ރިސޯޓްތަކުން ޑޮލަރު މާރުކުރާ އުސޫލު ބަދަލު ކުރަން ހުށަހަޅައިފި

ބަޖެޓު ކޮމިޓީގައި އެމްއެމްއޭގެ އިސްވެރިން:--- ފޮޓޯ/ މަޖިލިސް

ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑް ފަދަ ތަންތަނަށް ޒިޔާރަތްކުރާ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރަންޖެހޭ ގޮތަށް އޮތް އޮތުން އުވައިލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރު ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ކެޓަގަރީ އޭ ގައި ހިމެނޭ ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑު ފަދަ ތަންތަނަށް ކޮންމެ މަހަކު ވަންނަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭނެ ކަމަށެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ރިސޯޓުތަކާއި ގެސްޓްހައުސް ފަދަ ތަންތަނަށް ފަހު ފައިސާ މާރުކުރަން ދެން ޖެހޭނީ އާމްދަނީގެ ގޮތުގައި އަހަރަކު މަދުވެގެން 15 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ފަރާތްތަކެވެ. އެ އަދަދު 25 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ވެސް ވަނީ ހުށަހަޅައިފައެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު އަދި އިސްލާހު ހުށަހެޅުއްވި މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު --- ފޮޓޯ: މަޖިލިސް

އެފަދަ ވިޔަފާރިތަކުގެ ތެރެއިން ދިވެހީންގެ ފުރިހަމަ ހިއްސާ އެކުލެވޭ ވިޔަފާރިތަކުން ކޮންމެ މަހަކު ލިބޭ އާމްދަނީގެ ހަތް އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ހެދުމަށް ވެސް މި އިސްލާހުގައި ހުށަހަޅައިފައިވެއެވެ.

އިސްލާހު ހުށަހެޅުއްވި މަގުސަދެއް ކަމަށް ވަނީ، ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ބޭރު ފައިސާ ރުފިޔާއަށް މާރުކުރަންޖެހޭ ގޮތުގެ އުސޫލުތައް ހަރުދަނާކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހީން ހިއްސާވާ ވިޔަފާރިތަކުން ބޭރު ފައިސާ ރުފިޔާއަށް މާރުކުރަންޖެހޭ މިންވަރު ލުއިކޮށްދިނުމަށެވެ.

ބެލެވޭ ގޮތުގައި މި އިސްލާހު މި ދައުރަށް އިތުރުކުރި ވަގުތުގައި ފާސްކުރާނެއެވެ. މި އިސްލާހު ފާސްކޮށް ތަސްދީގުކޮށްފިނަމަ ގާނޫނަކަށްވެ އެއަށް އަމަލުކުރަން ފަށާނީ އަންނަ މަހުން ފެށިގެން ކަމަށް ވެސް، ޢަބްދުއްސައްތާރު ހުށަހެޅުއްވި އިސްލާހުގައިވެއެވެ.

ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް ވަކި ވަރަކަށް ޑޮލަރު ރާއްޖޭގެ ބޭންކެއްގައި މާރުކުރަން އަންގައި, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ފުރަތަމަ އެކުލަވައިލީ ގަވާއިދެކެވެ. އެ ގަވާއިދު އިއުލާން ކުރުމާއެކު ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެއާއެކު ބޮޑެތި ބަދަލުތަކާއެކު އައު ގާނޫނެއް ހަދައި އަމަލުކުރަން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ.

އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު -- ފޮޓޯ/ އެމްއެމްއޭ

ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށައިފައިވަނީ ރާއްޖޭގެ އިގްތިޞާދުގައި ބޭރު ފައިސާ ދައުރު ކުރާ މިންވަރު އިތުރުކުރުމުގެ މަގުސަދުގައެވެ. ނަމަވެސް ބޭރު ފައިސާއަށް ވުރެ ދިވެހި ރުފިޔާ ދައުރުވާ މިންވަރު އިތުރުވެ، ރާއްޖޭގައި އާންމުކޮށް ދައުރުވާ ޑޮލަރުގެ އަގު ވަނީ ކަޅު ބާޒާރުގައި ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކަޅު ބާޒާރުގައި ޑޮލަރެއް މިހާރު ލިބޭ ވަރު ވަނީ 22 ރުފިޔާއަށް ވުރެ ވެސް އިތުރުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ކޮންމެ ދުވަހަކު އުފުލެމުންދަނީ ބައެއް ނޫސްތަކުގައި ޖަހާ ސުރުޚީތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ސަޢީދު ވަނީ ބައެއް ނޫސްތަކުގެ ސުރުޚީތަކުގައި ހެނދުނު ހޭލާއިރު އެދުވަހުގެ ރޭޓަކީ 22 ރުފިޔާ ކަމަށް ޖަހައިފައި ހުންނަ ކަމަށް ވިދާޅުވެ، އެފަދަ ސުރުޚީތަކަކީ އާންމުންގެ މެދުގައި ހާސްކަން އުފައްދައި، ދޮގު ޚަބަރު ފަތުރައި "މެނިޕިއުލޭޓް" ކުރުމަށް ޖަހާ ސުރުޚީތަކެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15.42 ރުފިޔާ އެވެ. ނަމަވެސް ބޭރު ފައިސާގެ ވިޔަފާރިކުރާ ތަންތަނުންނާއި ކަޅުބާޒާރުގައި ޑޮލަރު ވިއްކަނީ ރަސްމީ ރޭޓަށް ވުރެ މާ ބޮޑުކޮށެވެ. އެގޮތުން މި ހަފްތާ ފެށުނުއިރު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 22.10 ރުފިޔާ އަށް އުފުލިފައެވެ.

ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ޑޮލަރުގެ އަގު ބޮޑުވުމާ ގުޅިގެން ބާޒާރުގައި ތަކެތީގެ އަގުތައް ދަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ.

comment ކޮމެންޓް