މަސްތުވާތަކެތީގެ މައްސަލައެއްގައި، ށ. މާއުނގޫދޫ މީހަކު އުމުރަށް ޖަލަށްލާން އެ ރަށު ކޯޓުން ހުކުމް ކޮށްފިއެވެ.
ހޯމަ ދުވަހު، މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން، އުމުރަށް ޖަލަށްލާން ހުކުމް ކުރި މީހަކީ، އެ ރަށު, ފެހިވިލާގޭ މުހައްމަދު ފާރިގުއެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައަކީ، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މުހައްމަދު ފާރިގު، މާއުނގޫދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތެއްގެ އަލީގައި އެ ގެ ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތި ފެނުނު މައްސަލައެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ގެ ބަލައި ފާސްކުރި ކުރުމުން އެގޭގެ ދެ ތަނަކުން މަސްތުވާތަކެތި ފެނުނު ކަމަށް މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި މެޖިސްޓްރޭޓް ބަޔާން ކުރައްވާފައި އޮތެވެ.
މި މައްސަލައިގެ ޝަރިއަތުގައި، މުހައްމަދު ފާރިގުވަނީ އޭނާގެ މައްޗަށް ކުރެވުނު މަސްތުވަތާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އެހެންކަމުން މައްސަލަ ސާބިތުކޮށްފައިވަނީ ފުލުހުން ހުށަހެޅި ހެކިތަކުގެ އަލީގައެވެ. ފުލުހުން ހުށަހެޅި ހެކިތަކުގެ ތެރޭގައި، މުހައްމަދު ފާރިގުގެ ބޭންކް އެކައުންޓްގައި ގިނަ އަދަދެއްގެ ފައިސާ ދައުރުވެފައިވާ ކަމުގެ ތަފްސީލްތައްވެސް ހިމެނިފައިވެއެވެ. ޝަރިއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ކުރު މުއްދަތެއްގެ ތެރޭގައި ލައްކައަކަށްވުރެ ގިނަ ރުފިޔާ މުހައްމަދު ފާރިގުގެ އެކައުންޓަށް ވަދެފައިވެއެވެ.
މި މައްސަލައިގައި، މުހައްމަދު ފާރިގުގެ މައްޗަށް އިއްވާފައިވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު، 100،000 ރުފިޔާގެ ޖޫރިމަނާއެކެވެ. މި ފައިސާ، 12 މަސް ދުވަހުގެ ތެރޭގައި ދައްކަންވަނީ ހުކުމްކޮށްފައެވެ.