އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރު (772.5 މިލިއަން ރުފިޔާ) ގެ އެމަޖެންސީ އެސިސްޓެންސް ލޯނެއް ދީފިއެވެ.
އޭޑީބީން ބުނި ގޮތުގައި، މި ފައިސާ ދޫކޮށްފައިވަނީ އެ ބޭންކުގެ 'އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުންނެވެ.
މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ފިއްތުންތަކަށް ލުޔެއް ހޯދައިދީ، ތެޔޮ އެތެރެކުރުމަށާއި އަސާސީ ޚިދުމަތްތައް ދެމެހެއްޓުމަށް ދިން ލޯނެކެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާއިރު, ސަރުކާރުން އަދިވެސް ރާއްޖޭގައި ތެޔޮ ވިއްކަމުން އަންނަނީ ހެޔޮ އަގުތަކެއްގައެވެ. އެކަން ސަރުކާރުން ހަމަޖައްސަނީ ވަރަށް ބޮޑު ހޭދައެއް ސަބްސިޑީއަށް ކޮށްގެންނެވެ.
އޭޑީބީން މި ފަހަރު މި ދިން ލޯނުގެ ފައިސާ ބޭނުންކުރާނީ ކަރަންޓާއި ފެން އުފެއްދުމަށް ބޭނުންވާ ޑީސަލް އެތެރެކުރުމަށާއި، ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އުފުލުމަށް ބޭނުންވާ ތެޔޮ ގަތުމަށް ކަމަށް އެ ބޭންކުން ބުނެއެވެ. މީގެ އިތުރުން، އަތޮޅުތެރޭގެ ދަތުރުފަތުރުގެ ނިޒާމަށާއި ކުނި މެނޭޖުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ތެޔޮ ހޯދުމަށް ވެސް މި ފައިސާ ބޭނުންކުރާނެ ކަމަށް އޭޑީބީން ބުނެފައިވެއެވެ.
ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ހަކަތައިގެ 94 ޕަސެންޓަކީ ޑީސަލް ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އަދި ހަމައެއާއެކު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވުމުގެ ސަބަބުން، ތެޔޮ އެތެރެކުރުމަށް ސަރުކާރުން ކުރަންޖެހޭ ހޭދަ ހަމަޖެއްސުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން މެއި މަހު ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަމަނުޖެހުންތައް ފެށުމުގެ ކުރިން މަހެއްގެ މައްޗަށް ތެޔޮ އެތެރެކުރުމަށް 50 މިލިއަން ޑޮލަރު ހޭދަކުރިއިރު، އެ އަދަދު މިހާރު ވަނީ 116 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ގާތްގަނޑަކަށް 110 ޕަސެންޓުގެ އިތުރުވުމެކެވެ. ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ދުވާލެއްގެ މައްޗަށް 8،000 ފީފާގެ ޑީސަލް ބޭނުންވާއިރު، މިއީ އަހަރެއްގެ މައްޗަށް ބަލާނަމަ 2.9 މިލިއަން ފީފާއެވެ. މިދިޔަ އަހަރު އެކަނި ވެސް ރާއްޖެއިން ތެޔޮ ގަތުމަށް 10 ބިލިއަނާ ގާތްކުރާ އަދަދަކަށް ރުފިޔާ ހޭދަކޮށްފައިވެއެވެ.
އޭޑީބީގެ މި އެހީގެ ކުރިން، ވޯލްޑް ބޭންކުން ވެސް ވަނީ މެއި މަހު ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ. އެއީ ހިނގަމުންދާ އެހެން މަޝްރޫއުތަކުން ތެޔޮ އެތެރެކުރުމަށް ބަދަލުކުރި ފައިސާއެވެ. މި ދެ އެހީއާއެކު، ތެޔޮ ގަތުމަށާއި ގުޅުންހުރި ޚިދުމަތްތަކަށް އޭޑީބީއާއި ވޯލްޑް ބޭންކުން ހަމަޖައްސައިދިން ފައިސާގެ ޖުމްލަ އަދަދު ވަނީ 90 މިލިއަން ޑޮލަރަށް އަރާފައެވެ.