ކުލަބް މޯލްޑިވްސް "ސެކްޓަރ ލީގު 2026" ގެ ސެމީ ފައިނަލުގެ ޖާގަތައް ކުލަބު ހޯކްސް، ކުލަބު ވެލިގާ، ކުލަބު އާރްސީސީ އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ) އިން ކަށަވަރުކޮށްފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ސެމީއަށް އެންމެ ފަހުގެ ރަނަރަޕް ހޯކްސް ދަތުރުކުރީ ކުއާޓާ ފައިނަލުގައި މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީ (އެމްއޭޑަބްލިއުސީ) އަތުން 4-1 އިން މޮޅުވެގެންނެވެ.
މި މެޗުގައި ހޯކްސްގެ އަޙްމަދު އައިހަމް ދެ ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ނާއިމް އާއި މުޙައްމަދު ތޯހިރެވެ. އެމްއޭޑަބްލިއުސީގެ ހަމައެކަނި ލަނޑު ޖެހީ ހުސައިން ފަޔާޒެވެ.
ކުލަބު މޯލްޑިވްސް ސެކްޓާ ލީގުގެ ކުއާޓާ ފައިނަލުގައި އާރުސީސީ މޮޅުވި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާމުބާރާތުގެ ސެމީއަށް ދިޔަ އަނެއް ތިން ޓީމުވެސް ޖާގަ ހޯދީ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެގެން ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައެވެ. އެގޮތުން، ލިއޯ އެފްސީގެ ސޮފްވާން އަދުނާން ލީޑު ނަގައިދީފައިވަނިކޮށް، އަޙްމަދު މަނާލް އިބްރާހީމް ވެލިގާއަށް ނަތީޖާ އެއްވަރުކޮށްދިން މެޗު 1-1 އިން އެއްވަރުވުމުން، ވެލިގާއިން ސެމީގެ ޖާގަ ހޯދީ ޕެނަލްޓީގައި 5-4 އިން ކުރިހޯދައިގެންނެވެ.
މީގެ އިތުރުން، އާރްސީސީ އާއި ސިލްވަރ ސޭންޑްސް ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު 0-0 އިން އެއްވަރުވުމުން އާރްސީސީން ސެމީއަށް ދިޔައީ ޕެނަލްޓީގައި 5-4 އިން މޮޅުވެގެންނެވެ. އަދި މާކޯ ރެކްރިއޭޝަން ކުލަބާ ދެކޮޅަށް ކުޅުނު މެޗުވެސް 0-0 އިން އެއްވަރުވުމުން، މިބްސާއިން ސެމީގެ ފަހު ޖާގަ ކަށަވަރުކުރީ ޕެނަލްޓީގައި 4-2 އިން ކުރިހޯދައިގެންނެވެ.
ސެމީ ފައިނަލުގެ މެޗުތައް ކުރިއަށްދާނީ ބުދަ އަދި ބުރާސްފަތި ދުވަހުގެރޭ 20:45 ގައެވެ. ފުރަތަމަ ސެމީގައި އޮގަސްޓް 12 ވާ ބުދަ ދުވަހުގެރޭ ކުލަބު ހޯކްސް ބައްދަލުކުރާނީ ކުލަބު ވެލިގާއާއެވެ. އަދި ދެވަނަ ސެމީގައި އޮގަސްޓް 13 ވާ ބުރާސްފަތި ދުވަހުގެރޭ ކުލަބު އާރްސީސީ ނުކުންނާނީ މިބްސާއާ ދެކޮޅަށެވެ. މި މެޗުތައް އެސްއެސްޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސަން ޕްލޭއިންވެސް މެޗުތަައް ވަގުތުން ގެނެސްދޭނެއެވެ.