ކަނޑުމަތީގައި ހިންގި އޮޕަރޭޝަންތަކެއްގައި ހަރަކާތްތެރިވި ދެ ފުލުހަކާއި ދެ ސިފައިންނަށް ދިމާވި ހިތާމަވެރި ހާދިސާތަކާ ގުޅިގެން އެއްވެސް ތަހުގީގެއް ހިންގައި، ހާދިސާތައް ހިނގި ސަބަބުތައް ދެނެގަތުމަށް ފުލުހުންނާއި ސިފައިން މަސައްކަތްކުރިތޯ ނުވަތަ ނޫންތޯ ސާފުކުރުމަށްޓަކައި އެ ދެ ޚިދުމަތުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން މިއަދު ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އަށް ފޮނުއްވި ސިޓީއެއްގައި ވަނީ، ވޭތުވެދިޔަ ހަތަރު މަހު ހިންގި ބައެއް އޮޕަރޭޝަންތަކުގައި ސިފައިންގެ ދެ މީހަކާއި ދެ ފުލުހަކަށް ހިތާމަވެރި ހާދިސާތަކެއް ދިމާވެފައިވާ ކަން ފާހަގަކުރައްވައިފައެވެ. އެއީ:
- މިދިޔަ މެއި މަހު އިޓަލީގެ ޑައިވަރުން ހޯދަން ފީނި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހާދިސާ
- ޖޫން މަހު ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަނޑުމަތީ ހަރަކާތްތެރިވަނިކޮށް ފުލުހުންގެ ސްޓާފް ސާޖަންޓް އަޙްމަދު ޢާޞިފް ނިޔާވި ހާދިސާ
- މިދިޔަ ބުރާސްފަތި ދުވަހު ހިނގި ކަނޑުމަތީ ހާދިސާއެއްގައި އަޑިއަށް ދިޔަ ދޯންޏެއްގައި ތިބި މީހުން ސަލާމަތްކުރަން އުޅެނިކޮށް އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު ގެއްލުނު ހާދިސާ
މި ހާދިސާތަކާ ގުޅިގެން އެއްވެސް ތަހުގީގެއް ހިންގާކަން އެނގެން ނެތް ކަން ފާހަގަކުރައްވައި، ސަލާމަތީ ބާރުތަކުގެ އިސްވެރިން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް 12 ކަމެއް އޮޅުންފިލުވުމަށް ކުޑޫ ވަނީ ހުށަހަޅުއްވައިފައެވެ.
އޭގެ ތެރޭގައި، އެ ހާދިސާތަކާ ގުޅިގެން ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ތަހުގީގެއް ހިންގައިފައިނުވާ ނަމަ އެއީ ކީއްވެތޯއާއި ކަނޑުމަތީގެ އޮޕަރޭޝަންތައް ހިންގާއިރު ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރޭތޯއާއި މިފަދަ ހާދިސާތަކާ ގުޅިގެން އެއްވެސް އިހުމާލެއް އޮތް ކަމަށް ވާ ނަމަ އެ ކަންކަން އިސްލާހުކުރުމަށް ކުރީ ކޮން ކަމެއްތޯ ބެލުން ހިމެނެއެވެ.
ހަމަ އެއާއެކު، މި ހާދިސާތަކުގެ ސަބަބުން ސަލާމަތީ ބާރުތަކުގެ އިޖުރާއަތުތަކާ މެދު އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާ މެދު ދޭނެ ޔަގީން ކަމަކީ ކޮބައިތޯ ވެސް، ކުޑޫ އޮޅުންފިލުވުމަށް އެދިވަޑައިގެންނެވި ކަންކަމުގެ ތެރޭ ހިމެނެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް ސިފައިން ހިންގި އޮޕަރޭޝަނުގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހާދިސާގައި ޕްރޮޓޮކޯލްތައް ތަންފީޒުކުރެވުނުތޯ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދާ ސުވާލުކުރުމަށް ވެސް ކުޑޫ މީގެ ކުރިން ހުށަހެޅުއްވިއެވެ.