ޒޫމް މެދުވެރިކޮށް 900 މުވައްޒަފުން ވަކިކުރި ސީއީއޯގެ މަގާމު ގެއްލިއްޖެ

މީގެ ފަސް އަހަރު ކުރިން ޒޫމް ކޯލެއް މެދުވެރިކޮށް 900 މުވައްޒަފުން ވަޒީފާއިން ވަކިކުރި 'ބެޓާ ހޯމް އެންޑް ފައިނޭންސް'ގެ ސީއީއޯ ވިޝާލް ގަރްގް އެ މަގާމުން ވަކިކުރުމާ ގުޅިގެން، އަލުން މަގާމު ހޯދުމަށް އޭނާ މަސައްކަތް ފަށައިފިއެވެ.

މި މަހުގެ ތިން ވަނަ ދުވަހު ވިޝާލް މަގާމުން ވަކިކުރުމަށްފަހު، ކުންފުނީގެ ވަގުތީ ސީއީއޯގެ މަގާމަށް އައްޔަންކޮށްފައިވަނީ އޭގެ ހަފުތާއެއް ކުރިން ކުންފުނީގެ ބޯޑާ ގުޅުނު ޑެނިއަލް ލުވިސްއެވެ.

ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ވިޝާލް ވިދާޅުވިގޮތުގައި، ލުވިސް ވަނީ އޭނާއަށް އޮޅުވާލައިފައެވެ. އަދި ކުންފުނީގެ ސްޓްރެޓެޖީއަށް ތާރީފުކޮށް، އެކަމުގެ ފައިދާ ނަގައިގެން ލުވިސް ބޯޑުން ޖާގަ ހޯދީ ކަމަށް ވިޝާލް ތުހުމަތުކުރެއްވިއެވެ.

މަގާމު އަލުން ހޯދުމަށް ވިޝާލް ވަނީ ގާނޫނީ ވަކީލު އެލެކްސް ސްޕައިރޯގެ އެހީތެރިކަން ހޯދައި، ކުންފުނީގެ ބޯޑަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި އޭނާ ވަނީ، ކުންފުންޏަށް އަލުން ފައިދާވާން ފަށަންދެން އަހަރަކު 1 ޑޮލަރުގެ މުސާރައަކަށް މަސައްކަތްކޮށްދޭން ހުށަހަޅާފައެވެ. މީގެ އިތުރުން، ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން އަޣުލަބިއްޔަތު މީހުންގެ ތާއީދު އޭނާއަށް އޮތް ކަމަށް ވިޝާލް ބުނެފައިވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އަށް ބިލިއަން ޑޮލަރުގެ އަގެއް ހުރި މި ކުންފުނީގެ އަގު މިހާރު ވަނީ 300 މިލިއަން ޑޮލަރަށް ވެއްޓިފައެވެ. އަދި 2021 ވަނަ އަހަރު 1.5 ބިލިއަން ޑޮލަރުގައި ހުރި ކުންފުނީގެ އާމްދަނީ، 2023 ވަނަ އަހަރު ވަނީ 70 މިލިއަން ޑޮލަރަށް ދަށަށް ގޮސްފައެވެ.

ނަމަވެސް ވިޝާލް ވިދާޅުވި ގޮތުގައި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކުންފުނީގެ ހާލަތު ރަނގަޅުކުރަން ފަށާފައިވަނިކޮށް އޭނާ މަގާމުން ވަކިކުރުމަކީ ބޯޑުން ހެދި ގޯހެކެވެ.

ވިޝާލް މަގާމުން ވަކިކުރި ފަހުން ކުންފުނީގެ ހިއްސާގެ އަގު ވަނީ 45 ޕަސެންޓް ދަށަށް ގޮސްފައެވެ. ކުންފުނީގެ ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވިޝާލް މަގާމުން ވަކިކުރީ އޭނާގެ ނިންމުންތަކާއި ގާބިލުކަމާމެދު އިތުބާރު ގެއްލުމުން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު