ރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައި ކޮމިޝަނާއި ޕޯޓް ސިޓީ ކޮލަމްބޯ ގުޅިގެން، ރާއްޖޭގެ ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން "ޕޯޓް ސިޓީ ކޮލަމްބޯ އިންވެސްޓާ ފޯރަމް"އެއް ބާއްވައި، ވިޔަފާރި ފުރުސަތުތައް ހިއްސާކޮށްފިއެވެ.
މި ފޯރަމަކީ ސްރީލަންކާ އާއި ރާއްޖޭގެ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ހައިކޮމިޝަނުން ބުނެއެވެ. ސިންގަޕޫރު، ޔޫއޭއީ އަދި އޮމާންގައި މި އަހަރު ބޭއްވުނު ކާމިޔާބު ފޯރަމްތަކަށްފަހު، މިއީ ސަރަޙައްދީ އިންވެސްޓަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ބައެކެވެ. 269 ހެކްޓަރުގެ މި ސިޓީއަކީ ސްރީލަންކާގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު (އެސްއީޒެޑް)އެއް ކަމަށްވާއިރު، މިއީ ދެކުނު އޭޝިއާގައި ވިޔަފާރި ފުޅާކުރަން ބޭނުންވާ ދިވެހި ކުންފުނިތަކަށް އޮތް ރަނގަޅު ފުރުސަތެއް ކަމަށް ޕޯޓް ސިޓީ ކޮލަމްބޯއިން ބުނެއެވެ.
ފޯރަމް ހުޅުވައިދެއްވަމުން ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މުޙައްމަދު ރިޒްވީ ޙަސަން ވިދާޅުވީ، ރާއްޖެއާއި ލަންކާއަކީ ޖިއޮގްރަފީ ގޮތުންނާއި ސަގާފީ ގޮތުން ގާތް ދެ އަވަށްޓެރިން ކަމަށެވެ. އަދި ޕޯޓް ސިޓީ ކޮލަމްބޯއަކީ މި ގާތް ގުޅުން އިޤްތިޞާދީ އައު އުސްމިންތަކަކަށް ގެންދިއުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ފޯރަމްގައި ކީނޯޓް އެޑްރެސް ދެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗެއާޕާސަން އަދި މަޓާޓޯގެ ރައީސް ޢަބްދުﷲ ގިޔާސް ރިޔާޒެވެ. އޭނާ ވިދާޅުވީ ދެ ޤައުމުގެ ގުޅުން ހަމައެކަނި އާދައިގެ ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ތަޢުލީމާއި ޞިއްޙީ ދާއިރާއަށް ބަރޯސާވުމުގެ ބަދަލުގައި، އިންވެސްޓްމަންޓާއި އީޖާދީ މަސައްކަތްތަކުގެ މައްޗަށް ބިނާކުރަންޖެހޭ ކަމަށެވެ.
ޕޯޓް ސިޓީގެ ތަޖުރިބާ ހިއްސާކުރައްވަމުން ގިޔާސް ވިދާޅުވީ، އެތަނުގެ ޔުޓިލިޓީ ޚިދުމަތްތައް ގުޅާލެވި، އޮފީސްތައް ހުޅުވި އަދި ޑިއުޓީ ފްރީ މޯލްއެއް ވެސް މިހާރު ހިންގަމުންދާ ކަމަށާއި، ކޮންމެ ސީރިއަސް އިންވެސްޓަރަކު ވެސް އެތަނުގެ ފުރުސަތުތައް ބަލަންޖެހޭ ކަމަށެވެ.
ޕޯޓް ސިޓީ ކޮލަމްބޯއަކީ ސަތޭކަ އިންސައްތަ ބޭރުގެ ފަރާތްތަކަށް މިލްކުވެވޭ، ބޭރު ފައިސާއިން މުޢާމަލާތްކުރެވޭ އަދި 16 ބާވަތެއްގެ ފައިސާ ބޭނުންކުރެވޭ ތަނެކެވެ. މީގެ އިތުރުން، ރާއްޖޭގައި ހުރި ލަންކާގެ ބޭންކުތައް ކަމަށްވާ ބޭންކް އޮފް ސިލޯން، ކޮމާޝަލް ބޭންކް އަދި ހެޓަން ނޭޝަނަލް ބޭންކް މެދުވެރިކޮށް ދިވެހި ވިޔަފާރިވެރިންނަށް އެތަނުގައި ފަސޭހައިން މުޢާމަލާތް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ފޯރަމް ނިންމަވާލައްވަމުން ޗެކް ޕޯޓް ސިޓީގެ އެސިސްޓަންޓް މެނޭޖިންގ ޑިރެކްޓަރ މިސް ބައި ޝިއާޕިންގ ވިދާޅުވީ، ރާއްޖެއަކީ އެ ކުންފުނީގެ ސަރަޙައްދީ ސްޓްރެޓެޖީގައި ވަރަށް މުހިންމު މާކެޓެއް ކަމަށެވެ.
ފަނަރަ ބިލިއަން ޑޮލަރުގެ މި މަޝްރޫޢަކީ ދެކުނު އޭޝިއާގެ ބައިނަލްއަޤްވާމީ ވިޔަފާރީގެ މައި ހަބަކަށް ވެގެންދާނެ ތަނެކެވެ.