އިންފަންޓީނޯއާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް ފީފާގެ ވަރުގަދަ އިންޒާރެއް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ--

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ލީޑަޝިޕް ނަގާލުމަށް ރޭވިގެން ކުރިއަށްދާ މަސައްކަތްތަކާ ދެކޮޅަށް އުޅޭ ފަރާތްތަކަށް ފީފާއިން އިންޒާރުދީފިއެވެ.

ފީފާއިން މިގޮތަށް އިންޒާރުދީފައިވަނީ އިންފަންޓީނޯއާ ދެކޮޅަށް ފުޓުބޯޅައާ ގުޅުންހުރި ގިނަ ފަރާތްތަކެއް ތެދުވުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ފީފާއިން ބުނެފައިވަނީ އިންފަންޓީނޯގެ ރިޔާސަތަށް ގޮންޖަހަންވާނީ އެ އިދާރާގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

މި ބަޔާން ނެރެފައިވަނީ ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކުގެ ކުޅިވަރު ވިޔަފާރީގެ ހިއްސާއެއް ވިއްކާލައިގެން 4.2 ބިލިއަން ޑޮލަރު ހޯދުމަށް އިންފަންޓީނޯ ހުށަހެޅުއްވި ޕްލޭން ފެއިލްވުމާ ގުޅިގެން، ފީފާގެ ހިންގުމުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އިންފަންޓީނޯގެ މި ޕްލޭނަށް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އާއި، ބައެއް ގައުމީ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ އިތުރުން ފީފާގެ އިސް މަސްއޫލުވެރިންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. މީގެ ސަބަބުން އިންފަންޓީނޯ އިސްތިއުފާ ދެއްވުމަށް ގޮވާލާ އަޑުތައް ގަދަވެ، މި ހަފުތާގައި މޮރޮކޯގައި ކުއްލި ބައްދަލުވުމެއް ބޭއްވިއެވެ. ނަމަވެސް އެ ބައްދަލުވުމުގައި ފީފާގެ ލީޑަޝިޕުން ވަނީ ރައީސް އިންފަންޓީނޯއަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކޮށްފައެވެ.

އިންފަންޓީނޯއާ ދެކޮޅަށް މަސައްކަތްކުރަނީ ކޮން ބައެއްކަމެއް ނުވަތަ އެއީ ކޮން ތުހުމަތުތަކަކާ ގުޅިގެން ކަމެއް ފީފާގެ ބަޔާނުގައި ސީދާ ބުނެފައެއް ނުވެއެވެ. ނަމަވެސް، އިނގިރޭސިވިލާތުގެ "ދަ ޑެއިލީ ޓެލެގްރާފް" ނޫހުން ވަނީ އިންފަންޓީނޯ ޔުއެފާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ އިދާރާގެ ކުރީގެ މުވައްޒަފަކަށް ފައިސާ ދެއްވި ކަމަށް ބުނެ ރިޕޯޓެއް ޝާއިއުކޮށްފައެވެ. އިންފަންޓީނޯ އާއި ފީފާއިން ވަނީ މި ތުހުމަތުތައް މުޅިން ދޮގުކޮށްފައެވެ.

މީގެއިތުރުން މި ބަޔާނުގައި ފީފާގެ މެންބަރު އެސޯސިއޭޝަންތަކުގެ ތާއީދު ނެތް ފަރާތްތަކުން، ފީފާގެ އިންތިޚާބީ އުސޫލުތަކުން ހާސިލުނުކުރެވޭ ކަންކަން، ދޮގު މައުލޫމާތާއި އިލްޒާމްތައް އަޅުވައިގެން ހާސިލުކުރަން އުޅެގެން ނުވާނެކަމަށާއި ފީފާއާއި އެ އިދާރާގެ ރައީސާ ގުޅޭގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުމާ ދެކޮޅަށް ސާބިތުކަމާއެކު ފީފާއިން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ފީފާގެ ރައީސް އިންތިޚާބުކުރުމުގެ ކަންކަން ކުރިއަށްދާނީ އިދާރީ ގަވާއިދުތަކާއި ދިމުގުރާތީ ހަމަތަކުގެ މަތިން ކަމަށްވެސް ބަޔާނުގައިވެއެވެ.

އަންނަ އަހަރުގެ މާޗު މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައި ހަތަރުވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް އިންފަންޓީނޯ ތައްޔާރުވެވަޑައިގަންނަވަމުންދާއިރު، މި މައްސަލައިގެ ސަބަބުން އޭނާގެ ކެމްޕޭނަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ނަމަވެސް އަދިވެސް އޭނާއާ ދެކޮޅަށް ނުކުންނާނެ ވަރުގަދަ ކެންޑިޑޭޓެއް ފެންނާކަށް ނެތެވެ.

ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ވަނީ އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ބުނެފައެވެ. އަދި ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަންގެ ރައީސް ވަނީ ފީފާ ހިންގުމުގެ އިތުބާރު އިންފަންޓީނޯގެ ކިބައިގައި މިހާރު ނެތުމުން އޭނާ އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.

އެހެންނަމަވެސް، ފީފާގެ 211 މެންބަރުންގެ ތެރެއިން ގިނަ ގައުމުތަކެއްގެ ތާއީދު އަދިވެސް އިންފަންޓީނޯއަށް އެބައޮތެވެ. އެގޮތުން އަފްރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަން (ސީއޭއެފް) އިން ވަނީ އިންފަންޓީނޯއަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. އަދި ދެކުނު އެމެރިކާގެ ކޮންމެބޯލް އިން ވަނީ ހުރިހާ މެންބަރުންގެ ވޯޓަކާ ނުލައި އިންފަންޓީނޯ މަގާމުން ވަކިކުރަން ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅުހަދާފައެވެ. މެކްސިކޯގެ ފުޓްބޯޅަ ފެޑަރޭޝަނުންވެސް ވަނީ އިންފަންޓީނޯއަށް ތާއީދުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު