މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި އަހަރު ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 26.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ވިކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 24.2 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 9.3 އިންސައްތައިގެ އިތުރުވުމެކެވެ.
ރިޕޯޓުގައިވާ ގޮތުން، ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއިންނެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރުގެ 18.7 ބިލިއަން ރުފިޔާއިން 20.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 10.1 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރޭގައި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު 2.7 ބިލިއަން ރުފިޔާ ހިމެނޭއިރު، މިއީ މިދިޔަ އަހަރު ލިބުނު 2.6 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 1.4 އިންސައްތަ އިތުރު އަދަދެކެވެ. ހަމައެއާއެކު، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 4.5 ބިލިއަން ރުފިޔާއިން 5.3 ބިލިއަން ރުފިޔާއަށް ނުވަތަ 18.5 އިންސައްތައަށް މައްޗަށް ގޮސްފައެވެ.
މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި ޖުމްލަ 10.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 9.9 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ ޓީޖީއެސްޓީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އާންމު މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީޖީއެސްޓީ) އިން ލިބުނު އާމްދަނީ ވަނީ 10.4 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު ލިބުނު 3.1 ބިލިއަން ރުފިޔާގެ ބަދަލުގައި މި އަހަރު 3.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 323.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކަށް ބަލާއިރު، އިމްޕޯޓް ޑިއުޓީން ލިބުނު ފައިސާ ވަނީ 1.8 ބިލިއަން ރުފިޔާއިން 2.0 ބިލިއަން ރުފިޔާއަށް ނުވަތަ 13.2 އިންސައްތަ އިތުރުވެފައެވެ. ނޮން-ރެސިޑެންޓް ވިތުހޯލްޑިން ޓެކްސް 15.8 އިންސައްތަ އިތުރުވެ 885.0 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 4.0 އިންސައްތަ އިތުރުވެ 1.3 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މީގެ އިތުރުން އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ 5.3 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 2.6 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ހަރުމުދަލުން ލިބުނު 1.7 ބިލިއަން ރުފިޔާއާއި ސަރުކާރު ކުންފުނިތަކުގެ ޑިވިޑެންޑުގެ ގޮތުގައި ލިބުނު 483.1 މިލިއަން ރުފިޔާ ހިމެނެއެވެ. ހިލޭ އެހީގެ ގޮތުގައި 454.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރު ލިބުނު 221.2 މިލިއަން ރުފިޔާއާ އަޅައިބަލާއިރު ދެގުނައަށް ވުރެ ބޮޑު އަދަދެކެވެ.