ކުރީގައި ސްޓްރޯކަކީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ ބައްޔެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، މިހާރު ޒުވާނުންގެ މެދުގައި މި ބަލި ޖެހޭ މިންވަރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
ދިރިއުޅުމުގެ އާދަކާދަތަކަށް އައި ބަދަލުތަކާއި، ހަށިގަނޑުގެ މެޓަބޮލިޒަމްއާ ގުޅުންހުރި ބަލިތައް އިތުރުވުމާއި، އަދި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ކަންކަމުގެ ސަބަބުން، ސްޓްރޯކް ޖެހުމުގެ ނުރައްކާ މިހާރު ވަނީ ހަމައެކަނި ދޮށީ އުމުރުގެ މީހުންނަށް އޮތް ކަމަކަށް ވުރެ ބޮޑުވެފައެވެ.
ހިތާމައަކީ، ގިނަ ޒުވާނުންނަށް އެމީހުންގެ ކިބައިގައި މި ބަލި ޖެހުމަށް މަގުފަހިވާ ނުރައްކާތެރި ކަންކަން ހުރިކަން ނޭނގުމެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، ސްޓްރޯކްގެ އަލާމާތްތައް ދެނެގަނެވެނީ މާ ލަހުންނެވެ. މިއީ ފަރުވާ ދިނުމުގައި ލަސްތަކެއް ކުރިމަތިވާ ކަމެކެވެ. ސްޓްރޯކަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެކެވެ. ދާއިމީ ނުކުޅެދުންތެރިކަމަކުން ސަލާމަތްވުމަށްޓަކައި ވީހާވެސް އަވަހަކަށް ފަރުވާ ދިނުން މުހިންމެވެ.

ޒުވާން އުމުރުގައި ސްޓްރޯކް ޖެހުން އިތުރުވާ ސަބަބުތަކުގެތެރޭ، ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތައް ހިމެނޭ--ފޮޓޯ/އީއެމްސީ
ސްޓްރޯކެއް މެދުވެރިވަނީ ސިކުނޑިއަށް ލޭ ފޮނުވައިދޭ ހޮޅިއެއް ބެދިގެން ނުވަތަ ފަޅައިގެން ގޮސް، ސިކުނޑީގެ ސެލްތަކަށް ބޭނުންވާ އޮކްސިޖަނާއި ކާނާ ނުލިބުމުންނެވެ. މަދު މިނެޓްކޮޅެއްގެ ތެރޭގައި ސިކުނޑީގެ ސެލްތައް މަރުވެ، ހަރަކާތްތެރިވުމާއި، ވާހަކަދެއްކުމާއި، އަދި ވިސްނުމުގެ ގާބިލުކަމަށް ބުރޫއަރައެވެ.
އާންމުގޮތެއްގައި ސްޓްރޯކް ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ، ސިކުނޑީގެ ލޭހޮޅިއެއް ބެދުމުގެ ސަބަބުން މެދުވެރިވާ، އެންމެ އާންމުކޮށް ފެންނަ ވައްތަރު ކަމަށްވާ 'އިސްކީމިކް ސްޓްރޯކް' އަދި ސިކުނޑީގެ ލޭހޮޅިއެއް ފަޅައިގެން ގޮސް ލޭ ފޭބުމުގެ ސަބަބުން މެދުވެރިވާ ވައްތަރެއް ކަމަށްވާ 'ހެމޮރޭޖިކް ސްޓްރޯކް'އެވެ.
އިންޑޮނޭޝިއާގެ އީއެމްސީ ހެލްތުކެއާގެ ނިއުރޮލޮޖީ ސްޕެޝަލިސްޓް ޑރ. ޓްރައި ވަހުޔޫދީ ވިދާޅުވާ ގޮތުގައި، ޒުވާން އުމުރުގައި ސްޓްރޯކް ޖެހުން އިތުރުވާ ސަބަބުތަކުގެތެރޭ، ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތައް ހިމެނެއެވެ.
އޭގެތެރޭގައި، ކޮންޓްރޯލް ނުކުރެވޭ މަތީ ލޭގެ ފިއްތުން، ހަކުރު ބަލި، ލޭގައި ކޮލެސްޓްރޯލް މަތިވުން، ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުން، މާބޮޑަށް ފަލަވުން ނުވަތަ ބަރުދަން އިތުރުވުން، ހަރަކާތްތެރިކަން ކުޑަވުމާއި ގިނައިރު އިށީނދެގެން އިނުން، ބަނގުރާ ބުއިމާއި މަސްތުވާތަކެތި ބޭނުންކުރުން، ހިތުގެ ވިންދަށް ބަދަލު އައުން ފަދަ ބަލިތައް ހުރުން އަދި ލޭ ގަނޑުވުމުގެ މައްސަލަތައް ނުވަތަ ލޭހޮޅީގެ ބަލިތައް ހުރުން ހިމެނެއެވެ.

ޒުވާން އުމުރުގައި ސްޓްރޯކުން ރައްކާތެރިވުމަށް ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެނެސްގެން ސްޓްރޯކް ޖެހުމުގެ ނުރައްކާ ކުޑަކުރެވިދާނެ--ފޮޓޯ/އީއެމްސީ
މީގެއިތުރުން، ނުނިދާ މާ ގިނައިރު ހޭލާ ހުރުމާއި، ގިނައިން ލޮނާއި ހަކުރު އަދި ސަރުބީ އެކުލެވޭ ކާނާ ކެއުމާއި، އަދި ދިގު މުއްދަތަކަށް ނަފްސާނީ ގޮތުން ފިއްތުންތައް ތަހައްމަލު ކުރުމަކީ މި ނުރައްކާތައް އިތުރަށް ބޮޑުވާ ކަންކަމަށް ޑރ. ޓްރައި ވަހުޔޫދީ ވިދާޅުވެއެވެ.
ޒުވާން އުމުރުގައި ސްޓްރޯކުން ރައްކާތެރިވުމަށް ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެނެސްގެން ސްޓްރޯކް ޖެހުމުގެ ނުރައްކާ ކުޑަކުރެވިދާނެއެވެ.
އެގޮތުން ސަމާލުކަން ދިނުން މުހިއްމު ކަންކަމުގެތެރޭ، ގަވާއިދުން ހަކުރާއި ކޮލެސްޓްރޯލް ޗެކްކުރުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން، ހަފްތާއަކު މަދުވެގެން 150 މިނެޓް ކަސްރަތު ކުރުން، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި، ލޮނާއި ހަކުރު އަދި ސަރުބީ މަދުކުރުން، ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުން، ފުދޭވަރަށް ނިދުމާއި ހާސްކަން ކުޑަކުރުން އަދި ގަވާއިދުން ސިއްހީ ޗެކަޕް ހެދުން ފަދަ ކަންކަން ހިމެނެއެވެ.
ސްޓްރޯކަކީ ހަމައެކަނި ދޮށީ އުމުރުގެ މީހުންނަށް ޖެހޭ ބައްޔެއް ކަމަށް ހީނުކުރުމަށާއި މިއީ ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމެއްކަން ދެނަގަނެ އެކަމަށް ސަމާލުވުމަށް ޑރ. ޓްރައި ވަހުޔޫދީ އިރުޝާދު ދެއްވައެވެ.
ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ނުވަތަ ނުރައްކަލެއް އޮތްކަން އެނގިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށްފަހު އަވަހަށް ފަރުވާ ހޯދުމަކީ ސިކުނޑިއަށް ލިބޭ ގެއްލުން ކުޑަކޮށް، އަލުން ފަސޭހަވުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެކެވެ.