ބޮޑެތި ގައުމުތަކުގައި ދައުލަތުގެ މުވައްޒަފުންނަކީ މަސައްކަތު އާބާދީގެ 15 ޕަސެންޓު، ރާއްޖޭގައި އެ އަދަދަކީ 53 ޕަސެންޓު: ޒަރީރު

ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު: ވިދާޅުވީ ރާއްޖޭގެ މަސައްކަތު އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ދައުލަތުގެ މުވައްޒަފުން ކަމަށް -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

ކުރި އަރައިފައިވާ ބޮޑެތި ގައުމުތަކުގައި ދައުލަތުގެ މުވައްޒަފުން ތިބީ އެ ގައުމެއްގެ މަސައްކަތު އާބާދީގެ ފަސް ޕަސެންޓާއި 15 ޕަސެންޓާ ދެމެދު ކަމަށާއި، ނަމަވެސް ރާއްޖޭގެ މަސައްކަތު އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ދައުލަތުގެ މުވައްޒަފުން ކަމަށް، ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވީ، ރާއްޖޭގެ އަދުގެ އިގުތިޞާދީ ހާލަތަށް އަލިއަޅުވައިލަން މިއަދު ޖެހޭ ކަމަށާއި، ދައުލަތުގެ ކަންކަން ހިނގަމުންދާ ގޮތަށް ވެސް ބަލައިލަން ޖެހޭ ކަމަށެވެ.

އެގޮތުން ދުނިޔޭގެ އެހެނިހެން ގައުމުތަކަށް ބަލައިލާއިރު ޖަޕާނުގައި ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ތިބެނީ މަސައްކަތު އާބާދީގެ 5.9 ޕަސެންޓު ކަމަށާއި، ވިލާތުގެ ގައުމުތަކާއި އެމެރިކާގައި ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ތިބެނީ 15 ޕަސެންޓުކަމަށް ޒަރީރު ވިދާޅުވިއެވެ.

"އެކަމަކު އަޅުގަނޑުމެންގެ މުޅި ޕަބްލިކް ސެކްޓާގެ ދައުލަތާއި ދައުލަތުގެ ކުންފުނިތަކަށް އެއްކޮށް ބަލާއިރު ގާތްގަނޑަކަށް 53 ޕަސެންޓު އަޅުގަނޑުމެންގެ ޕަބްލިކް ސެކްޓާގެ މުވައްޒަފުން ގޮތުގައި،" ޒަރީރު ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގެ އިގުތިޞާދުގެ ބައްޓަންކުރެވިފައި އޮތީ އެއްވެސް އޮނިގަނޑެއް ނެތް ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ބްލޯޓަޑް [ފުފިފައި] ޕަބްލިކް ސެކްޓާއެކޭ އަޅުގަނޑުމެންގެ މި އޮތީ މިހާރު،"

ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވީ، މުވައްޒަފުން އިތުރުވުމަކީ ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ.

https://sun.mv/226170

ފާހަގަކުރެވޭ ގޮތުގައި ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ މި ގައުމުގެ ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 30،000 އަށްވުރެ އިތުރެވެ. އަދި އެކިއެކި އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ސިޔާސީ މަގާމުތަކަށް ބަލާއިރު ވިއްސަކަށް ހާހާ ގާތް ކުރެއެވެ. މީގެ އިތުރުން ކުންފުނިތަކުގައި ވެސް 41،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ.

އަމިއްލަ މަސައްކަތްތަކުގެ ބަދަލުގައި، ގިނަ ބަޔަކު ދައުލަތުގެ ޕޭރޯލްގައި ތިބުމަކީ އިގުތިސާދީ މާހިރުން ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.

comment ކޮމެންޓް