ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ ދެ އިމާރާތެއްގައި ރޯވެ މީގެ ދޮޅު އަހަރު ކުރިން ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެއާ ކޮންޑިޝަނަރުތަކެއްގައި ހުރި ވަޔަރުތަކެއްގައި ރޯވެގެން ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޒިޔާދު (ފިއްޓޭ)ގެ ސުވާލަކަށް ޖަވާބު ދެއްވަމުން އިޙްސާން ވިދާޅުވީ، ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ ގްރީން ބިލްޑިން ކޮމްޕްލެކްސްގައި ރޯވި އަލިފާނުގެ ހާދިސާގެ ތަހުގީގު ނިމިފައިވާ ކަމަށެވެ.
އިޙްސާން ވިދާޅުވީ، އެއީ ބަޔަކު ގަސްދުގައި ރޯކުރި އަލިފާނެއްކަން ތަހުގީގަށް ފާހަގަވެފައި ނެތް ކަމަށެވެ.
"ކަރަންޓުގައި ރޯވެފައި އެންމެ ފުރަތަމަ އިނީޝިއަލް ސްޓޭޖުގައި ފުލުހުން އެ ތަނަށް އެޓެންޑުވެގެން ފުލުހުންގެ ބޮޑީކޭމް ފުޓޭޖުން އަޅުގަނޑުމެންނަށް ސާބިތު އެބަ ވޭ އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ސީލިންގަނޑު ތެރޭގައި އެއާ ކޮންޑިޝަންތެރޭގައި ހުރި ވަޔަރުތަކެއްގައި ކަން،" އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅޭ އިތުރު ތަފުސީލު ހިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ.
ޑިސެންބަރު 12، 2024ގައި ހިނގި ހާދިސާގައި ވަނީ ހައުސިން މިނިސްޓްރީއާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުން ދިޔަ ގްރީން ބިލްޑިން ކޮމްޕްލެކްސްއަށް ބޮޑެތި ގެއްލުންތަކެއްވެ، ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ. އިމާރާތުގައި ހުރި ގިނަ ލިޔެކިއުންތަކެއް ވެސް އަނދައިފައިވެއެވެ. އެ އިމާރާތުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުގެ އިދާރާއެއް ވެސް ހިންގައިފައިވެއެވެ.
މިއީ ދިވެހި ދައުލަތުގެ އިމާރާތެއް މިހެން ރޯވެ ލިބުނު އެންމެ ބޮޑު އެއް ގެއްލުމެވެ.
އެ ހާދިސާގެ އެއްވެސް މައުލޫމާތެއް އޭރު ހާމަނުކުރާތީ ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ.
އެގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ބައިވަރު ސުވާލުތަކެއް އެބަހުރި ކަމަށެވެ. އެ ހާދިސާގައި ގެއްލުނީ ކޮންކޮން ލިޔެކިޔުންތަކެއްކަން އަދިވެސް ރަނގަޅަށް ސާފުނުވާކަމަށް ވިދާޅުވެ، އެއްވެސް ބަޔަކު، ގެއްލިގެން އުޅެނީ ކޮން އެއްޗެއްކަން ބުނެދޭކަށް ވެސް ބޭނުންނުވާ ކަމަށް އެ މަނިކުފާނު އޭރު ތުހުމަތުކުރެއްވިއެވެ.