ތަޖިކިސްތާނުގެ ރެގާރު ޓަޑާޒްއާ ދެކޮޅަށް މާޒިޔާއިން 100 ޕަސެންޓު ދޭންޖެހޭނެ: މާޒިޔާ ކޯޗު

އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިން ބުރުގައި ތަޖިކިސްތާންގެ އެފްސީ ރެގާރު ޓަޑާޒްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު ތޯމަސް ޓްރުޗާ--- ފޮޓޯ: މާޒިޔާ

އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިން ބުރުގައި ތަޖިކިސްތާންގެ ޗެމްޕިއަން އެފްސީ ރެގާރު ޓަޑާޒްއާ ދެކޮޅަށް ނުކުންނަ މެޗުން މޮޅުވާން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޮންމެ ކުޅުންތެރިއަކުވެސް ދަނޑުމަތީގައި 100 ޕަސެންޓް ދޭންޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު، ޗެކް ރިޕަބްލިކްގެ ތޯމަސް ޓްރުޗާ ބުނެފިއެވެ.

ބުދަ ދުވަހު ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ޓްރުޗާ ފާހަގަކުރީ، މިއީ ހަމައެކަނި ފުރަތަމަ އެގާރައިގައި ކުޅެން ނުކުންނަ ކުޅުންތެރިންނާއި ކޯޗުގެ އެކަނި މަސައްކަތެއް ނޫން ކަމަށެވެ.

މެޗުން މޮޅުވެ ގްރޫޕް ސްޓޭޖަށް ދާން ބޭނުންނަމަ ބެންޗުން ކުޅެން އަރާ ކުޅުންތެރިންނާއެކު މުޅި ޓީމު އެކުއެކީގައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

އެގޮތުން، މިޑްފީލްޑަރުން މެޗު ކޮންޓްރޯލްކޮށް ޖާގަ ހޯދަންޖެހޭ އިރު، ސެންޓްރަލް ޑިފެންޑަރުންނާއި ފުލްބެކުން ދުވަހަކުވެސް ޑިފެންޑު ނުކުރާހާ މޮޅަށް ކުޅެން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

މިހާރު ކުރިއަށްދާ ކަޕް ވިނާސް ކަޕުގައި މާޒިޔާއާ އަލަށް ގުޅުނު ބިދޭސީ ތިން ކުޅުންތެރިން-- ފޮޓޯ؛ މާޒިޔާ

މާޒިޔާ އާއި ރެގާރު ޓަޑާޒް ބައްދަލުކުރާ މެޗު އެންމެ ފުރަތަމަ ކުޅެން ތާވަލުކުރީ ގަލޮޅު ރަސްމީ ދަނޑުގައެވެ. ނަމަވެސް، ތަޖިކިސްތާންގެ ކަޕް ޗެމްޕިއަން ރެގާރު ޓީމަށް ރާއްޖެ އައުމުގައި ދަތުރުފަތުރުގެ މައްސަލަތަކެއް ދިމާވެ، ރާއްޖެ އާދެވުނީ މެޗު ކުޅެން އޮތް ދުވަހުގެ ހެނދުނު ކަމަށްވުމުން، އޭއެފްސީން ވަނީ މެޗު ބުދަ ދުވަހުގެ ހަވީރު 15:00 އަށް ފަސްކޮށްފައެވެ.

މެޗު ފަސްވުމާ ގުޅިގެން ޓްރުޗާ ބުނީ، މީގެ ސަބަބުން ޓީމަށް ލިބިފައިއޮތް "މޮމެންޓަމަށް" އަސަރުކޮށް، ކުރިން ރޭވި ޕްލޭންތަކަށް ބަދަލުގަންނަން ޖެހުނު ކަމުގައި ވިޔަސް، މިއީ އަމިއްލަ ކޮންޓްރޯލުން ބޭރުގައި އޮތް ކަމެއް ކަމަށެވެ.

އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިން ބުރުގައި ތަޖިކިސްތާންގެ އެފްސީ ރެގާރު ޓަޑާޒްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާއާއި ރެގާރު ޓަޑާޒްގެ ކޯޗުންނާއި ކެޕްޓަނުން--- ފޮޓޯ: މާޒިޔާ

އިދިކޮޅަށް ނުކުންނަ ރެގާރު ޓަޑާޒްއަކީ ވަރަށް ވަރުގަދަ އަދި އޯގަނައިޒްޑް ޓީމެއްކަން ފާހަގަކުރަމުން ޓްރުޗާ ބުނީ، އެ ޓީމުގެ ކޯޗާއެކު ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވުމާއި، ވަރުގަދަ ކުޅުންތެރިން އެކުގައި ކުޅެފައިވާ މުއްދަތު އިތުރުވުމަކީ އެ ޓީމުގައި ތިބި ކުޅުންތެރިންނަށް އޮތް ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ.

މީގެ އިތުރުން އެ ޓީމުގައި ތަޖިކިސްތާން ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކެމަރޫން ފަދަ ގައުމުތަކުގެ ވަރުގަދަ ބިދޭސީ ކުޅުންތެރިން ހިމެނޭއިރު، އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. އެހެންކަމުން، މާޒިޔާއިން މި މެޗަށް ނުކުންނަން ޖެހޭނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށް އޭނާ ފާހަގަކުރިއެވެ.

ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ފަސް ފަހަރު ހޯދާފައިވާ މާޒިޔާގެ ކޯޗުކަމާ ޓްރުޗާ ހަވާލުވީ މީގެ 11 ވަރަކަށް ދުވަސް ކުރިންނެވެ. ރުވާންޑާގެ ކްލަބެއްގެ އޮފާ ދޫކޮށް މާޒިޔާއާ ގުޅުނު ނިންމުމަކީ ފުޓްބޯޅައިގެ ތެރޭގައި އޭނާ ނިންމި ރަނގަޅު ނިންމުމެއްގެ ގޮތުގައި އޭނާ ވަނީ މި ޕްރެސްގައި ފާހަގަކޮށްފައެވެ.

ނަމަވެސް، ޓީމާ އެކު ލިބުނު ވަގުތު ކުޑަވުމާއި، ބިދޭސީ ކުޅުންތެރިން އެކި ފަހަރު މަތިން ޓީމާ ގުޅުމުގެ ސަބަބުން، ޓީމުގެ ފިޓްނަސް އާއި ކުޅުން އޭނާ ބޭނުންވާ 100 ޕަސެންޓް ލެވަލްގައި އަދި ނެތް ކަމަށްވެސް އޭނާ އެއްބަސްވިއެވެ.

އޭއެފްސީ ޗެލެންޖް ލީގުގެ ފޯމެޓަށް ގެނައި ބަދަލާއެކު ރާއްޖެއަށް ޕްރިލިމިނަރީ ބުރުގައި ކުޅެން ޖެހުނުއިރު، މާޒިޔާއިން އިރުޝާދުދޭ ތިންވަނަ މެޗުގައި ޓްރުޗާގެ ބެލުމުގެ ދަށުން ނުކުންނަ މި މެޗުން މޮޅުވެއްޖެނަމަ، މުބާރާތުގެ ގްރޫޕް ސްޓޭޖުން މާޒިޔާއަށް ޖާގަ ކަށަވަރުވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު