ސަމާއު ދެވަނަ ފަހަރަށް އެޗްއާރުސީއެމަށް އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފި، ރައީސް އިސްކަން ދެއްވީ ޝަމްޢޫނަށް

އެޗްއާރުސީއެމްގެ މިހާރުގެ މެންބަރު ސަމާއު އާއި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޝަމްޢޫން: ދެ ބޭފުޅުންގެ ނަން އެޗްއާރުސީއެމަށް އައްޔަންކުރަން ވަނީ ހުށަހަޅައިފައި --- ފޮޓޯ: މަޖިލިސް

ދައުރު ހަމަވާން ގާތްވެފައިވާ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މިހާރުގެ މެންބަރު ސަމާއު އަޙްމަދު ނަޖީބާއި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވާ ޝަމްޢޫން ޙަމީދުގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސެޕްޓެންބަރު 14، 2021ގައި އެޗްއާރުސީއެމްގެ މެންބަރު ކަމަށް އައްޔަންކުރި ސަމާއުގެ ދައުރު އެއް މަސް ދުވަހުގެ ތެރޭ ހަމަވާނެއެވެ.

އެހެންވެ، އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފައިވަނީ މިހާރު ވެސް އެޗްއާރުސީއެމްގެ މެންބަރުކަމުގައި އިންނެވި ސަމާއުގެ ނަމާއި ޝަމްޢޫންގެ ނަމެވެ.

އޭގެ ތެރެއިން ރައީސް އިސްކަން ދެއްވީ ޝަމްޢޫނަށެވެ.

އެ ދެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިލައިފައެވެ.

މި ދެ ބޭފުޅުންގެ ތެރެއިން ސަމާއު ވަނީ މީގެ ކުރިން ބަންޑާރަނައިބުގެ އޮފީހުގައި 2015ވަނަ އަހަރުން ފެށިގެން ސްޓޭޓް އެޓާނީ ކަމާއި ސީނިއާ ސްޓޭޓް އެޓާނީގެ މަގާމު ފުރުއްވައިފައެވެ. އަދި އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އެޓޭޗެއްގެ މަގާމު ވެސް 2010 ވަނަ އަހަރާއި 2011 ވަނަ އަހަރާއި ދެމެދު ފުރުއްވައިފައިވެއެވެ.

އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަން އިން މާސްޓާ އޮފް ހިއުމަން ރައިޓްސް ލޯ ހާސިލުކުރައްވާފައިވާ ސަމާއު ވަނީ އިންސާނީ ހައްގުތަކާ ބެހޭ އެތައް ވޯކްޝޮޕްތަކާއި ސެމިނާތަކުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން. އދ ގެ ޔޫއެންސީއޭސީއަށް ރާއްޖޭން ކަނޑައެޅި މާހިރުންގެ ޓީމުގައި ޥެސް އޭނާ ހިމެނުނެވެ.

ޝަމްޢޫން ވަނީ 1986ވަނަ އަހަރުން ފެށިގެން ސަރުކާރާއި ދައުލަތުގެ އެކިއެކި މަގާމުތައް ފުރުއްވައިފައެވެ.

އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގައި ހުންނަ ގްރިފިތް ޔުނިވާސިޓީން ބެޗެލާ އޮފް މިއުޒިކް، އަދި ޔުނިވާސިޓީ އޮފް ސިޑްނީން މާސްޓާ އޮފް މިއުޒިކް (ކޮމްޕޮޒިޝަން) ފުރިހަމަކުރައްވައިފައިވާ ޝަމްޢޫން ވަނީ ހިންގުމުގެ ދާއިރާއިން އިސް މަގާމުތަކެއް ފުރުއްވައިފައެވެ. އެގޮތުން ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި އެޗްއާރުސީއެމްގެ އަމީންއާންމު ކަމާއި ނޭޝަނަލް ސެންޓަ ފޯ ދި އާޓްސްގެ ޑިރެކްޓަރު ޖެނެރަލްކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ މިއުޒިކް ސުޕަވައިޒަރުކަމުގެ މަގާމު ހިމެނެއެވެ.

އޭނާ އެންމެ ފަހުން ފުރުއްވައިފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމެވެ.

comment ކޮމެންޓް