ވޮޝިންޓަން (11 އޮގަސްޓް 2026) : ޔަހޫދީ އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ވަރަށް ނުރައްކާތެރި ޝައިތާނީ މީހެއްކަމަށް އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންގެ ދަރިކަލުން ހަންޓާ ބައިޑެން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ނޫސްވެރިއެއްކަމަށްވާ ޓާކާ ކާލްސަން ގެނެސްދެއްވާ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހަންޓާ ބައިޑެން ވިދާޅުވީ ނަތަންޔާހޫގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން ޚުދު ޔަހޫދީންވެސް ސަލާމަތް ނުވާކަމުގައެވެ.
މި ބަސްދީގަތުމުގައި ހަންޓާ ބައިޑެން ވިދާޅުވިގޮތުގައި ނަތަންޔާހޫ ގެންދަނީ އޭނާގެ އަނިޔާވެރިކަމާއި ޖައްބާރުކަމަށް ފާޑުކިޔާ ކޮންމެ މީހަކީ އެންޓި ސެމިޓިސްޓެއް ނުވަތަ ޔަހޫދީންނާ އިދިކޮޅު އަދި ޔަހޫދީންނާ ޖައްސާލައިގެން އުޅޭ މީހެއްކަމަށް ސިފަކުރަމުން ކަމަށާއި އެއީ ސިޔާސީ ބޭނުމެއްގައި މީހުންގެ ދޫ ބަންދުކުރަން ނަތަންޔާހޫ ބޭނުންކުރާ ހަތިޔާރެއްކަމުގައެވެ.
"އެންޓިސެމިޓިޒަމް" އަކީ ނަތަންޔާހޫ ފަދަ އިސްރާއީލުގެ ވެރިން ހިންގާ ހަރުކަށި އަމަލުތަކާއި ޖަރީމާތަކަށް ފާޑުކިޔާތީ އެކަން ހުއްޓުވުމަށް ސިޔާސީ ގޮތުން ބޭނުންކުރާ ހަތަޔާރެއް" ހަންޓާ ބައިޑެން ވިދާޅުވިއެވެ.
އެމެރިކާގެ ކަނާތު ފިޔައިގެ ފިކުރުގެ ވަރަށް ނުފޫޒުގަދަ ނޫސްވެރިއެއްކަމަށްވާ ޓާކާ ކާލްސަންއަކީ ކުރިން ޓްރަމްޕާއި ނަތަންޔަހޫ އަށް ވަރަށް ތާއީދުކުރެއްވި ބޭފުޅެކެވެ. ނަމަވެސް ޓްރަމްޕް އާއި ނަތަންޔާހޫގެ އަނިޔާވެރި އަމަލުތައް މާ މައްޗަށް ދިޔުމުން ކާލްސަންވަނީ އެދެމީހުންނަށް ފާޅުގައި ފާޑުކިޔައި އެދެމީހުންގެ އަނިޔާވެރި ހަގީގަތް އެމެރިކާގެ ރައްޔިތުންނަށް ހާމަކުރުމުގެ ބޮޑު ކޭންޕެއިން އެއް ފަށާފައެވެ.
ހަންޓާ ބައިޑެން ވިދާޅުވިގޮތުގައި އެމެރިކާގެ ޒުވާނުންގެ ގިނަބަޔަކު ދެކެނީ ނަތަންޔާހޫ އަކީ ދުނިޔޭގައި އުފެދުނު އެންމެ އަނިޔާވެރި މުޖްރިމުންގެ ތެރޭގައި ހިމެނޭ މުޖްރިމެއްގެ ގޮތުގައެވެ. ނަތަންޔާހޫއަކީ އެވިލް އިންކާނޭޓް އެއްގެ ގޮތުގައި ސިފަކުރައްވަމުން ނަތަންޔާހޫފަދަ އިސްރާއީލުގެ ވެރިން ހިންގާ އަނިޔާވެރި އަމަލުތަކަށް ފާޑުކިޔަން އެމެރިކާގެ ގިނަ ބަޔަކު މިހާރު ޖެހިލުން ނުވާކަމަށްވެސް ހަންޓާ ބައިޑެން ވިދާޅުވިއެވެ.
ހަންޓާ ބައިޑެން ވިދާޅުވިގޮތުގައި ނަތަންހާޔޫގެ އަމުރަށް އިސްރާއީލުގެ ބައެއް ފަރާތްތަކުން އޭނާއަށް އަމާޒުކޮށްގެން ޖާސޫސީ އަމަލުތަކެއްވެސް ވަނީ ހިންގާފައެވެ. މިގޮތުން އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން 2020 ވަނަ އަހަރު އޭނާގެ ލެޕްޓޮޕްގައިވާ މައުލޫމާތުތަކެއް ހޯދުމަށް އިސްރާއީލުން ސައިބާ ހަމަލާތަކެއް ދިންކަން ހަންޓާ ބައިޑެން ފާހަގަ ކުރެއްވިއެވެ.