެވެ.
އެ ބަދަލާއެކު، ރާއްޖެ އެ ސިނާއަތެއްގެ އާމްދަނީއަށް ބަރޯސާވެފައިވާ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ކަންބޮޑުވުން ބައެއް މީހުން ވަނީ ފާޅުކޮށްފައެވެ.

ފިނޭންސް މިނިސްޓަރު ޒަރީރާއި، ޑެޕިއުޓީ މިނިސްޓަރު ސާއިދު: ރާއްޖޭން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބޭރުގެ ބުކިން ޕްލެޓްފޯމުތަކުން ދޭ ޚިދުމަތްތަކުން ޖީއެސްޓީ ނަގާނީ ދިވެހީންނަށް އެންމެ ބުރަ ކުޑަވާ ގޮތަށް ކަމަށް ސާއިދު ވިދާޅުވި --- ފޮޓޯ/ މީރާ
ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި މީރާގެ ޗެއާޕާސަން އަހުމަދު ސާއިދު މުސްތަފާ ރޭ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވަނީ، އެ އިސްލާހާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރައްވައިފައެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ ޓެކުހާ ބެހޭ ގާނޫނުތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން އައިއެމްއެފްގެ ފަރާތުން ފަންނީ އެހީ ހޯދަމުން އަންނަތާ ދުވަސްތަކެއްވެފައިވާ ކަމަށާއި، 2019ވަނަ އަހަރު ވެސް ލަފާ ހޯދައި، ބަދަލުތަކެއް ވެސް ގެނެސްފައިވާ ކަަމަށެވެ. އަދި ޓެކްސް ނިޒާމު ތަރައްގީކޮށް، ދުނިޔޭގެ އެންމެ ރަނގަޅު ހަމަތަކާ އެއްގޮތް ކުރުމަކީ ދިވެހި ސަރުކާރުތަކުން ގެންގުޅޭ މުހިންމު ސިޔާސަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި ނިޒާމާ ގުޅޭ، މިހާރު މި އަންނަ ބަދަލު، މި ގޮތުގެ މަތިން ވަނީ އައިއެމްއެފްގެ ރިޕޯޓެއްގައި ވެސް ދިރާސާކުރެވި، ހަމައެއާއެކީގައި ރާއްޖޭގެ ލޯކަލް ކޮންޓެކްސްޓް ދެނެގަނެވި، އިމްޕްލިމެންޓޭޝަން އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ވެސް ލަފަޔާއެކީގައި މި ކަންކަން ކުރެވިގެން މި އައީ
ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ
މި ބަދަލު ގެންނަން ޖެހޭ ސަބަބާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، ރާއްޖޭގައި ދިވެހީންގެ މަސައްކަތުން އުފައްދައިފައިވާ އެސެޓުތަކުގެ ތެރެއިން އުފެދިގެން އަންނަ މުދަލާއި ޚިދުމަތަށް، ބޭރުގެ ފަރާތްތަކުން ދައްކާ އަގަށް ޓެކްސް ނެގުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.
އެކަމާ ގުޅޭ މިސާލެއް ނަންގަވައި ސާއިދު ފާހަގަކުރެއްވީ، ބޭރުގެ ޓުއާ އޮޕަރޭޓަރަކާއި ދިވެހި ޓުއާ އޮޕަރޭޓަރަކު، ބޭރުގައި ހުންނަ މީހަކަށް ރާއްޖޭގެ ރިސޯޓަކުން ކޮޓަރިއެއް ހަމަޖައްސައިދޭއިރު، ދިވެހި ޓުއާ އޮޕަރޭޓަރު އިތުރަށް ފައިސާ ދައްކަން ޖެހޭ ކަމަށެވެ.
"ދިވެހި ސަރުކާރުގެ ސިޔާސަތެއް ހަމަހަމަ ޕްލޭޔިން ފީލްޑެއްގައި މި ކަންކަން ކުރެވޭނެ އިގުތިސާދީ މާހައުލެއް ގާއިމުކުރުމަކީ، ހަމައެކަނި ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމެއް ނޫން މީގެ ތެރޭގައި މި ހިމެނެނީކީއެއް،" އޭނާ ވިދާޅުވިއެވެ.

ރާއްޖެ އައި ފަތުރުވެރިއެއް: ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރަން، މީގެ ކުރިން ޑީޕާޗާ ޓެކްސްއާއި ޓީޖީއެސްޓީ ވަނީ ބޮޑުކޮށްފައި -- ފޮޓޯ/ ވެލާނާ އެއާޕޯޓް
ސާއިދު ވަނީ، އެ ޓެކްސް ނެގުމަކީ އިގުތިސާދީ ގޮތުން ވެސް ރަނގަޅު ކަމެއް ކަމަށް ސިފަކުރައްވައިފައެވެ. އަދި އެ ބަދަލު ގެންނަން ދެކޮޅު ހެދުމަކީ "ދޯހަޅި ވިސްނުމެއް" ކަމަށާއި، ދުނިޔޭގެ އިންޓަނޭޝަނަލް ޓެކްސް ނިޒާމަށް އަންނަ ބަދަލުތަކަށް ބަލައި، ދައުލަތަށް ލިބޭ އާމްދަނީއަކީ އެ ޒަމާނަކާ ބައްދަލު ނިޒާމެއްކަން ޔަގީންކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޑެސްޓިނޭޝަން ޕްރިންސިޕަލް އަޅުގަނޑުމެންނަށް މި ގެނެވިގެން މި ދަނީ ރައިސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރުގެ ނިންމެވުމާ ވެސް އެއްގޮތަށް، ދިވެހި ރައްޔިތުންނަށް މީގެ ބުރަ އެންމެ ކުޑަވާނެހެން ނުވަތަ އޭގެ އަސަރުތަކެއް ނާންނާނެ ފަދައިން،" ސާއިދު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގައި ވަނީ، ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނެގުމުގެ އިސްލާހު ފާސްވެއްޖެ ނަމަ ދައުލަތަށް އަހަރަކު 1.61 ބިލިއަން ރުފިޔާ ވަންނާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ބިލަށް އަމަލުކުރަން ފެށުމަށް ހުށަހަޅައިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މި ދައުރު ނިންމުމުގެ ކުރިން، ނުވަތަ ދައުރުން ބޭރުން ބާއްވާ ޖަލްސާއެއްގައި ބިލު ފާސްކުރުން އެކަށީގެންވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް، މި ސަރުކާރުގައި ފަތުރުވެރިކަމާ ގުޅުން ހުރި ޓެކްސްތައް ބޮޑުކުރުމާއި، ފަތުރުވެރިކަމުން ލިބޭ އާމްދަނީ މާރުކުރުން ލާޒިމުކުރުން ފަދަ ބަދަލުތައް ގެނެސްފައިވެއެވެ.