ބޭންކުތަކަށް ހަފުތާއަކު ދޫކުރާ އެމެރިކާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މި ބަދަލު ގެނައީ ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމަށާއި ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައިދިނުމަށެވެ.
މި ހަފުތާއިން ފެށިގެން ކުރިއަށް އޮތް ތިން ހަފުތާއަށް މި ގެނައި 51 އިންސައްތައިގެ އިތުރުވުމަކީ ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބޭނެ މަގު އިތުރަށް ފަހިކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ. މީގެ ސަބަބުން، މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެ އޮތޯރިޓީން ފާހަގަކުރިއެވެ. ޚާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ލިބުމުގައި ހުރި ހުރަސްތައް ކުޑަވެ، ޓެލެގްރާފިކް ޓްރާންސްފާ (ޓީޓީ) އަދި ލެޓާ އޮފް ކްރެޑިޓް (އެލްސީ) މެދުވެރިކޮށް މުދާ އެތެރެކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ބުންޏެވެ.
މިދިޔަ ފެބުރުއަރީ މަހުން ފެށިގެން ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު މަދުވުމާ ގުޅިގެން، ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވެފައިވާ ފިއްތުންތައް ކުޑަކުރުމަށް އެމްއެމްއޭ އިން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. ޑޮލަރު ލިބޭ މިންވަރު ދަށްވެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ މަޑުޖެހުމާ ގުޅިގެންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މެދުއިރުމަތީގެ މައްސަލަތަކާ ގުޅިގެން ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން މިއަހަރުގެ މާޗު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 20.7 އިންސައްތަ ދަށްވެފައެވެ. އަދި ބައެއް ދުވަސްދުވަހު ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު 50 އިންސައްތައަށް ވެއްޓިފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ވަންނަ ބޭރު ފައިސާގެ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
މީގެ ކުރިންވެސް ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް އެމްއެމްއޭ އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ޒަރޫރީ ކާބޯތަކެތި އިމްޕޯޓްކުރާ ވިޔަފާރިވެރިންނަށް އެހީތެރިވުމަށާއި އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ޓަކައި ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 32 އިންސައްތަ އިތުރުކުރިއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ އޮފް ސީޒަނާ ދިމާކޮށް ވިޔަފާރިތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ ޖޫން މަހުވެސް ވަނީ ހަފުތާއަކު ދޫކުރާ ޑޮލަރުގެ މިންވަރު 26 އިންސައްތަ އިތުރުކޮށްފައެވެ.
ޑޮލަރު މާރުކުރުމުގައި ރިސޯޓުތަކަށް ދީފައި އޮންނަ، ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އިހުތިޔާރު އުވާލައި، އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް ގާނޫނަށް ގެންނަ އިސްލާހުތައް, އެމްއެމްއޭ އިން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަން ވެސް މިއަދު އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.
އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވިގޮތުގައި މި ބަދަލު ގެންނަން ނިންމީ ހުރިހާ ރިސޯޓުތަކުން ވެސް އެއް މިންވަރެއްގައި ޑޮލަރު މާރުކުރެވޭނެ ގޮތެއް ހެދުމަށެވެ.
މަތީ ފަންތީގެ ރިސޯޓުތަކުގައި ކޮޓަރިއެއްގެ އަގު އެތައް ހާސް ޑޮލަރަކަށް އަރާއިރު، ބޮލަކަށް 500 ޑޮލަރު މާރުކުރުމުން އާދައިގެ އެހެން ރިސޯޓުތަކުގެ ޖުމްލަ އާމްދަނީއާ އަޅައިބަލާއިރު މާރުކުރެވޭ ނިސްބަތް ވަރަށް ބޮޑަށް ދަށްވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ޑޮލަރު މާރުކުރާ އުސޫލަށް އެމްއެމްއޭއިން ބަދަލު މި ގެންނަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދުވަހަކު ވެސް ނުދާހާ މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިހާރު ކަޅު ބާޒާރުން ޑޮލަރެއް ގަންނަން ލިބެނީ 22 ރުފިޔާއަށް ވުރެ އަގު ބޮޑުކޮށެވެ. ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު މީގެ ސަބަބުން ތަކެތީގެ އަގުތައް އިތުރަށް އުފުލޭނެއެވެ.